logo
އައްޑޫ ބަހުސް
ސިޔާސީ
20 އޮކްޓޯބަރ 2025
3 މިނިޓް
128
Post image
އައްޑޫގައި ސިޓީ ކައުންސިލެއް އުފެއްދުމާއި ގުޅިގެން އައްޑޫގެ ރަށްތަކަކީ އަވަށްތަކެއްގެ ގޮތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ރިޔާސީ ގަރާރަކުން ކަނޑައެޅުއްވިއެވެ. އޭރުވެސް އައްޑޫގައި ފާލަމުން ގުޅުވާނުލެވި ވަކިންއޮތް ދެރަށުގެ ރައްޔިތުން އެކަމާއި ދެކޮޅަށް ވަކާލާތު ކުރިއެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން، އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ނިންމި ނިންމުމަކީ، އެ އޮތޯރިޓީގެ ބޯޑުގެ އަޣްލަބިއްޔަތުން ނިންމާފައިވާ ނިންމުމެއް ކަމަށް ނުވާތީ އެ ނިންމުން ބަޠިލުކޮށް ދިނުމަށް އެދި އަމިއްލަ ފަރާތުން މަދަނީކޯޓަށް ހުށަހެޅި މައްސަލަ ނިންމައި އެކޯޓުގެ ގަޟިއްޔާ ނަންބަރ: 267/Cv-C/2011 ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނިންމުން ބާޠިލު ކޮށްފައެވެ. އަދި މިހާތަނަށް މަތީ މަރުހަލާގެ ކޯޓަކުން އެ ނިންމުން ބާޠިލުކޮށްފައި ނުވެއެވެ. އެހެންވީމާ އައްޑޫ ސިޓީ ކައުންސިލަކީ އުފެދުމުގައި ވެސް ބާޠިލު އެއްޗެކެވެ. އަތޮޅު އެއްކޮށްގެން ސިޓީއެއްގެ ދަރަޖަ ދޭން ރައްޔިތުންގެ ޚިޔާލު އޭރުވެސް ހޯދިއެވެ. އެފަހަރުވެސް ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ވަނީ އެއަށް ނޫނެކޭ ބުނެފައެވެ.
އެމްޑީޕީގެ ވެރިކަން ފުށުމާއިއެކު ދެކެވެން ފެށި އެއްވާހަކަ އަކީ ލާމަރުކަޒު ކުރުމުގެ ވާހަކައެވެ. ރަށްރަށުން މާލެއަށް ބަރޯސާވުން ކުޑަ ކުރުމުގެ ވާހަކައެވެ. އެހެން ނަމަވެސް އަމަލީ ގޮތުން ދެއްކީ އެހެން މަންޒަރެކެވެ. ކުރީ މަރުކަޒެވެ. އައްޑޫގެ ވަކިންއޮތް ރަށްތަކެއް ހިތަދޫގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ރަށްރަށުގެ މީހުންގެ ބާރު ކަނޑުވާލީއެވެ. ހުރިހާކަމެއްގައި ހިތަދޫއަށް ބަރޯސާވާން މަޖުބޫރު ކުރީއެވެ. ރަށެއްގެ ހައިސިއްޔަތު ނިގުޅައިގަނެ، އަވަށްތަކަކަށްހަދައި، ލާމަރުކަޒީ ނިޒާމުން ވެސް މަހުރޫމް ކުރީއެވެ. ނަމަވެސް އެ ތިންރަށުގެ ރައްޔިތުންގެ އަޒުމަކަށް ބަދަލެއް ނައެވެ. ހިތަދޫގެ ކިބައިން މިނިވަންވެ މުސްތަގިއްލު ކައުންސިލެއް އޮންނަ ރަށެއްގެ ގޮތުގައި އެބައިމީހުންގެ ރަށް ދަމަހައްޓަން ވަކާލާތު ކުރުމުގައި ފަހަތަކަށް ނުޖެހުނެވެ. ނަތީޖާއެއްގެ ގޮތުން އެރަށްރަށުގެ އިދާރީ ހިންގުން ބައްޓަން ކުރަންވާ ގޮތާމެދު އެރަށްރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް ޑރ.މުއިއްޒު މިވަނީ ނިންމަވާފައެވެ. އަދި މިކަމުގައި ސަރުކާރުގެ ވަކި ވިސްނުމެއް ނެތް ކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. ގޮތް ނިންމަން ރައްޔިތުންނަށް ދޫކޮށްލެއްވީއެވެ.
