logo
މަސްވެރިންގެ މުޒާހަރާ
ސިޔާސީ
10 ޑިސެމްބަރ 2025
3 މިނިޓް
151
Post image
ބޮޑުކެންނެލީގެ މަސްވެރިކަން ވިޔަސް ކުދި މުށިމަހުގެ މަސްވެރިކަން ވިޔަސް އަދި ކުދި ބަރަބޮލާ ބޮޑެތި ކަރާގެ ދަނޑުވެރިކަން ވިޔަސް، އެއީ އެކިމީސް މީހުން ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކެވެ. އެ މީހަކު ގަޔާވާ މަސައްކަތެއް ޚިޔާރު ކުރަނީއެވެ. ކޮންމެ ބަޔަކުވެސް މަސައްކަތް ކުރަނީ އާމުދަނީ ހޯދުމަށްޓަކައެވެ. މަސައްކަތް ކުރާމީހާ ބޭނުންވާނީ ލިބެން އޮތް އެންމެ ބޮޑު މަންފާއެކެވެ. މައްސަކަތް ކުރާމީހާ ބޭނުންވާނީ ވީހާވެސް ބޮޑުއަގެއްގައި ތަކެތި ވިއްކާށެވެ. އެހެން ނަމަވެސް ގަނެވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުން ނުވަތަ ކުންފުނިތައް އަބަދުވެސް ބަލާނީ ގަންނަ މުދާ ފައިދާލާފައި ވިއްކޭނެ ވަރެއް ބަލާފައި އެ އަގަކަށް ގަންނާށެވެ. އެއީ ވިޔަފާރީގެ އުސޫލެވެ. ސަރުކާރު ކުންފުންޏެއް ވިޔަސް އަމިއްލަ ފަރުދެއް ނުވަތަ އަމިއްލަ ކުންފުންޏެއް ވިޔަސް މިކަން އޮންނާނީ އަދި އޮންނަން ވާނީ ވެސް މި އުސޫލުންނެވެ.
މިހާރަކަށް އައިސް ރާއްޖޭގައި ދިރިއުޅުމަށްޓަކައި މަސައްކަތެއް ކުރާ ބަޔަކީ ހަމައެކަނި ކަންނެލީގެ މަސްވެރިކަން ކުރާ މީހުންހެން ހީވާ ބަޔަކުވެސް އެބައުޅެއެވެ. އަބަދު ވެސް އިވެނީ މަސްވެރިން އަތުން މަސްގަންނަ އަގު ބޮޑުކުރަން މަސްވެރިންނާއި އިދިކޮޅުގައި އޮންނައިރު އެމްޑީޕީން ގޮވާލާ އަޑެވެ. މަސްވެރިންގެ އަތުން ގަންނަ މަސް، އެގަންނަ އަގަށްވުރެން ދުނިޔޭގެ ބާޒާރުގައި ދަށް ވިޔަސް ސަރުކާރުގެ ކުންފުނި، މިފްކޯއިން މަސްގަންނަން ޖެހޭނީ ބޮޑުއަގުގައި ކަމަށް އެއުރެން ދެކެއެވެ. އެފަދަ މީހުން ދެކޭގޮތުގައި މިފްކޯއަކީ ސަރުކާރު ކުންފުންނަކަށް ވުމުން އެކުންފުނިން ޖެހޭނީ ގެއްލުން ވިޔަސް މަސްވެރިންގެ އަތުން ބޮޑުއަގުގައި މަސް ގަންނާށެވެ. ކުންފުންޏަށް ވާގެއްލުން ފޫބައްދަން ސަރުކާރުން ސަބްސިޑީ ދޭންވީޔޯލައެވެ. ސަރުކާރަށް ސަބްސިޑީ ދެވޭނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިންނެވެ. ހުރިހާ ރައްޔިތުން ދައްކާ ފައިސާއިން ވަކި ވިޔަފާރިއަކަށް ސަބްސިޑީ ދިނުމަކީ އިންސާފު ކަމަށް ވަންޏާ ބޭއިންސާފަށް ކިޔާނެ ނަމެއް ހޯދަން އެބަޖެހެއެވެ. ކަނޑުގައި ކުރިއަސް ދަނޑުގައި ކުރިއަސް ވަލުގައި ކުރިއަސް އަދި ވޯކްޝޮޕެއްގައި ކުރިއަސް މަސައްކަތްވާނީ މަސައްކަތަށެވެ. ކަންނެލި ކިލޯއެއް ގަންނަންޖެހޭނީ 80 ރުފިޔާއަށް ކަމަށް މަސްވެރިން ބުނެގެން އެއަގަށް ގަންނަންޏާ ކަރާ ކިލޯއެއްވެސް ގަންނަންވާނީ ހަމަ އެއަގަށެވެ. ދިވެހި މަސްވެރިން ފަދައިން ދިވެހި ދަނޑުވެރިންނަށްވީތީއެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދި ފަހުން ވެރިކަމުގައި ނުއޮންނަ ހާލަތުގައި ސަރުކާރާ ދެކޮޅަށް އަބަދުވެސް އެމްޑީޕީން ބޭނުންކުރާ އެންމެ ވަރުގަދަ އެއް ހަތިޔާރަކީ މަސްވެރިންނެވެ. މަހަށް ހަމައަގު ހޯދައި ދިނުމުގެ ނަމުގައެވެ. ހަމަ އަގަކީ ކޮބައިތޯ ވިސްނާލަންޖެހެއެވެ. ވިއްކާ މީހާގެ ނަޒަރުގައި ހަމައަގަކީ ވީހާވެސް ބޮޑުއަގެކެވެ. ގަންނަ ފަރާތަށް ގެއްލުން ވިޔަސް ވެސް ބޮޑުއަގުގައި ގަތުމެވެ. ގަންނަ ފަރާތަށް ހަމައަގަށް ވާނީ، ގަންނަ މަސް ގެއްލުންނުވެ ވިއްކޭނެ އަގެކެވެ. އެމްޑީޕީގެ ދެ ދައުރުގެ ވެރިކަމުގައި ވެސް މަސްވެރިންނަށް އެބުނާ ހަމަ އަގެއް ނުލިބެއެވެ. ވިއްކާ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ވެސް އޮންނަނީ ދަރަނި ފޮތުގައެވެ. ކިރާ މަހަށް އެންމެ އަވަހަށް ފައިސާ ދިނުމުގެ ގައުމީ ރެކޯޑް މިއޮތީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުގައެވެ. އެމްޑީޕީ އިދިކޮޅުގައި އޮންނަ އިރު މަސްވެރިންގެ ހައްގުތައް ގެއްލޭތީ، އެމްޑީޕީގެ ވެރިންނަށް ހަމަނިދި ނުލިބެއެވެ. މަސްވެރިންގެ ދިފާޢުގައި އަޑުއުފުލުމާ މުޒާހަރާ ކުރުން ވެސް އޮވެއެވެ. އަބަދުވެސް އެމްޑީޕީގެ މުޒާހަރާތަކަށް، އެޕާޓީގެ ދިދަ ޖަހައިގެން މާލެއަންނަ ކަންނެލި ދޯނިފަހަރު ތިބެއެވެ. މި ހާރު އަނެއްކާ މިވަނީ މަސްވެރިންގެ ބޯނުހައްދަން އެމްޑީޕީ މިވަނީ ތެދުވެފައެވެ. ދިވެހި މަސްވެރިންނަށް އެންމެ ބޮޑު ގެއްލުމެއް ދިނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައެވެ. 2023 ގެ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ފަށާފައި، މިފްކޯއަށް މަސްގަންނައަގު ބޮޑުކުރިކަން އިޢްލާން ކުރީއެވެ. ނަތީޖާއަކަށްވީ އެއަގަށް މަސްގަނެގެން ކުންފުންޏަށް ދެކޮޅު ނުޖެއްސޭނެތީ، މަސްގަތުމުގައި ރާއްޖޭގައި ހަރަކާތްތެރިވަމުންއައި އެންމެ ބޮޑު އެއްކުފުނި ކަމަށްވާ އެންސިސްއިން މަސްގަތުން ހުއްޓާލީއެވެ. މަސްގަތުމުގައި ވާދަ ވެރި މާހައުލެއް ނެތި، ބަންޑާރަ ޙަސަނަށް މޫދު ހިތަކަށް ލިބުނުހެން މސްގަތުމުގެ މުޅި ކޮންޓްރޯލް މިފްކޯއަށް ލިބުނީއެވެ. މިފްކޯއަށް ގަނެވެންއޮތް މިންވަރަކަށް ގަތުމުން ބާކީ ބަޔަށް ވާނެގޮތެއްވާން ދޫކޮށްލީއެވެ. މަސްވެރިންނަށް ހެޔޮއެދުމުގެ ނަމުގައި ދިނީ ކޮޅުކެއްސެކެވެ. ބޮޑު ކުރިއަގަށް ކިރުވި މަސްކޮޅަށް ދޭންޖެހޭ އަގު ވެސް ނުދީ ދައުރުނިންމާލީއެވެ. އެހުރިހާ ދަރަންޏެއް ދައްކަން ޖެހުނީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުންނެވެ. މަސްވެރިންނަށް 48 ގަޑިއުރު ތެރޭގައި ފައިސާ ދައްކާ ޚަލާސް ކުރަން މި ސަރުކާރަށް އެނގުނުއިރު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރަށް ވެސް އެކަން އެގޮތަށް ކުރެވުނީހެވެ. ހޮޔޮ ނިޔަތެއް ނެތުމުގެ ސަބަބުން ނުވީއެވެ. ނުވަތަ މަސްވެރިންނަށް ހުވަފެން ދައްކާފައި ދޯކާ ދިނީއެވެ.
ރާއްޖޭގެ ކޮންމެ ކަމެއްގައި އިސްކޮށްއުޅޭނެ، އެމްޑީޕީގެ އެކްޓިވިސްޓުންގެ ޔޫނިއަންތަކެއް އޮވެއެވެ. މަސްވެރިންލައްވާ މުޒާހަރާ ކުރުވަން މަސްވެރިންގެ ޔޫނިއަންގެ ނަމުގައި މަޖިލިސް މެންބަރު މަޢްރޫފް ޒާކިރެވެ. މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހަކަށް ނުވިނަމަވެސް ޔޫނިއަންގެ ރައީސެވެ. އުތުރު ތިލަފަޅުން ގޯތިދޭންޖެހޭނެ ކަމަށް ބުނެ އުތުރުތިލަފަޅު ޔޫނިއަންނެވެ. ކުރީގެ މެންބަރު ޢަލީ ޙުސައިންގެ މޭސްތިރި ކަމުގައެވެ. ސްކޫލް ކުދިންގެ ސްކާޓްގެ ދަށުން ހަރުވާޅު ލާންޖެހުމުގެ ސަބަބުން އެކުދިންގެ ކުޑަކަޅުވާ ނުފެންނާނެތީ، އެކަމާ ދެކޮޅަށް ކުޑަކަޅުވާ ޔޫނިއަންނެވެ. މި ޔޫނިއަންގައި ކުރީގެ މެންބަރު ޢަބްދުﷲ ޝާހިދާއި ކުރީގެ ރައީސް ނަޝީދެވެ.