logo
އެމްޑީޕީގެ ދަންތޫރާގައި ޕެންޝަންބޯޑުގެ ބައެއް މެންބަރުން ޖައްސައިފި.
ސިޔާސީ
5 ފެބްރުއަރީ 2026
3 މިނިޓް
116
Post image
ސަރުކާރާ ދެކޮޅަށް ކުރާނެކަންކަން ހުސްވުމުން އަބަދުވެސް އިތުރު ކުޅިއެއް ކުޅެލެވޭތޯ ސިޔާސީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާނެއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ ސިޔާސީ ޕާޓީތަކާއި ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތަފާތު އިންތިހާއަށް ބޮޑުވާނެއެވެ. ޕާޓީ ނިޒާމުގެ މަގުސަދަކަށްވާން ޖެނެނީ ވެރިކަމުގައި ތިބޭއިރު ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ގައުމު ހިންގުމެވެ. އިދިކޮޅުގައި އޮންނައިރު ސަރުކާރުން ކުރާކަންކަމަށް ފާރަވެރިވެ ގޯސްމަގުން ސަރުކާރު ދާނަމަ އެކަމަށް ފާޑުކިޔައި ރައްޔިތުންނަށް އެކަންކަން ހާމަކޮށްދިނުމެވެ. އަދި އެއަށްވުރެން ހަރުދަނާ ސިޔާސަތުތަކެއް ރައްޔިތުންނަށް ހުށަހަޅައިގެން ރައްޔިތުންގެ ތާއީދު ހޯދައިގެން ވެރިކަމަށްއައުމެވެ. ނަމަވެސް ދިވެހި ޕާޓީތަކުގެ ސިޔާސަތަކީ އިދިކޮޅުގައި އޮންނައިރު އޭރަކުއޮންނަ ސަރުކާރެއް ހިންގިޔަ ނުދިނުމެވެ. ސަރުކާރަށް ޖެއްސުންކުރުމެވެ. ތިމާމެންގެ ދައުރަށްވުރެން ރަނގަޅަށް ގައުމުގެ ކަންކަން ގެންގޮސްފިނަމަ އަންނަންއޮތް ދައުރުގެ ވެރިކަން ނުލިބިދާނެތީ ސަރުކާރު ފެއިލްކޮށްލުމެވެ. ގައުމާއި ރައްޔިތުން ހަނާކޮށްގެން ވިޔަސް ވެރިކަމަށް އައުމެވެ. މިކަމުގައި އެންމެ އަރާތިބޭ ބަޔަކީ އެމްޑީޕީއާއި އަދާލަތު ޕާޓީއެވެ. ރައްޔިތުންނަށް ދައްކާނެ ހަރުދަނާ ސިޔާސަތެއް ނެތީމައި، އިދިކޮޅުގައި އޮންނައިރު އަބަދުވެސް ބަލާނީ ފިތުނަ ފަސާދަ އުފައްދައިގެން ގައުމު ހަލަބޮލިކޮށް ސަރުކާރު ހިންގިޔަ ނުދީ ރައްޔިތުން ބިކަކޮށްގެން ވިޔަސް އަލުން ވެރިކަމަށް އާދެވޭތޯއެވެ.
