ލޯކަލްކައުންސިލް ތަކަކީ ރަށްރަށުގެ އިދާރީ ހިންގުމުގައި އެންމެ އިސްކޮށް އޮންނަ ފަރާތެވެ. ކައުންސިލަރުންގެ ގޮތުގައި އިންތިޚާބު ކުރެވޭ މީހުންނަކީ ސަރުކާރުން ރަށްރަށުގައި ހިނގާ އެކިއެކި މަޝްރޫއުތައް ހިންގުމުގައި ސަރުކާރާ ރައްޔިތުންނާއި ދެމެދު ތިބޭ މީހުންނެވެ. ރަށްރަށުގައި ހިންގާ ތަރައްގީގެ އަދި އަސާސީ ޚިދުމަތްތައް ދިނުމުގައި އިސްކޮށްތިބޭ މީހުންނެވެ. ފަހަރެއްގައި ވެސް ކައުންސިލަރުންނަކީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަން ނުވަތަ ސަރުކާރު ޖަވާބުދާރީ ކުރުވަން އިންތިޚާބުކުރާ ބައެއްނޫނެވެ. ދުނިޔޭގެ ބޮޑެތި އާބާދީ ތަކުގައި ކޮންމެ ސްޓޭޓެއް ހިންގުމުގައި އެ ސްޓޭޓަކަށް މިނިވަންކަން ދީފައި އޮންނަނީ އާބާދީގެ ގޮތުންނާއި މާލީގޮތުން އެކަން ކުރުމުގެ ގާބިލުކަން އެ ސްޓޭޓްތަކުގައި އޮންނާތީއެވެ. ނަމަވެސް އެރަށަކަށް ލިބޭ އާމުދަނީން އެރަށެއްގެ ކަންކަން ހިންގުމުގެ ގާބިލުކަން ނެތް ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ރާއްޖޭގެ އެއްވެސް ރަށަކީ ސރުކާރަށް ބަރޯސާނުވެ ކައުންސިލުން ސިޔާސަތު ކަނޑައަޅައި އެކަންކަން ތަންފީޒު ކުރެވޭވަރުގެ އުރައްޕެއްހުރި ގައުމެއްނޫނެވެ. އެންމެ ކުޑަމިނުން ކައުންސިލަރުންގެ މުސާރަ ދެވޭވަރުގެ އާމްދަނީއެއް ލިބޭ ކައުންސިލެއް ވަރަށް މަދެވެ.
އެމްޑީޕީން ދިވެހި ރައްޔިތުންނަށް ވިސްނައިދެނީ ލޯކަލްކައުންސިލްތަކަކީ މިނިވަންކަމާއެކު ރަށްރަށުގެ ހުރިހާ ކަމެއް ހިންގަން ޖެހޭ ފަރާތްކަމުގައެވެ. އެމްޑީޕީ އިދިކޮޅުގައި އޮންނައިރު އަބަދުވެސް ދައްކަނީ އެވާހަކައެވެ. ރައްޔިތުނަށް ވިސްނައިދޭން މަސައްކަތް ކުރަނީ ރަށްރަށުގެ ކަންކަން ކުރަންވާގޮތް ސަރުކާރަށް ނޭގޭނެކަމުގައެވެ. އެރަށެއްގެ ކަންކަން ނިންމާނީ އެރަށެއްގެ ރަށްޔިތުންކަމުގައެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އަމަލީގޮތުން ދައްކާފައި އޮތީ ތަފާތު މަންޒަރެކެވެ. މިހާތަނަށް އެންމެ ގިނައިން ކައުންސިލަރުންނަށް ފިޔަވަޅު އަޅައި އެންމެ ގިނަ ކައުންސިލަރުން މަގާމުގެ ޒިންމާއިން އެކަހެރިކުރީ ރައީސް ސޯލިޙްގެ ދައުރުގައެވެ. ރައީސް މައުމޫނުގެ ދައުރުގައި އެޓޯލްސް މިނިސްޓްރީ ކުޅުނު ދައުރަށްވުރެން މާފުޅާކޮށް ރައީސް ސޯލިޙްގެ ދައުރުގައި އެލްޖީއޭއިން ކައުންސިލްތަކަށް ނުފޫޒު ފޯރުވިއެވެ.
