މިހާރު އެންމެ ބާރަށް ދެކެވެނީ ލޯކަލްކައުންސިލް ތަކުގެ އިންތިކާބުގެ ވާހައެވެ.އިންތިޚާބުގެ ބެރުގެ އަޑު ގުގުމާފައިވާއިރު މިހާރު މަގާމުތަކުގައި ތިބި ކައުންސިލަރުންނާއި މޭޔަރުންގެ ގާބިލުކަމާއި އިޚްލާސްތެރިކަމުގެ ވާހަކަ ވެސް އެއްބަޔަކު އެބަ ދައްކައެވެ. ވާނީވެސް އެހެންނެވެ. އެއްބަޔަކު ގާބިކުމަކާއި އިޚްލާސްތެރިކަން ވަޒަންކުރަން މިނާ ނާޅިއަކީ ސިޔާސީކުލައަށްވީމައި ހަގީގީ މަންޒަރެއް އެމީހުނަށް ނުފެންނާނެއެވެ.
ރާއްޖޭގެ ސިޓީތަކުގެ މޭޔަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންގެ އިޚްލާސްތެރި ކަން ވެސް ވަޒަންކޮށްލަން ޖެހެއެވެ. ހަމައެކަނި މާލެއަށް ބަލާލާއިރު ވެސް ފާހަގަ ކުރެވޭ ވަރަށްގިނަ ކަންކަން އެބަހުއްޓެވެ. މާލެ މޭޔަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ޚިދުމަތް ކުރަން 2 އަހަރަށްވުރެން ދިގު މުއްދަތެއް މިހާރުގެ މޭޔަރު އާދަމް އާޒިމަށް ވެސް ވަނީ ލިބިފައެވެ. ސުވާލަކީ އެ ލިބުނު ފުރުސަތުގައި ކޮށްދެއްވުނީ ކިހާވަރެއްގެ ޚިދުމަތެއްތޯއެވެ. މާލޭގެ މިހާރުގެ މޭޔަރުގެ ޚިދުމަތަށް ބަލާލާއިރު ފެންނަނީ އަމިއްލަ މަސްލަހަތަށްޓަކައި ކަންކަން ކުރާ މަންޒަރެވެ. ފާއިތުވެދިޔަ 2 އަހަރު ނުކޮށް ބަހައްޓާފައި ހުރި ކަންކަން ކައުންސިލް އިންތިޚާބަށް ދަނީ ކުރަމުންނެވެ. އަލިކިލެގެފާނު މަގުގައި މައިޒާނެއް ހެދުމުގެ މަސައްކަތަކީ މާލޭގެ ކުރީގެ މޭޔަރުގެ ދައުރުގައި މަސައްކަތް ފެށިތަނެކެވެ. އެހެން ނަމަވެސް އާދަމް އާޒިމްގެ މޭޔަރ ކަމުގެ ދައުރު ފެށިގެން މިހތަނަށް އައިއިރު އެތަނުގެ މަސައްކަތް އޮތީ ބާއްވާފައެވެ. ކައުންސިލް އިންތިޚާޞުގެ ކެމްޕޭނަށް ކުރާނެ ކަމުގެ ގޮތުގައެވެ. ކެމްޕޭން ހަރަކާތެއްގެ ގޮތުގައި އެތަންވެސް މިހާރު ވަނީ ހުޅުވާފައެވެ. ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ބޭނުންކޮށްގެން މިހާރު ހިންގަނީ ކެމްޕޭނެވެ. އިޚްލާސްތެރިކަން ހުރެގެން ރައްޔިތުންނަށް ޚިދުމަތެއް ކުރުމުގެ ނިޔަތުގައި ނަމަ މިހާ ދުވަސްވީއިރު އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ނުފަށާ ބޭއްވީ ކީއްވެގެންހެއްޔެވެ. މާލޭގެ މަގުތަކަށް ބަލާއިރު ވެސް ފެންނަނީ މިދެންނެވި ކަހަލަ މަންޒަރު ތަކެކެވެ. މަގުތަށް ހަލާކުވެ އަޑިގުޑަން ވުމުގެ ސަބަބުން ހިނގާ މީހުންނަށާއި ދުއްވާ މީހުނަށް ވެސް ވަނީ ތަކުލީފަކަށް ވެފައެވެ. މިހާ ދުވަސްވީއިރު ވެސް އެކަންކަން ހައްލު ނުކޮށް އޮތީ ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ކުރުމަށެވެ. މިހާރު މާލޭގެ މަގުތަކަށް ބެލީމައި އެކަން ސާފުވާނެއެވެ. މަގުގެ ގައުތައް ނަގާ އެއްވަރުކުރުމާއި މައިޒާންތަކާއި ޕާކުތައް މާރާމާތު ކުރުމާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުން މިއޮތީ މިހާރުގެ މޭޔަރުގެ ކެމްޕޭން ހަރަކާތަކަށް ވެފައެވެ. އެކަންކަމަކީ އިޚްލާސްތެރިކަން ހުރެގެން ރައްޔިތުންނަށް ޚިދުމަތެއް ދިނުމުގެ ނިޔަތެއް އޮވެގެންކުރާ ކަމެއްނަމަ މިހާދުވަސްވީ އިރު ނުކޮށް ބެހެއްޓީ ކީއްވެގެންތޯއެވެ.