logo
ރައީސް ޔާމީން 2028!
ސިޔާސީ
3 ދުވަސް ކުރިން
2 މިނިޓް
57
Post image
2013 ނޮވެމްބަރ 17 އިން 2018 ނޮވެމްބަރ 17 އަށް ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް ޔާމީން ވަނީ ދިވެހިތާރީޚުން އެތައް ރޮނގަކުން ޖާގަ ހޯއްދަވާފައެވެ. 5 އަހަރު ތެރޭގައި، ތަރައްގީގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގެވުމާއި ދިވެހި ތާރީޚްގައި ދައުލަތުގެ މާލިއްޔަތުން ކުރެވުނު އެންމެ ބޮޑު ވައްކަމަކީ ވެސް ރައީސް ޔާމީންގެ ތާރީޚް ލިޔާ މީހުން ލިޔާނެ ކަންކަމެވެ. ހަމަ އެހެންމެ ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު އެޅުއްވި އެންމެ ބޮޑު ގެކޮޅު ވެސް އެޅުއްވީ ރައީސް ޔާމީނެވެ. ރައީސް ކަމުގައި ހުންނަވައިގެން އަމިއްފުޅު ގެކޮޅެއް ބިނާ ކުރައްވަން ފެއްޓެވި ފުރަތަމަ ރައީސަކީ ވެސް ރައީސް ޔާމީނެވެ. އެ މަނިކުފާނަކީ އިގްތިޞާދީ، މޮޅު މާހިރެކެވެ. މާލެއިން ބައްލަވައިގެންނެވި ކުޑަ ބިންކޮޅެއްގައި އަޅުއްވާފައި ހުރި ގެކޮޅާއި އެބިންކޮޅު، މާލޭގެ އެންމެ ހިތްގައިމު ސަރަހައްދުން ބޮޑު ގޯއްޗަކާއި ލާޖެއްސެވިއެވެ. އެ މުއާމަލާތުގެ އަގަކަށް އެންމެ 13 މިލިއަނެއްހާ ރުފިޔާއިން ހަމަޖެއްސުވަކީ އެމަނިކުފާނުގެ އިގްތިޞާދީ ރޭވުންތެރިކަން މޮޅުކަމުގެ ހެއްކެކެވެ. މިއަދު އެއީ ދިވެހިރާއްޖޭގައި ހުރި އަމިއްލަ ފަރުދެއްގެ އެންމެ އުސް އިމާރާތެވެ. ފުރިހަމަ ކިއްލާއެކެވެ.
ޕީއެންސީ އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެހެން މީހަކަށް ދެއްވުމަކީ ފަހަރެއްގައި ރައީސް ޔާމީން ބޭނުންފުޅުވި ކަމެއްނޫނެވެ. އެހެން ނަމަވެސް ސިޔާސީ ދާއިރާގައި އެމަނިކުފާނަށްވުރެން ސްމާޓް ބަޔަކު އެނިންމުމާއި ދެކޮޅަށް ބޮޑު ކާމިޔާބީއެއް ވަނީ ހޯދާފައެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓް މިހާރުގެ ރައީސް ޑރ.މުޢިއްޒަށް ލިބިވަޑައިތުމަކީ ރައީސް ޔާމީނަށް ތަހައްމަލު ކުރެއްވޭ ވަރަށްވުރެން ބޮޑު ވޭނެއް ލިބިވަޑައިގެންނެވި ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ޕީއެންސީ އަދި ޕީޕީއެމް ދޫކުރައްވައި އަމިއްލަފުޅު ޕާޓީއެއް އުފެއްދެވިއެވެ. ޕީއެންއެފެވެ. ޅަފަތުގައިއޮތް އެ ޕާޓީއަކީ ހެދިބޮޑު ވުމުގައި ބަލިކަށި ޕާޓީއެކެވެ. 