އެންމެ ހެއްވާ ކަމަކީ ރަށްރަށުގައި ހިންގަން ބޭނުންވާ ހުރިހާކަމަކަށް ފައިސާދޭން ޖެހެނީ ސަރުކާރުންނެވެ. އެހެން ނަމަވެސް ކަންކުރަން ޖެހޭގޮތް އެނގެނީ ކައުންސިލަށެވެ. ފެނަކަ އާއި ވެމްކޯފަދަ އަސާސީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ރަށްރަށުގެ ކަންކަން ހިންގަންޖެހޭނީ ކުންފުނިތަކުގެ ޚަރަދުގައި ކައުންސިލަރުން އަންގާގޮތަކަށް ކަމުގައި އެފަދަ ކައުންސިލަރުންނަށް ބަޔަކު ވިސްނައިދޭތީއެވެ. ގިނަ ކައުންސިލްތަކުގައި ތިބެނީ އިދާރީ ހިންގުމުގެ ކަންކަމަށް ބީރައްޓެހި، ސިޔާސީ އެކްޓިވިސްޓުންނެވެ. އެންމެ ބާރަށް ހަޅޭއްލަވަން ކެރޭ އެންމެ ދުރަށް ގައު އުކޭ މީހީއަކީ ޕާޓީގައި އެންމެ މަގުބޫލުމީހާ ކަމަށް ވުމުން ޕާޓީ މީހުން ވޯޓްދެނީ އެމީހާއަށެވެ. ކޮޅުއޫކޮށް ހުންނަ ބޫޓަށް އަރައި ހުދުގަމީސް ލާފައި ޕާޓީކުލައިގެ ޓައިއެއް އަޅައިގެން އޮފީހަށްގޮސް ދެން ކުރަން ޖެހެނީ ކޮންކަމެއްކަން ގިނަ ކައުންސިލަރުންނަކަށް ނޭގެއެވެ. ނަތީޖާއަކީ އެފަދަ ކައުންސިލްތަކަށް ރަށްރަށުގެ ކަންކަން ކުރަންވާގޮތެއް ނޭގުމުގެ ސަބަބުން ރަށުގެ ކަންކަން ބޮއްސުންލައިގެން ދިއުމެވެ. ފައިސާގެ ބޭނުންކުރަނީ ނަހަމަ ގޮތުގައެވެ. އެމްޑީޕީގެ އަޣްލަބިއްޔަތު އޮންނަ ކައުންސިލް ތަކުން އެންމެ ޖޯޝާއި ފޯރީގައި ކުރާކަމަކީ ތަޖުރިބާހޯދަން ބެންކޮކަށް ދިއުމެވެ. ތައިލެންޑަކީ ދިވެހިރާއްޖެއާއި އެއްގޮތް ވެރިކަމުގެ ނިޒާމެއް އޮންނަ ގައުމެއްނޫނެވެ. ރާއްޖެއަށް ފަތުރުވެރިން ވެސް އަންނަ ގައުމެއްނޫނެވެ. ދުނިޔޭގެ ނާސިގޭގެ ގޮތުގައި މަޝްހޫރު ބެންކޮކުން ދިވެހިރާއްޖޭގެ ކައުންސިލްތައް ހޯދަން މިއުޅެނީ ކޮންކަހަލަ ތަޖުރިބާއެއްބާއޭ ހިތަށްއަރައެވެ.
