logo
ޖަލުގެ މަރުތަކުގެ ތެރެއިން ޔާސިރު ޔަހްޔާ
ސިޔާސީ
3 ސެޕްޓެމްބަރ 2025
3 މިނިޓް
377
Post image
2014 ވަނަ އަހަރު ރާއްޖެ އައިސް ހަމަ އެހަރު ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ވަނީ 3 މާރިޗް 2017 ގައި ހުކުމެއް ކުރުމެއްނެތި ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައެވެ. ރައީސް ޔާމީންގެ ސަރުކާރުން ބަންދުކުރި ޔާސިރުގެ ބަންދު، ފަހުން އައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވެސް ވަނީ ދަމަހައްޓާފައެވެ. ދެ ސަރުކާރުން ވެސް ދެއްކީ އެއްވާހަކައެކެވެ. ނިރުބަވެރިއެއް ކަމަށް ތުހުމަތު ކުރެވޭ ވާހަކައެވެ. މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވުމަކީ އަދި އެމީހަކު ކުށްވެރިއަކަށް ވުމެއްނޫނެވެ. ތުހުމަތު ކުރެވޭ މީހާއަށް، އެކުރެވޭ ތުހުމަތުން ބަރީއަވާން ފުރުޞަތު ލިބޭނީ ޝަރީޢަތުގެ މަޖިލީހުގައެވެ. ނަމަވެސް ޔާސިރު ޔަހްޔާއަށް އެފުރުސަތެއް ނުލިބުނެވެ. ސަރުކާރުން، ނިރުބަވެރިއެއް ކަމުގައި ބުނަމުން އައިނަމަވެސް އޭނަގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ. އަބަދު ވެސް ބުނަމުންއައީ ތުހުމަތު ކުރެވޭ ކަމުގައެވެ. އެބުނާ ތުހުމަތުން ބަރީވެ ކުށެއް ނެތްކަން ސާބިތު ކޮށްދޭން ޔާސިރަށް އެރުގެ ސަރުކާރުން ފުރުޞަތެއް ނުދިނެވެ. އޭނަގެ މައްޗަށް އެފަދަ ތުހުމަތު ތަކެއް އޮތްނަމަ ޝަރީޢަތްކޮށް ހުކުމް ކުރުމަށް ފަހު ހުކުމް ތަންފީޒު ކުރުމަށް ބަންދު ކުރިނަމަ އެބުނާ ވާހަކައިގެ އޮށްތަރެއް ހުރީހެވެ.
އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މުދައްރިސަކަށް އުޅެނިކޮށް ހައްޔަރު ކުރި ޔާސިރު ޔަހްޔާއި ބެހޭގޮތުން، 2 އޮކްޓޯބަރ 2019 ގައި އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ޔަމަން މީހެއް ކަމަށްވާ ޔާސިރު ޔަހުޔާ އަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުންނަން ޖެހިފައި ވަނީ ރާއްޖެ ދޫކޮށް ދާން އެންގުމުން އެކަމަށް އިންކާރު ކުރަމުން ދާތީ ކަމަށެވެ. 5 އޯގަސްޓް 2020 ގައި، ޔާސިރުގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެރަރިސްޓް ޖަމާޢަތެއް ހިންގުމުގައި ބައިވެރިކުރުމަށް މީހަކު އެޖަމާޢަތާއި ގުޅުވުމަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމަކަށްވީއިރު، އިތުބާރު ހުރި މަސްދަރުތަކަކުން އެފަދަ މަޢުލޫމާތެއް ލިބިފައިވާކަމަށް ބުނާ ހާލު ޔާސިރު ޔަހްޔާއާއި އެތުޙުމަތުތަކާއި ގުޅިގެން އެއްވެސް ސުވާލެއް، ތަޙުޤީގެއް އަދި ދަޢުވާއެއް އުފުލިފައި ނުވަނީ އެ ތުޙުތަމުތަކުގައި އެއްވެސް އަސާސެއް ނެތުމުން ކަމުގައި ދެކޭކަމުގައެވެ.
