އެކިއެކި ކުށްތަކާއި ގުޅިގެން ކުރާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު މިލިއަނުން ގުނާލެވެއެވެ. ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ ތެރޭގައި ވިޔަފާރި ވެރިންނާއި ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންވެސް ހިމެނެއެވެ. މިހާރު އަމަލު ކުރަމުންދާ ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނާ ހިލާފުވެގެން ޖޫރިމަނާކޮށްފައިވާ މީހުންގެ ތެރެއިން ޖޫރިމަނާ ނުދައްކާ މީހުންގެ ލިސްޓު، އެ ގާނޫނުގައި ލާޒިމުކޮށްފައި އޮންނަ ގޮތުގެ މަތިން ކަސްޓަމްސް އިން މިވަނީ އާންމުކުރަން ފަށާފައެވެ. މި ލިސްޓްގައި ވިޔަފާރިވެރިންނާއި ސިޔާސީ މީހުންނާއި އެފަދަ މީހުންގެ ދަރިން ވެސް ހިމެނެއެވެ. މި ލިސްޓުން ފަލަ ސުރުޚީއިން ޖާގަ ހޯދި އެކަކީ މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ މުޙައްމަދު ޢަލީ ސަޢީދުގެ ދަރިކަލުން ގދ.ތިނަދޫ ސީބްރީޒް ޢަބްދުﷲ މާހިން ޝަހީމްއެވެ. މާހިންގެ މަންމާ ފުޅަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ބޯޑްމެންބަރު ފާޠިމަތު އާފިޔާ ވަހީދެވެ. ފާޠިމަތު އާފިޔާ ވަހީދަކީ ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދުގެ ކޮއްކޯފުޅެކެވެ. މި މައްސަލަ ތިލަވި އިރު މާހިލް ހުންނެވީ ރައީސް މުހައްމަދު މުއިއްޒަށް ލަފާ އަރުވާ، ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރެއްގެ ވެސް ގޮތުގަ އެވެ. މުޅި އާއިލާ ސިޔާސީ މަގާމުތަކުގައި ތިބިއިރު ރައީސްއަށް ދޭންޖެހޭ އެއްބާރުލުން ދިނުމުގެ ބަދަލުގައި މިޒާތުގެ ކަންކަން ހިނގުމަކީ ލަދުވެތި ކަމެކެވެ. ކުރި ކުށަކާއި ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާ ނުދައްކާ މީހުންގެ ލިސްޓްގައި ވަޒީރެއްގެ، އަމުދުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރުގެ ދަރިކަލުން ހިމެނުމަކީ އެހެންމީހުން ސަރުކާރާ ދޭތެރޭ ދެކޭގޮތް ބަދަލުވެގެންދާނެ ކަމެކެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރިވިސް އިން އާންމުކުރި ލިސްޓްގެ 58 ވަނާގައި ގދ.ތިނަދޫ ސީބްރީޒް ޢަބްދުﷲ މާހިން ޝަހީމްގެ ނަންއޮތް އިރު ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަދަދެއް ކަމަށް އޮތީ 1.23 މިލިއަން ރުފިޔާއެވެ. މި ފައިސާ އަކީ ރާއްޖެއަށް ވޭޕް ސްމަގުލް ކޮށްގެން އެއިގެ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާއެވެ. ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ މީހުންގެ ތެރޭގައި ވަޒީރުންނާއި އެބޭފުޅުންގެ އާއިލާ އޮތުމަކީ ރައީސުލްޖުމްހޫރިއްޔާ އެކަމުގެ ސަބަބުން ފާޑުކިއުން އަމަޒުވާނެ ކަންކަމެވެ. ސަރުކާރާ އިދިކޮޅު ފަރަތްތަކުން އެކަން ސިފަކުރާނީ ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ އާއިލާ މީހުންވީމަ އަޅާނުލައްވާ ދޫކޮށްލަވަނީ ކަމުގައެވެ. އަދި އެއިގެ ސަބަބުން އެހެން މީހުންވެސް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ހިފެހެއްޓުމަށް އިދިކޮޅުން ބާރުއަޅާނެ ކަމަކަށް މިފަދަ ކަންކަން ވާނެއެވެ. ކޮންމެ ގޮތެއްވިޔަސް ޑރ.ޝަހީމްގެ ދަރިކަލުން މިވަނީ ގާނޫނީ ކުށެއް ކުރައްވާފައެވެ. އެއިގެ އަދަބެއްގެ ގޮތުން ދައްކަން ޖެހޭ ފައިސާ ޖެހޭނީ ދައްކާށެވެ. މަންމައާއި ބައްޕަ އަކީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވީތީ އެބޭފުޅުންގެ އަބުރާއި އިއްޒަތް ވެސް ސަލާމަތްވާނީ މި ފައިސާ ދައްކައިގެންނެވެ. ފުރަތަމަ ދުވަހު މި ފައިސާ ދެއްކިނަމަ މިއަދު މީހުން އެވާހަކަ ނުދައްކާ ހުއްޓާލީހެވެ. ދެންވެސް އެކަމުން ސަލާމަތްވާން އޮތީ އެ ފައިސާ ދައްކައިގެންނެވެ.