logo
ލޫޓުވާލައިފި !
ސިޔާސީ
27 ސެޕްޓެމްބަރ 2025
3 މިނިޓް
280
Post image
އެހެން ބަޔަކު ވެރިކަމުގައި ތިބިއްޔާ ގައުމު ހަލަބޮލިކޮށް ވެރިކަން ކުރުމަށް ދަތިވާވަރު ކޮށްލުމަކީ އަބަދުވެސް އެމްޑީޕީން ވަރަށް އިސްކަންދޭ ކަމެކެވެ. އެހެން އެވަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ވެރިކަން ލިބުނުނަސް ރަނގަޅު ވެރިކަމެއް ކުރުމުގެ ވައްޓަފާޅިއެއް އެމްޑީޕީގެ ވެރިންގެ ކިބައިގައި ނުހުރެއެވެ. ގިނަޕާޓީތައް ބައިވެރިވާ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ފުރަތަމަ ބެއްވުނު ރިޔާސީ އިންތިޚާބުގައި، ޑީއާރޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކެއް ބައިވެރިވެގެން ހެދި ކޯލިޝަންގެ ކެނޑިޑޭޓްގެ ގޮތުގައި ނިކުންނަވާ އެފަހަރު އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް މުޙައްމަދު ނަޝީދެވެ. ވެރިކަމުގެ ތެރެއިން ހިންގަންފެށި ލާދީނީ ކަންތަކާއި ކޮރަޕްޝަންގެ ސަބަބުން ކޯލިޝަން ރޫޅި ގައުމު ހަލަބޮލިވެ އުފެދުނު އޮއިވަރުގެ ރާޅުބާނީގައި ކެތްނުކުރެވިގެން ދައުރު ދެބައި ވީތަނާ ރައީސް ނަޝީދު އިސްތިއުފާ ދެއްވީއެވެ. ޖެހިގެންއައި ދުވަހު ރައީސް ނަޝީދު ފެއްޓެވީ އެމަނިކުފާނުގެ އަސްލު ސިޔާސީ މަސައްކަތްޕުޅެވެ. ގައުމު ހަލަބޮލިކޮށް ހަމަ ނުޖެހުން ހިންގުމެވެ. ކުށުގެ ރެކޯޑް ގިނަ ބަޔަކު ބައިވެރިވާ ސިޔާސީ ހަރަކާތަކަށް ވުމުގެ ސަބަބުން އެފަހަރުގެ ރޯޅީގައި އެންމެބޮޑު ގެއްލުމެއް ލިބުނީ ޝަރުޢީ ކޯޓްތަކަށެވެ.
ދެންއޮތީ އެމްޑީޕީގެ ދެވަނަ ވެރިކަމެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރެވެ. ވައްކަމާއި ޚިޔާނާތުގެ ރަންދައުރު ކަމަށްވާ ރައީސް ޔާމީންގެ ދައުރު ނިމުމާއި ގުޅިގެން ފެށުނު ދައުރެވެ. އޭރުގެ އިދިކޮޅު އެންމެން ގުޅިގެން ފެއްޓިދައުރެވެ. އޭރުގެ އެންމެބޮޑު ވާދަވެރިއަކަށް ހުންނެވީ ރައީސް ޔާމީނެވެ. އެމަނިކުފާނައި ވާދަކުރެއްވުމުގައި ކުޅިފަސް ހޯއްދަވަން ފައިވިއްދަވާފައި ތިއްބެވި ހުރިހާ ސިޔާސީންގެ ދައުރެވެ. އެވާދަވެރިކަމުގައި ވެރިކަން ލިބުނެވެ. ހަމައެއާއިއެކު ވެރިކަން ކުރެއްވުމުގައި ވެސް ރައީސް ޔާމީންގެ ސިޔާސަތާއި ވާދަ ކުރެއްވީއެވެ. އާލަމީ ވަބާއެއް ކުރިމަތިވެ ރައްޔިތުން ނޭވާހޮޅިއަށް އެޅިފައި ތިބި އިރެއްގައި ރައްޔިތުން ނޭވާލުމަށް ބޭނުންކުރަން ވެންޓިލޭޓަރ ގަތުމުގެ ނަމުގައި ވެސް ދައުލަތުގެ ފައިސާއިން ކުރީ ވައްކަމެވެ. ރައްޓެހިންނާއި ގާތްތިމާގެ މީހުންގެ އިތުރުން ސީދާ އަމިއްލަ މަސްލަހަތު އޮންނަ ކުންފުނިތަކަށް ބަދަލު ދިނުމުގެ ނަމުގައި ވެސް ދައުލަތުގެ އެތައް މިލިއަން ރުފިޔާއެއްވަނީ ހޭދަކޮށްފައެވެ. މިހުރިހާ ކަމަކާއެކުވެސް ރައީސް ޔާމީންގެ ސަރުކާރުން ހިންގި ޚިޔާނާތުގެ ރެކޯޑް މުގުރާ ނުލެވުމުން އެކަމާ ދެން ކުރިމަތިލީ ފެނަކަ ކޯޕަރޭޝަން ކިޔާ ދައުލަތުގެ ކުންފުންޏެއްގެ ތެރެއިން ލާފައި އެމްއެމްޕީއާރްސީގެ ރެކޯޑް މުގުރާލެވޭތޯއެވެ. ސީދާ އެވަރު ކޮށްނުލެވުނު ނަމަވެސް ދާދި ކައިރިކުރިއެވެ.