ކޮންމެ އަކަސް ކުށެއްނެތް މީހަކު ޖަލުގައި ބަންދުކޮށް އޭނައަށް ލިބެންޖެހޭ އިންސާނީ އަދި ގާނޫނީ ހައްގުތަކުން މަހުރޫމް ކޮށްގެން ރައީސް އިބްރާހީމް މުޙައްމަދުގެ ސަރުކާރުން ދެމުންއައި އަނިޔާތަކަށް ކެތް ނުކުރެވިގެން އޭނާވަނީ ޖަލުގައި، ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކޮށްފައެވެ. އެފަހަރުގެ ހަޅުތާލު ޔާސިރު ނިންމާލީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެމެދު ވެވުނު އެއްބަސް ވުމެއްގެ ދަށުންނެވެ. ނަމަވެސް އެ އެއްބަސް ވުމުގައި ވާކަންކަމަށް ކަރެކްޝަނަލް ސަރވިސްއިން އަމަލު ކުރަމުން ނުދިއުމުގެ ސަބަބުން ޔާސިރުވަނީ ދެވަނަ ފަހަރަށް ވެސް އެފަދަ ހަޅުތާލެއް ކޮށްފައެވެ.
ޝަރީޢަތަކާއި ނުލައި، ޣައިރު ޤާނޫނީ ބަންދެއްގައި ގެންގުޅެމުން ދަނިކޮށް ހާލު ދެރަވެގެން، 02 އޯގަސްޓް 2020 ގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް  ނިޔާވި ޔާސިރު ޔަހްޔާގެ މަރާއި ގުޅިގެން ތަފާތު އެހެން ވާހަކައެއް ވެސް ދެކެވެއެވެ. ސަޢުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަން އެތައް ތައްޔާރީތަކެއްކޮށް ސަޢުދީ ސަރުކާރުން އެތައް ޚަރަދަކާ މަސައްކަތްތަކެއް ކުރުމަށްފަހު ކުއްލިއަކަށް ކެންސަލް ކޮށްލި ދަތުރުފުޅާއި ގުވައިގެން ދެކެވޭ ވާހަކައެވެ. ރައީސް ޔާމީންގެ ދައުރުގައި ކުރައްވަން ހަމަޖެހުނު އެ ދަރުފުޅު ހުއްޓުމުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ޔާސިރުގެ ބޭނުން ހިފިވާހައެވެ. ޔާސިރު މެދުވެރިކޮށް ޔަމަނުގެ ހޫޘީން ލައްވައި އިންޒާރުގެ މެއިލްއެއް ކުރުވައިގެން އެ ދަރުފުޅު ކެންސަލް ކުރުވި ވާހަކަ ވެސް ދެވޭތީ އަޑުއިވެއެވެ. އެއިގެ ތުހުމަތަށް ރައީސް ޔާމީންގެ ސަރުކާރުން ޔާސިރު ބަންދުކުރީއެވެ. އަދި މިކަން ކުރުވި މީހުނަނަށް އާރާއި ބާރު ލިބުމުން ހެކި ނައްތާލުމަށް ޔާސިރުގެ ބަންދު ދެމެހެއްޓީއެވެ. އާއިލީ ބައްދަލުވުން ތަކާއި ފޯންކޯލްތައް ދިނުން ހުއްޓާލީ ވެސް މިކަމުގެ ސަބަބުން ކަމުގައި ބުނެވެއެވެ. ކޮންމެ އަކަސް ކުށެއްނެތް އިންސާނަކު ޖަލުގައި ބަންދުކޮށްގެން ގެންގުޅެ އެންމެ ފަހުން ދުނިޔެދޫކޮށް ދިޔައީއެވެ. އެކަމުގެ ސަބަބުން ހުވަފަތްވީ ދިވެހި އަންހެނެކެވެ. ޔަތީމްވީ ދިވެހި ދަރިއެކެވެ.