ސިޔާސީ ޕާޓީތައް އުފެދި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ޕާޓީ ނިޒާމަށް ފުރޮޅުނު ހިސާބުން މިހާތަނަށް ވެރިކަން ކުރީ 2 ޕާޓީއަކުންނެވެ. އެއީ އެމްޑީޕީގެ 2 ދައުރާއި ޕީޕީއެމްގެ ދައުރެކެވެ. 2 ޕާޓީގެ 3 ދައުރުގައިވެސް ބެލީ ގައުމު ދަރަނިވެރިކޮށްގެން ވިޔަސް ތިމާމެންގެ މޮޅުކަން ދެއްކުމާއި އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ކޮށްޕޭތޯއެވެ. ނަތީޖާއަކީ ގައުމުގެ ދަރަނި ބޮޑުވުމާއި ވެރިކަން ކުރި މީހުންގެ މާލީ ތަނަވަސްކަން އިތުރުވުމެވެ. ކޮންމެ ބަޔަކުވެސް ބެލީ އެއްބަޔަކަށްވުރެން އަނެއްބަޔަކު ނެގިލޯނު ބޮޑުކޮށްގެން އެއިން ކޮންމެވެސް މިންވަރެއްގެ އުމްރާނީ ތަރައްގީއެއްގެ ކުލަވަރު ދައްކާލާފައި އަމިއްލަ އަންބޮޑި ބޮޑުކޮށްލެވޭތޯއެވެ. ހައްދެއްނެތި ނަގަމުންދިޔަ ދަރަނި ނުދެއްކި ގައުމު ބަނގުރޫޓުވާ ފަދަ ހާލަތެއް ބޯމަތިވެފައި އޮއްވާ ވެރިކަމަށް އާދެވުނީ ރާއްޖޭގައި ސިޔާސީޕާޓީތަކުގެ ނިޒާމުގެ ދަށުން ވެރިކަން ހިންގަން ފެށިފަހުން ވެރިކަން ކުރާ 3 ވަނަ ޕާޓީއަށެވެ. ރައީސް ޑރ.މުޢިއްޒުގެ ސަރުކާރު ފެންނަނީ ދަރަނި ނެގުން މަދުކޮށް ގައުމުގެ މާލީ ހާލަތު ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރާ ބައެއްގެ ގޮތުގައެވެ. އެގޮތުން ބޭރުފައިސާގެ ސިޔާސަތަށް ގެނައި ބަދަލުގެ ފޮނިމީރުކަން މިހާރު ވިޔަފާރިވެރިންނާއި އާއްމު ރައްޔިތުންނަށްވެސް ދަނީ ލިބެމުންނެވެ. ރައީސް ޞާލިހުގެ ދައުރު ނިމުނުއިރު ހާއަޅަމުންދިޔަ ގައުމުގެ ރިޒާވު މިވަނީ، މިހާތަނަށް ނުވާވަރަށް ރަނގަޅުވެފައެވެ. ކުރީގެ ސަރުކާރުތަކުން ނަގާފައި އޮތް ބޮޑެތި ލޯނުތައް ދަނީ ދައްކަމުން، ފެންނަނީ ބަނގުރޫޓުވުމާއި ފެއަށް ގައުމު ގެންދާތަނެވެ. މިކަންކަމީ ރައްޔިތުންނަށް އެއިގެ މަންފާ ކުރާނެކަންކަމެވެ. ސިޔާސީ ވާދަވެރިންގެ ލަގޮނޑިއަށް ކެތްވާވަރުގެ ކަމަކަށް މިކަން ނުވިނަމަވެސް ގައުމަށް މީގެ މަންފާބޮޑެވެ.
ރައްޔިތުންގެ މެދުގައި ރައީސް ޑރ.މުޢިއްޒުގެ މަގުބޫލުކަން ބޮޑުވުމަކީ އެމްޑީޕީއަށް ވެރިކަމަށް އަންނަން ލިބޭ ފުރުޞަތު ހަނިވާނެކަމެކެވެ. އެކަމާ ދެކޮޅަށް އެމްޑީޕީއިން އަރުވާޖަހައިގެން ނިކުތީ މިދެންނެވި ސަބަބާއި ހުރެއެވެ. އެމްޑީޕީއިން ހޫރާލި ހިބަރުވަދެއްގައި، އަދާލަތުޕާޓީ އޮތީ ޖެހިފައެވެ. ދެބައިމީހުން ވެގެން މިހާރު އަމާޒު ހިފާފައިވަނީ ގައުމު ފުނޑާލައިގެން ވިޔަސް 2028 ގައި ވެރިކަމަށް އާދެވޭތޯއެވެ. އިދިކޮޅުގައި ތިބޭއިރު އެމީހުން އަބަދުވެސް ބަލާނީ ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށް ރިޝްވަތު ދީގެން ދައުލަތުގެ ތެރެއިން ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރުވާށެވެ. ރައީސް ޔާމީންގެ ދައުރުގައި ހިނގާދިޔަ ކަންކަމީ މިކަމުގެ ރިވެތި މިސާލުތަކެވެ. މިހާރު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮނެޖެހުމަކަށް ވެފައި މިވަނީ މިހާތަނަށް ވެރިކަން ކުރި މީހުން ބޭރުން ނަގާފައިއޮތް ބޮޑެތި ލޯނުތަކެވެ. ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމުގެ އަސްލަކީ ކުރީގެ ވެރިން ޖެއްސި ލޯނު ދަންތުރައެވެ. މިކަމުން އަރައިގަންނަން މި ސަރުކާރުން އުޅުމަކީ އިދޮކޮޅު މީހުނަށް ބަރުދާސްތު ކުރެވޭ ވަރުގެ ކަމެއްނޫނެވެ. އިތުރަށް ލޯނު ނުނަގާ، ރައީސް ޞާލިހު ފަދައިން ފައިސާ ޗާޕުނުކޮށް ގައުމުގެ އިގުތިޞާދު ހަމަމަގަށް އަޅުވަން ރައީސް ޑރ.މުޢިއްޒު ކުރައްވާ މަސައްކަތްޕުޅު ފެއިލް ކޮށްލުމަކީ މިހާރު އިދިކޮޅުގެ އެންމެބޮޑު އަމާޒެވެ. މިހާރު ފެންމަތިއުޅޭ ފިނޭންސް މިނިސްޓްރީގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގައި ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގެ މައްސަލައަކީ ވެސް މިފަދަ ކަމެކެވެ. އެކަމާއި ގުޅޭގޮތުން، އެކަން ކުރަން ނިންމިއިރު ޕެންޝަން ބޯޑުގެ ޗެއަރމަނަކަށް ހުންނެވި ޑރ.އިނާޒް އޭރު ވިދާޅުވީ  ޕެންޝަން އޮފީހާއި ގުޅުން ހުރި ގާނޫނުތަކާއި، ގަވާއިދުތަކާއި، ޕޮލިސީތައް އަދި އެތެރޭގެ އުސޫލުތަކާއި ހިލާފަށް ޕެންޝަން ބޯޑާއި މެނޭޖްމަންޓުން އަމަލުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ޑރ.އިނާޒަކީ ޢަދާލަތު ޕާޓީގެ ރައީސް އިމްރާންގެ އަރިސް ބޭފުޅެކެވެ. އެ ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރެއްވުމުގައި އަމަލީގޮތުން އުޅުއްވާ ބޭފުޅެކެވެ. އެމްޑީޕީގެ ފުރަތަމަދައުރުގައި މާލީ ވަޒީރުކަން ކުރެއްވި ބޭފުޅެއްވެސް މެއެވެ. މަލީ ވަޒީރުކަމުގައި ހުންނަވައިގެން އޭރުގެ އިދިކޮޅު ފަރާތްތަކާއި ގާތް ގުޅުމެއް ބޭއްވިކަން ފަޅާއެމުގެ ސަބަބުން މަގާމު ގެއްލުނީއެވެ. މިހާރުގެ ކަންކަމަށް ބަލާއިރު އިމްރާން އިނާޒަށް ވިސްނައިދޭނީ 2028 ގައި ވެރިކަން ބަދަލުވާނެކަމެވެ. މިހާރު ސަރުކާރާ ދެކޮޅަށް ނިކުތުމުން އޭރުންއަނެއްކާވެސް މާލީ ވަޒީރުކަން ލިބޭނެކަމުގެ ހުވަފެނެވެ. ރައީސް ޔާމީނާއި ދެކޮޅަށް މަޖިލިސްތެރެއިން ނެރުނު މެންބަރުންނަށް ދިން ފަދައިން މާލީ އިނާޔަތްވެސް ޕެންޝަން ބޯޑުން އިސްތިއުފާދިން މީހުނަށް ދޭނެއެވެ. މިއާއެކު ޑރ.އިނާޒުމެން ވިސްނާލަން ޖެހޭ ކަމެއް ވެސް އެބައޮތެވެ. ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުގެ މުއައްސާތަކުގެ ވެރިން ނެރެފައި އެމީހުންގެ ފަރާތުން ބޭނުވި ކަންކަން ހާސިލުވުމުން ދެން އެމީހުނަށް ހަދާލި ގޮތީ އެއިން އިބުރަތް ލިބިގަންނަން ޖެހޭ ކަންކަމެވެ. އޭރުގެ އޮޑިޓަރ ޖެނަރަލް ނިޔާޒަކީ އެމްޑީޕީގެ މަޅީގައި ޖެހުނު ފަރާތެވެ. ނަތީޖާއަކީ އޮޑިޓަރ ޖެނެރަލްކަން ގެއްލުމެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި، މަޖިލިސް އެމްޑީޕީގެ ބާރުގެދަށުގައި އޮއްވާ އެންޓީކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުން އެކަން ވެސް ނުދިނެވެ. އެންމެފަހުން މަގުމަތިވީއެވެ. އޭރުގެ ސްޕްރީމްކޯޓުގެ ފަނޑިޔާރުންނާއި މަޖިލިސް ތެރެއިން ނިކުތް 12 މެންބަރުންނަށް ވެސް ހެދީއެހެންނެވެ. ކެޔޮގަނޑު ކަނޑާލާފައި ހުރި ގަސްތަކެއް ފަދައިން ވާނެގޮތެއް ވާން ދޫކޮށްލީއެވެ.