މިއަހަރު ބެއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް ވެސް އެމްޑީޕީން ދަނީ މިދެންނެވި ގޮވެލިފަތި ގޮވަމުންނެވެ. ސަރުކާރު ޖަވާބުދާރީ ކުރުވަން އިދިކޮޅަށް ކައުންސިލް މެޖޯރިޓީ ބޭނުވާނެ ވާހަކަ ދައްކަމުންނެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައި އޮންނަ ބަޔަކީ ރައްޔިތުންގެ މަޖިލިސް މެންބަރުންނެވެ. އެކަމަކީ ކައުންސިލް ތަކަށް ކުރެވޭނެ ކަމެއްނޫނެވެ. ކައުންސލް ތަކަށް އިންތިޚާބު ކުރަންޖެހެނީ އޭރަކުއޮންނަ ސަރުކާރަކާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކުރަން އެނގޭމީހުންނެވެ. ކައުންސިލްތަކުން ސަރުކާރަށް ކުރާ ޖެއްސުމުގެ ހުރިހާ ދެރައެއް ލިބޭ ބަޔަކީ އެރަށެއްގެ ރައްޔިތުންނެވެ. ހުއްޓޭނީ ނުވަތަ ނުފެށިގެން އުޅެން ޖެހޭނީ އެރަށެއްގައި ހިންގަން ސަރުކާރުން މަސައްކަތްކުރާ މަޝްރޫއުތަކެވެ. ކުޅުއްދުއްފުށީގެ މޭޔަރުކަމަށް، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް، ކުޅުދުއްފުށީގެ މިހާރުގެ މޭޔަރު ބުނިކަމަށް ދާދިފަހުން ނޫހަކުން ފެނުނު ޚަބަރެއްގައި އޮތީ މާލޭގައި ތިބޭ ބަޔަކު ކުރާ އަމުރަކަށް އެރަށު ކައުންސިލުން ތަބާވާން ނުޖެހޭނެކަމުގައެވެ. އޭނައަށް ނޭގުނު ނަމަވެސް ހަގީގަތަކީ ދިވެހިރާއްޖެއަކީ ފެޑަރަލް ދައުލަތެއް ނޫނެވެ. ރާއްޖޭއަކީ ޔުނިޓަރީ ދައުލަތެކެވެ. މިތާގައި އޮންނަނީ އެނެމެ ސަރުކާރެކެވެ. ރައީސުލްޖުމްހޫރިއްޔާއަކީ މުޅިގައުމުގެ ރައްޔިތުން ހޮވާ ބޭފުޅެވެ. ރަށްރަށުގެ ކައުންސިލަރުންނަށް ވުރެން ގިނަ ވޯޓް އެރަށްރަށުން ލިބިވަޑައިގެން ހުންނަވާ ބޭފުޅެކެވެ. ގައުމުގެ އެނެމެހާކަންކަން ހިންގުމުގެ އެންމެ އިސްފަރާތަކީ ރައީސުލްޖުމްހޫރިއްޔާއެވެ.
ކައުންސިލްތަކަށް އިންތިޚާބު ކުރަން ޖެހެނީ ސަރުކާރަށް އެއްބާރުލުންދީ، ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ވިސްނުން ގެންގުޅޭ މީހުންނެވެ. ރަށްރަށުގެ ކައުންސިލް ތަކުގެ އުނދަގުލާހުރެ އެރަށްރަށުގައި ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް ކުރިއަށް ނުގެންދެވި ތިބެން ނުޖެހޭނެ ބައެކެވެ. ރައީސް ޑރ.މުޢިއްޒުގެ ތަރައްގީގެ ބާރު ސްޕީޑް ހުއްޓުވަން ބުރައްކަށް ފިތަން ތިބޭބަޔަކު ކައުންސިލްތަކަށް އިންތިޚާބު ކުރުމުން ހުރިހާ ގެއްލުމެއް ވާނީ ރަށްރަށުގެ ރައްޔިތުންނަށެވެ. ހުއްޓިގެންދާނީ ރަށުގެ ތަރައްގީއެވެ. ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށެވެ. އެމްޑީޕީން ވެރިކަމުގެ ދަހިވެތި ކަމުގައި ސަރުކާރު ފެއިލް ކޮށްލަން ކުރާ މަސައްކަތުގެ ހުރިހާ ގެއްލުމެއް ލިބޭ ފަރާތަކީ ރައްޔިތުން ކަމުގައި ވެގެންނުވާނެއެވެ.