logo
އެމްޑީޕީގެ ނާކާމިޔާބު ބަޣާވާތާއި ރައްޔިތުން ގުނބޯހެއްދުން
ސިޔާސީ
8 އޮކްޓޯބަރ 2025
3 މިނިޓް
219
Post image
އެމްޑީޕީ އާއި ޕީއެންއެފް އަދި ޢަދާލަތު ޕާޓީ ގުޅިގެން ދިވެހިރާއްޖޭގައި އޮތް ގާނޫނީ ސަރުކާރު ވައްޓާލަން 3 އޮކްޓޯބަރ 2025 ވަނަ ދުވަހުގެރޭ މާލެއާއި އަތޮޅުތަކުން މީހުން ގެނެސްގެން މާލޭގައި ވަނީ މުޒާހަރާއެއް ބާއްވާފައެވެ. ގާތްގަޑަކަށް 1500 އާއި 2000 ހާހާއި ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވި މި މުޒާހަރާ އަކީ މިފަހުގެ ތާރީޚެއްގައި އެމްޑީޕީ އިސްނަގައިގެން ބޭއްވުނު އެންމެ ބޮޑު މުޒާހަރާއެވެ. މި މުޒާހަރާގެ މައިގަނޑު މަގްޞަދަކީ، ރައީސް މުޢިއްޒުގެ ސަރުކާރުން ގައުމުގައި ހަމަޖެހުން ގާއިމުކޮށް ސުލްހަ މަސަލަސްކަން މަތީ ހެޔޮވެރިކަމެއް ކުރާތަން ފެނި އެއިގެ ސަބަބުން ރައްޔިތުންގެ ތާއީދު ސަރުކާރަށް ލިބި އެމްޑީޕީގެ މަގްބޫލުކަން ގެއްލެމުންދާތީ އެކަން ހައްލު ކުރެވޭތޯއބެލުމެވެ. ވެރިކަން ކުރަން ދަތިކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުން ހުއްޓުވިގެންނޫނީ 2028 ގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުމުގެ އުއްމީދު އެމްޑީޕީއަށް ގެއްލުމެވެ. ރައްޔިތުން ބިކަކޮށްގެން ވިޔަސް ތިމާމެންގެ ސިޔާސީ މަސްލަޙަތު ހިމާޔަތް ކުރުމެވެ. ސިޔާސީ އެކްޓިވިސްޓުން ހިފެހެއްޓުމެވެ.
ސިޔާސީ އެކިއެކި މަގާމުތަކުގެ ދަހިވެތިކަމުގައި ތިބޭ ސިޔާސީ އެކްޓިވިސްޓުންނަށް އުއްމީދެއް ގެނެސްދީ އެފަދަ މީހުން ގުނބޯހެއްދުމަކީ ވެސް މިފަދަ މުޒާހަރާ ތަކުގެ އެއްބޭނުމެވެ. ސިޔާސީ ގަޑުބަޑު ހައްދުވަން އެފަދަ އެކްވިސްޓުން ގެންގުޅެވޭނީ އެމީހުނަށް ވެސް އުއްމީދެއް ދީގެންނެވެ. ހަމަ އެހެންމެ ސިޔާސީ ހަރަކާތް ހިންގުމަށާ، ޕާޓީތަކުގެ ވެރިންގެ ފައިކޭޓަށް ލާނެ ފައިސާ، ވިޔަފާރިވެރިންގެ އަތުން ހޯދުމަކީ ވެސް މިފަދަ ކަންކަން ރޭވުމުގެ މަގްޞަދު ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ވެރިކަން ވެއްޓި އެމްޑީޕީއަށް ވެރިކަން ލިބިއްޖެއްޔާ ދައުލަތުގެ މާލިއްޔަތުން ނެގޭނެ މާލީ މަންފާގެ ދަހިވެތިކަމުގައި ޚަރަދު ކުރާނެ ވިޔަފާރިވެރިން ވެސް ތިބޭނެއެވެ. ރައީސް ޞާލިޙްގެ ދައުރުގެ ވެސް ފަދައިންނެވެ.
