2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ވާދަވެރިކަމަށް ވުރެން ރަނިން މޭޓްކަމުގެ ވާދަވެރިކަން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ޕްރައިމަރީއެއް ކާމިޔާބު ނުކުރެވޭނެކަން އެނގޭ އެހެނަސް ރައީސްކަމުގެ ހުވަފެން ދެކޭ މީހުން ވަރަށް ގިނައެވެ. މިފަދަ މީހުން ދެކޭގޮތުގައި ރަނިންމޭޓެއްގެ ގޮތުގައި އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ރައީސް ކަމާއި ދާދި ގާތަށް އާދެވުނީއެވެ. 5 އަހަރު ދުވަހަށް ކުލި ނުދައްކާ އުޅޭނެ ގެއަކާއި ގޭގެ ހުރިހާ ޚަރަދު ބަރަދެއް ދައުލަތުން ކޮށްދޭނެއެވެ. ދައުލަތުގެ އަގުބޮޑު ކާރުގައި ސަލާމަތީ ބާރުތަކުގެ ފުރިހަމަ ހިމާޔަތުގައި ތަންތަނަށް ދެވޭނެއެވެ. މީހާގެ ހައިބަތު ދައްކާލަން ރަނުގެ ފުރުޞަތެކެވެ. އަދި ހަމަ އެހެންމެ 2012 ގައި ކުރިމަތިވި ފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ ރައީސް ކަމަށް ވެސް އާދެވުނީއެވެ. އިންތިޚާބެއް ކާމިޔާބު ކުރެވެން ނެތް މީހަކަށް ކުރުމަގަކުން ރައީސް ކަން ލިބުނީއެވެ.
ރަނިންމޭޓް ކަމަށް ފައިނަގާ މީހުންގެ ލިސްޓްގެ އެންމެ ކުރީގައި އޮތް އެއްބޭފުޅަކީ ނިމިދިޔަ ދައުރުގެ ދާޚިލީ ވަޒީރު އަދި ޢަދާލަތު ޕާޓީގެ ރައީސް މަޝްހޫރު ސިޔާސީ އެކްޓިވިސްޓް އަލްއުސްތާޛް އިމްރާން ޢަބްދުﷲ އެވެ. އުސްތާޛް އިމްރާނަކީ ޕާކިސްތާނާއި މަދީނާ އިން ދީނީ ޢިލްމު ކިޔަވާވިދާޅު ވެގެން ހުންނެވި ޝެއިޚެއް ނަމަވެސް ނަމުގެ ކުރިއަށް ކިޔަމުން އައި "ޝެއިޚް" އެއީ މިހާރު އުސްތާޛް އިމްރާން އެހާ ގަޔާވާ ނަމެއްނޫނެވެ. ހުޅަނގުގެ ޑިމޮކްރަސީއަކީ އިސްލާމްދާނާއި އެހާ ރައްޓެހި އެއްޗެއް ނޫންވީމައެވެ. އަދި އަމުދުން ހުޅަނގުގެ ގޮނޑިކޮއްކޮ ޕާޓީއެއް ކަމަށްވާ އެމްޑީޕީގެ ރަނިން މޭޓަކީ ޝެއިޚެއް ކަމަށް ވެއްޖެނަމަ ރިޔާސީ އިންތީޚާބަށް، ނަޞާރާ ފައްޅިތަކާއި ޖަމާޢަތްތަކުން ޚަރަދު ނުކޮށްދީފާނެއެވެ. 2028 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ އެމްޑީޕީ ކެނޑިޑޭޓަކަށް ވުމުގެ ފުރުޞަތު އެންމެ ބޮޑީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްއެވެ. ރައީސް ޞާލިޙްގެ ރަނިންމޭޓަކަށް ވުމުގެ ފުރުޞަތު އެންމެ ބޮޑީ އަލްއުސްތާޛް އިމްރާން ޢަބްދުﷲއެވެ. އެކަމަށްޓަކައި ދުރާލާ އެމްޑީޕީއަށް ސޮއި ކުރައްވަން އުސްތާޛް އިމްރާން ހުންނެވީ ތައްޔާރުވެ ވަޑައިގެންނެވެ. މިހާރު ބެންކޮކްގައި ދިރިއުޅުއްވާ އުސްތާޛް އިމްރާން މިފަހަރު މާލެ ވަޑައިގެންނެވީ އެމްޑީޕީއަށް ސޮއި