ފެނަކަ ކުންފުނީގެ ޚިޔާނާތަކީ ދިވެހި ސަރުކާރަކުން ހިންގި ދެވަނައަށް އެންމެބޮޑު ޚިޔާނާތެވެ. ރައީސް ޔާމީންގެ ދައުރުގައި ހިންގި ބޮޑު ވައްކަމަށްފަހު ހެޔޮވެރިކަމެއް ކޮށްދޭން ގެނައި ސަރުކާރުން ވެސް ރައްޔިތުންގެ ފައިސާއިން ކުރީ ވައްކަމެވެ. ރައީސް ޑރ.މުޢިއްޒުގެ ވެރިކަން ފެށިގެން އަދި ސަރުކާރު އެކުލަވާ ނުލެވިގެން އުޅެނިކޮށް ރައްޔިތުންގެ މަޖިލިސްތެރެއިން ވެރިކަން ވައްޓާލަން އެމްޑީޕީން ރޭވި ރޭވުމުގެ ހަފަތުގައި އޮތީ މިފަދަ ވައްކަންތައް ފޮރުވުންކަން މިހާރު އެބަ ގަބޫލުކުރެވެއެވެ. ދައުލަތް ލޫޓުވާލާފައި އެކަން ސިއްރުކުރާށެވެ. ކޮންމެއަކަސް އެމްޑީޕީގެ އެރޭވުން ނާކާމިޔާބު ކޮށްލެއްވީ ރައީސް ޑރ.މުއިއްޒުގެ ހިކުމަތްތެރި ކަމާއި ރޭވުންތެރިކަމުންނެވެ. އެމްޑީޕީން ދައިލަތް ލޫޓުވާލި ވަރު ބޭޒާރުވާން މެދުވެރި ކުރެއްވި ސަބަބެއް ވެސް މެއެވެ.
ނުބައި ނުލަފާ ކަންކަން ކޮށްފައި އެހެންމީހުންގެ ބޮލުގައި އެކަންކަން އެޅުވުމަކީ އަބަދުވެސް ކުށްވެރިން ކޮށްއުޅޭ ކަމެކެވެ. ރައީސް ޞާލިޙްގެ ދައުރުގައި ހިންގާފައި ހުރި ބިޔަ ވައްކަންތައް ފަޅާއަރަން ފެށުމުން އެމްޑީޕީން ދެން ބެލީ ދެބޯގެރި ދުއްވޭތޯއެވެ. ލޫޓުވާލާފައި، ދެން މިފެށީ ލޫޓުވި ލޫޓުވުން މިހާރުގެ ސަރުކާރު ބޮލުގައި އެޅުވޭތޯއެވެ. އެކަމަށް ވަރަށް މަސައްކަތް ކުރަމުން ދަނިކޮށް، އެމްޑީޕީގެ ވެރިކަމުގައި، އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއްއޮތް މިޖިލިސްއިން ރުހުންދީގެން ޔައްޔަން ކުރި އޮޑިޓަރ ޖެނަރަލް މިވަނީ ފެނަކަ ކުންފުނީގެ އޮޑީޓް ރިޕޯޓް ނެރެފައެވެ. އެ ރިޕޯޓުން ކަށަވަރުވި ކަމަކީ ދައުލަތް ބަޔަކު މީހުން ލޫޓްވާލި ވަރުގެ ބޮޑުކަމެވެ. އޮޑިޓް ރިޕޯޓް ނެރުނުއިރު މުޅިމާލާގެ މަގުތަކުގައި ވަނީ ރީނދޫކުލައިގެ ފޮތި ދަމާފައެވެ. ލޫޓުވާލައިފި ކަމަށްބުނެ މީހުން އެއްކޮށް ގައިމުގައި ގަޑުބަޑު އުފެއްދޭތޯ، މީހުން އެއްކުރަން ވެގެންނެވެ. ނަމަވެސް އޮޑިޓް ރިޕޯޓުން، ލޫޓުވާލި ވަރާ ލޫޓުވާލި މީހުން ސާފުކޮށް އެނގެން އޮތުމުން އެމްޑީޕީއަށް ނިސްބަތްވާ، މާލޭ މޭޔަރ ލަދުން ހުރިހާ ފޮތިތަކެއް މިހާރުވަނީ ނަންގާފައެވެ. ލޫޓުވާލި މީހުން އަމިއްލައަށް ލޫޓުވާލި ވާހަކަ ދައްކާތީއެވެ. އާނއެކެވެ. ލޫޓުވާލައިފިއެވެ. އަދި އެނގުނީ ފެނަކަތެރެއިން ލޫޓުވި މިންވަރެވެ. ބިތުފަންގި ނެގޭ ވަރަކުން ކެޔޮކޭވަރު ކަޝްފުވަމުން ދާނެއެވެ.