2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިޢްލާން ކުރައްވާފައިވާ، ކުރީގެ ރައީސް ޔާމީންގެ ޕާޓީގައި، އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާއްމު ކުރި މަޢްލޫމާތަށް ބަލާއިރު ތިބީ 3046 މީހުންނެވެ. ކުޑަ ޕާޓީއަކަށްވީތީ ޕާޓީގެ ހަރަކާތްތައް ވެސް ފެންނަނީ ކުޑަކޮށެވެ. ރައީސް ޔާމީންގެ ގެކޮޅުގެ ފެންޑާގައި ހަރަކާތްތެރިވާ އެ ޕާޓީގެ ގައުމީ ބައްދަލުވުން ދާދިފަހުން ވަނީ ބާއްވާފައެވެ. އާޓިފިޝަލް ބީޗް ސަރަހއްދުގައި ބޭއްވި އެބައްދަލުވުމަކީ، ޕާޓީ އުފެއްދިފަހުން ބޭއްވި އެފަދަ ފުރަތަމަ ބައްދަލުވުމެވެ. އަލަށް ޕާޓީގެ މަގާމުތަކަށް މީހުން އިންތިޚާބު ކުރެވިގެން ދިޔައީ ވެސް އެބައްދަލު ވުމުގައެވެ. ފާހަގަ ކޮށްލެވުނު އެއްކަމަކީ އެ ޕާޓީގެ ރައީސްކަމަށް ޝައުގުވެރިވާ، މުޅި ޕާޓީގައި ހުރީ އެންމެ ބޭފުޅެކެވެ. އެއީ ރައީސް ޔާމީނެވެ. އުޖާލާ މުސްތަގްބަލެއް ފެންނަން ނެތް ޕޓީއަކަށްވީތީ ޝައުގުވެރިވާ މީހަކު ނެތީކަމަށްވުން ގާތެވެ. ޕާޓީގެ އެހެން މަގާމުތަކަށް އިންތިޚާބުވި ބޭފުޅުންނަށް ބަލާއިރު، ރައީސް ޔާމީންގެ ގެކޮޅުގެ ފެންޑާ ޖަލްސާއިން އާއްމުކޮށް ފެންނަ ހުރިހާ ބޭފުޅުން ވެސް ޕާޓީގެ އެކި މަގާމުތަކަށް އިންތިޚާބުވިއެވެ. ވާދަވެރި ކަމެއްނެތިއެވެ. ސިޔާސީ މައިދާނުގައި ފާހަގަ ކޮށްލެވޭ މޫނެއްނެތެވެ. ސިޔާސީ ބަދަލު ހިއްޕެވުމަކަށް ރައީސް ޔާމީން ކޮންޓްރޯލް ކުރައްވައިގެން ގެއްޅުއްވާ، ރައީސް ޔާމީންގެ ކިބައިން އެންމެ ބޮޑަށް އަނިޔާ ލިބިވަޑައިގެންނެވި ކުރީގެ ނައިބު ރައީސް ޑރ.ޖަމީލްގެ ކޮންޓްރޯލް ޕީއެންއެފްގެ ސެނެޓްގައި ބޮޑުކަން ފާހަގަވިއިރު، ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ނުފޫޒުގަދަ ބޭފުޅާ ކަމަށްވާ އޭރުގެ މަހާރެހެންދި ފާޠިމަތު އިބްރާހީމް ދީދީ ސެނެޓްގެ އެއްވެސް މަގާމެއްގައި ނެތުމުގެ ފަޅުކަން ފާހަގަވިއެވެ. ކޮންމެ އަކަސް ޕީއެންއެފްގެ ސެނެޓުން ފެންނަނީ އުއްމީދީ މޫނުތަކެއްނޫނެވެ. ސިޔާސީ ދާއިރާގައި ފެއިލްވެފައި ތިބި ބަޔަކު ގޮވައިގެން ރިޔާސީ އިތުރު ދައުރެއް ހޯއްދަވަން ރައީސް ޔާމީން ނިކުންނަވާއިރު ކުރިމަގު އޮތީ ވަރަށް ބަނަކޮށެވެ.