ކުރައްވާށެވެ. ނަމަވެސް އެމްޑީޕީތެރެ ގުޖަޑު ވެގެން އެކަން ލަސްކޮށްލެއްވީއެވެ. އެހެން ނަމަވެސް އެކަށައެޅިފައިވާ ގޮތަށް އެކަން ކުރިއަށްދާނެއެވެ. ކުރީގެ ޗީފް އޮފް ސްޓާފް އަދި ކުރީގެ ރައީސް ޞާލިހްގެ އޮފީސް ހިންގެވުމާއި ހަވާލުވެޑައިގެން މިހާރުވެސް ހުންނެވި އަލްއުސްތާޛް އަލީ ޒާހިރު، އަލްއުސްތާޛް އިމްރާނަށް ދެއްވާފައި އޮތް ޔަގީން ކަމަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވިއަސް ރަނިންމޭޓަކަށް ނަންގަވާނީ އުސްތާޛް އިމްރާންކަމެވެ. އުސްތާޛް އިމްރާން މިހާރު ހުންނެވީ އެމްޑީޕީގެ ދީނީ އަދި ސިޔާސީ، ގައުމީ ފިކުރަށް ފިސާރި ރަނގަޅަށް ފައްކާވެވަޑައިގެންނެވެ. މިހާރު އެއީ ރައީސް ނަޝީދާއި ރައީސް ޞާލިޙް ފަދައިން އެމްޑީއަށް ފައްކާވެވަޑައިގެން ހުންނެވި ފަހުލަވާނެކެވެ. ރައީސް ޞާލިހްގެ ދާޚިލީ ވަޒީރުކަން ގަދަފައި ވިއްދަވާފައި އިމްރާން ހޯއްދެވީ ވެރިކަމަށް އަހުލުވެރިވެވަޑައި ގަންނަވަން ބޭނުންފުޅުވާ ޢަމަލީ ތަޖުރިބާ ހޯއްދެވަން ވެގެންނެވެ.
އަލްއުސްތާޛް އިމްރާން ޢަބްދުﷲ އަކީ ޢަދާލަތު ޕާޓީގެ ރައީސް ނަމަވެސް، ޢަދާލަތު ޕާޓީ އޮތީ ވެރިކަމުގެ ހުވަފެން، ދުރުމީ އަޅައިގެން ވެސް ފެންނަ ހިސާބަކު ނޫނެވެ. އެމަނިކުފާނުގެ ރިޔާސަތުގައި ޢަދާލަތު ޕާޓީއަށް ލިބުނު ކުރިއެރުމެއްނެތެވެ. ކުރިން އޮތް މަގުބޫލުކަމާއި ރައްޔިތުންގެ އިތުބާރު ވަނީ އެކަށް ގެއްލިފައެވެ. ވަގަށް ވެއްދި މީހުން ކޮޅެއްގެ ތިބުމުގެ ސަބަބުން އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީގެ ނަންއޮތީއެވެ. އެފަދަ ބަލިކަށި ކަމެއްގެ ތެރޭގައި ޢަދާލަތު ޕާޓީ އޮތީމައި އުސްތާޛް އިމްރާން ދެކެވަޑައިގަންނަވާ ވެރިކަމުގެ ހުވަފެން، ޢަދާލަތު ޕާޓީގެ ދާންމަތިކޮޅުގައި އަވަހާރަފުޅު ލައްޕަވައިގެންނެއް ނުފެންނާނެއެވެ. އެހެން ގޮތަކަށް ދައްނަވާނަމަ ކައްކައި ހިހޫކޮށްގެން ފަރިއްކުޅުއްވަން މަޑުކޮށް ލައްވައިފިނަމަ އެކަން ހާޞިލުވާކަށް ނެތެވެ. އެހެންވީމާ ދެން އޮތީ ކޮންމެ ރަހައެއް ލިޔަސް ކުނިވެ، ފުޅައަޅާފައި ހުއްޓަސް ހިހޫތަނުން ފަރިއްކުޅުއްވުމެވެ. ކާނާ ވިހަ ވިޔަސް ވާނީ ފަހުންނެވެ. މީރު ތާޒާ އެއްޗެއް ކެވޭނީ އަމިއްލައަށް ކައްކައި ހިހޫކޮށްގެންނެވެ. އެގޮތަށް ކައްކަން އުދި އެތި ފުލުގައި ހިފައި ދުންގަނެގެން ތެލި ގަނޑުވެސް ނެތިދިމުމާއި ގާތްވެއްޖެއެވެ. ދެން އޮތީ ހިހޫތަނުން ކެއުމެވެ. މިޙާރު އުސްތާޛް އިމްރާނަށް ފަރިއްކުޅުއްވޭނެ ސުފުރާއަކަށް ހިހޫކޮށް އޮތީ އެމްޑީޕީގެ ލާދީނީ ސުފުރާއެވެ.