3 އޮކްޓޯބަރ ގެ ނާކާމިޔާބު ބަޣާވާތުން ފަހަގަ ކުރެވުނު އެންމެ ބޮޑު ހަގީގަތަކީ އެމްޑީޕީގެ ވެރިން ރައްޔިތުންނަށް އޮޅުވާލާ މިންވަރެވެ. ނުވަތަ އެމީހުންގެ ގަމާރުކަމެވެ. ދައުލަތުގެ ނިޒާމު ހަމަޖެހިފައިވާ ގޮތް އެމްޑީޕީގެ ވެރިންނަށް ރަނަގަޅަށް އެނގޭނެއެވެ. ދައުލަތް އެކުލެވިގެންވަނީ މައިގަނޑު 3 ބާރެއްގެ މައްޗަށްކަން ވެސް އެނގޭނެއެވެ. މުޒާހަރާ ފެއްޓުމާއިއެކު ސަރުކާރަށް 5 ކަމަކަށް ޑިމާންޑް ކުރިއެވެ. އެއިގެ ތެރެއިން 3 ކަމަކީ އެއިގެ މައްޗަށް ސަރުކާރުގެ ބާރުނެތް 3 ކަމެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭ ގޮތް ބަދަލުކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އަނބުރާ ގެންދިއުމާއި، ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް އުވާލުމާއި، މީޑިއާ ރެގިއުލޭޝަން ގާނޫނު އުވާލުމެވެ. މި 3 ކަމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތް ގާނޫނު ތަކެއްގެ ވާހަކައެވެ. ސަރުކާރަކީ ވެރިކަން ހިންގާ ބާރެވެ. ގާނޫނުހެދުމާއި ގާނޫނު އުވާލުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެކެވެ. ކުރީގެ ރައީސް ޞާލިޙަކީ އެތައް އަހަރެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައި އަދި ފަހުން ރާއްޖޭގެ ރައީސްކަން ވެސް ކުރައްވާފައި ހުންނެވި ބޭފުޅެކެވެ. ދިވެހި ދައުލަތް އެކުލެވިގެންވާގޮތް އެމަނިކުފާނަށް އެނގިވަޑައި ގަންނަވާނެއެވެ. ވީއިރު ގާނޫނު ހެދުމާއި އުވާލުމާއި އިސްލާހުކުރުމުގެ ބާރު އޮތީ މަޖިލީހަށް ކަން ވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ. އެރޭގެ މުޒާހަރާއިން އެނގިގެން ދިޔައީ ރައްޔިތުން ގުނބޯހެއްދެވުމުގައި އެމަނިކުފާނުގެ ޕާޓީން ކުރާ ކަންތަކެވެ. ނުވަތަ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީސް ކޮންޓްރޯލްކުރީ ސަރުކާރުންކަމެވެ. އެރޭގެ 5 ޑިމާންޑްގެ ތެރޭގައި ހިމެނޭ އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ދިނުމަކީ މިހާރުވެސް ކުރަމުންގެދާ ކަމެކެވެ. ދެން އޮތީ އާސަންދަ އާއި ބޭސްފަރުވާ އަދި ބޭސް ހަމައަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ވާހަކައެވެ. އެކަމަކީ މިހާރުވެސް ކުރިއަށްދާކަމެކެވެ. ސަރުކާރު ހޮސްޕިޓަލް ތަކުން ހޯދާ ސިއްޙީ ފަރުވާއަށް އާސަންދައިން ފުލްކޮށް އަދި ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ހޯދާ ސިއްޙީ ޚިދުމަތަށް ކުރިއެކޭ ވެސް އެއްގޮތަށް އާސަންދައިން ދަނީ ޚަރަދު ކުރަމުންނެވެ. ރާއްޖެއިން ލިބެންނެތް ފަރުވާއެއް ކަމަށް ޑޮކްޓަރުން ކަނޑައަޅާ ކަންކަމަށް އާސަންދައިގެ ޚަރަދުގައި ރާއްޖެއިން ބޭރުން ފަރުވާ ލިބެއެވެ. ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ފިއްތުމާއިއެކުވެސް އާސަންދައިން ބޭސްލިބެއެވެ.
3 އޮކްޓޯބަރ ގެ މުޒާހަރާ އަކީ ރައްޔިތުންނަށް އޮޅުވާލުމާއި ފިތުނަ ފަސާދަ އުފެއްދުމަށް މިފަހުގެ ތާރީޚެއްގައި ބޭއްވުނު އެންމެބޮޑު ހަރަކާތެވެ. މިފަހަރު މަދުވީ މޭޑޭގެ މުޒާހަރާގައި ދެއްކިފަދަ ކިތާބީ ހެކި ބޮޑިއެވެ. ޕްރިންޓަރުގެ މައްސަލަޖެހިގެން ޕްރިންޓް ނުވީކަމަށް ވެސް ވެދާނެއެވެ. ނޫނީ ބެންކޮކްގައި ދިރިއުޅުއްވާތީ ވީގޮތެއް ކަމަށްވެސް ވެދާނެއެވެ.