އައްޑޫގެ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި ނެގުމަށް ހަމަޖެހިވާ މި ވޯޓަކީ އެރަށްރަށުގެ ރައްޔިތުން، އެބައިމީހުންގެ ރަށުގެ އިދާރީ ހިންގުމާއިމެދު ނިންމާ ގޮތެއް ބެލުމުގެ ގޮތުން ނަގާ ވޯޓެކެވެ. މި ކަމަކީ މުޅި ގައުމުގެ ރައްޔިތުން ޝާމިލުވާ ކަމެއްނޫނެވެ. މި ވޯޓްގެ ބަހުސް ގަދަ ވެފައިވަނިކޮށް ރާއްޖޭގެ ނޫހެއް ކަމަށްވާ "މިހާރު" ނޫހުން އައްޑޫ ބަހުސްގެ ނަމުގައި ވަނީ މީހުން އެއްކޮށްގެން ޒުވާބެއް ކުރުވާފައެވެ. އޮއްޓަރެއްނެތް ބަހުސެކެވެ. އިންތިޒާމުކުރި ފަރާތުން ވަކިކޮޅެއް ނަގާފައިވާކަން ފާހަގަވި ބަހުސެކެވެ. ރިޔާސަތުން މުޅިއެތި ވަކިކޮޅަކަށް ގެންދަން މަސައްކަތްކުރިތަން ފެނުނެވެ. ފުރުޞަތު ދިނުމުގައި ވެސް މިހާރު އޮތްގޮތަށް ބާއްވަން ވަކާލާތު ކުރުވަން ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްއަށް ފުރުޞަތު ދިންލެއް ގިނައެވެ. އައްޑޫ ސިޓީ ކައުންސިލުން ވަކިވުމާއިމެދު 3 ރަށެއްގެ ރައްޔިތުންނަށް ފެންނަ ގޮތެއް ބަލަން ނަގަން ހަމަޖެހިވާ ވޯޓަކާމެދު ކުރެވޭ ބަހުސެއްގައި، ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލަށް އިންސާފުވެރިއެއް ނުވެވޭނެއެވެ. ހަމައެހެންމެ އިލްމީ ބަހުސަކަށްވުރެން ޒުވާބެއްގެ ކުލަވަރު ފެނުނު އެބަހުސުން ފާހަގަވި އަނެއްކަމަކީ ކަމާއި ނުބެހޭ މީހުނަށް އެއަށް ވަނުމުގެ ފުރުޞަތު ދީފައިވާ ކަމެވެ. އައްޑޫގެ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކާއި، އެ ރަށްރަށުގެ މީހުން ނޫން މީހުނާއި ގުޅުމެއްނެތެވެ. އޮޅުދޫ ކަރައިގެ ރިޔާސީ އިންތިޚާބާއި ދިވެހިންނާއި ގުޅުމެއްނެތް ފަދައިންނެވެ. އެހެން ނަމަވެސް "މިހާރު" ގެ ބަހުސުގައި އައްޑޫގެ އެހެން ރަށްރަށުގެ މީހުނާއި ޅ.އަތޮޅު ހިންނަވަރު މީހުނާއި ރ.އަތޮޅު ފައިނު މީހުނަށް ވެސް އެއިގެ ތެރެއަށް އަނގަބާނަން ފުރުޞަތު ދިނެވެ. އަދި ބަހުސުގައި ބައިވެރިވި މީހުނާއި ޒާތީގޮތުން ދިމާކޮށް އާޑަ ފުރައްސާރަ ކުރުމުގެ ފުރުޞަތު ވެސް ހާޒިރީންނަށް ދިންކަން ފާހަގަވިއެވެ. ރިޔާސަތުން އެކަން ހުއްޓުވާފައެއް ނުވެއެވެ. އޮއްޓަރެއް ނެތް ބަހުސެކެވެ.
އައްޑޫ ފޭދޫ، މީދޫ އަދި ހުޅުދޫގެ ރައްޔިތުންނަށް އެމީހުންގެ ރަށުގެ ކަންކަން ނިންމާނެގޮތް ކަނޑައެޅުމަށް ފުރުޞަތު ދިނުމަކީ ޑިމޮކްރަސީގެ އުސޫލެވެ. ރައްޔިތުންގެ ކިބައިން ބާރުތައް ފެށިގެންއަންނަ ރައްޔިތުންގެ ވެރިކަމުގެ ސިފައަކީ އެއީއެވެ. އެމްޑީޕީގެ ރައީސް ނަޝީދު ވެރިކަމުގައި ޢަމަލު ކުރައްވާފައިވަނީ އެއާއި ދިމާ އިދިކޮޅަށެވެ. ރައްޔިތުން ވޯޓްދިން ގޮތާއި ކަނޑައެޅިގެން އިދިކޮޅަށެވެ. ކޯޓްގެ ހުކުމާއި ޚިލާފަށެވެ. އެކަމަކު ވެސް އެމްޑީޕީން ދައުވާ ކުރަނީ އެމީހުންނަކީ ޑިމޮކްރަސީގެ ޗެމްޕިއަނުން ކަމުގައެވެ. ނަމުން ޑިމޮކްރަސީއެވެ. ކަމުން ޚުދުމުޚުތާރެވެ. ރައީސް ޑރ.މުޢިއްޒު ނިންމަވާފައި މިވަނީ އެ 3 ރަށުގެ އިދާރީ ހިންގުން އެރަށްރަށުގެ އަހުލުވެރިން އެދޭގޮތަކަށް ނިންމުގެ އިޚްތިޔާރު އެބައިމީހުނަށް ދެއްވާށެވެ. ޑިމޮކްރެޓިކް އުސޫލުން ކަންކަން ނިންމަވާށެވެ.