logo
ރޫޅާލުން މެކުހަށް
ސިޔާސީ
3 ދުވަސް ކުރިން
3 މިނިޓް
93
Post image
ރައީސް މައުމޫންގެ ވެރިކަން ބަދަލުކޮށް ރާއްޖޭގެ ވެރިކަށް އައުމުގެ ޝައުގުވެރިކަން ހުރި އެތައްބަޔަކު އޭރު އުޅުނެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވެސް އެކަން ކުރުމުގެ ނިޔަތްއޮތްނަމަވެސް ހަށިފޮޅާލާފައި ނިކުންނަން ކެރުނު ހަމައެކަނި ބޭފުޅަކީ ރައީސް ނަޝިދެވެ. އެއްޑީޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އުޅުނުއިރުވެސް ބިރުކަނޑާލާފައި ކުރީސަފަށް ނިކުތުމުގައި ގިނަމީހުން ބުރަވީ ފަހަތުފަޔަށެވެ. ނަމަވެސް އެ ހިތްވަރުހުރި އެއްބޭފުޅަކު އޭރުވެސް ހުއްޓެވެ. އެއީ ރައީސް ނަޝީދެވެ. ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވުމުގެ ޝައުގުވެރިކަން ނުހަނު ބޮޑަށް ހުރުމާއެކު، ހަށިފޮޅާލާފައި އެކަމާ އުޅެން އެއީ ރަނުގެ ފުރުސަތެއްކަން އެމަނިކުފާނަށް ވިސްނިވަޑައިގަތެވެ. ނަތީޖާއަކަށްވީ މެދުކެނޑުމެއްނެތި ވެރިކަން ކުރައްވާތާ ތިރީސްއަހަރުވީ، ރައީސް މައުމޫނުގެ ވެރިކަމުގައި ނިމުމުގެ ސިއްކަޖައްސަވައި ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 4 ވަނަ ރައީސަކަށް، ރައީސް ނަޝީދު ވެވަޑައިގެންނެވުމެވެ.
އާރާއި ބާރަށްޓަކައި ކޮންމެ ކަމެއްވެސް ކުރައްވަން އަބަދުވެސް ރައީސް ނަޝިދު ހުންނަވާނީ ތައްޔާރީ ހާލަތުގައެވެ. ކުރިއާލާ ކުޅިބައި އަތުރާލައްވައިގެންނެވެ. އެމަނިކުފާނު ވިދާޅުވާގޮތުންނަމަ 6 ކުޅި ކުރިއަށް ކުޅުއްވައިގެންނެވެ. އެ އަތުރާލާ 6 ކުޅި، ބަލާފައި އެއްކުޅިން ބޮނދުބުޑަށް ސައިކިޔާލެވުމަކީ އަދި އެހެންކަމެކެވެ. 7 ފެބްރުވަރީ އަކީ އެޒާތުގެ ދުވަހެކެވެ. 7 ފެބްރުވަރީގެ ވެއްޓުމާއެކު އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް ލޮޅުންއެރިއެވެ. ނަމަވެސް އެމްޑީޕީއަކީ އެމަނިކުފާނުގެ އެއްޗަކަށް ވީތީ އެމްޑީޕީގެ ބޭނުންކޮށްގެން އަނެއްކާވެސް ރައީސް ނަޝީދު މިވަނީ ސިޔާސީ ކުޅިބައި އަތުރާލައްވާފައެވެ. ކުރިއާ ޚިލާފަށް މިފަހަރު ކުޅުއްވަނީ ކުޅިއަކަށް ކުޅިއެކެވެ. ރައީސް ނަޝީދު އިށީދެވަޑައިގަންނަވަން ހުރި ގޮނޑި އެމަނިކުފާނު ޖަލުގައި ހުންނެވުމުގެ ސަބަބުން ހުސްކޮށްހުރި އިރެއްގައި އެގޮނޑި ދައްކައިގެން އެމަނިކުފާނުގެ މިތުރު ރައީސް ޞާލިޙް 2018 ގައި ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއެވެ. ކުރިން ހީކުރެވުނުގޮތާއި ޚިލާފަށް ރައީސް ނަޝީދާއި ދޭތެރޭ ރައީސް ޞާލިޙް އަމަލުކުރެއްވީ ހުތްފެލާލާފައި އެއްލާ ލުނބޯތޮށިގަނޑެއްގެ ބީދައިންނެވެ. ރައީސް ޞާލިޙްގެ އެންމެ އަރިސް މީހުނަށް ހެއްދެވީ ރައީސް ނަޝީދާއި ދޭތެރޭ އަދާވާތްތެރިކަން އެންމެ ބޮޑު މީހުންނެވެ. ދާޚިލީ ވަޒީރަކަށް ޝެއިޚް އިމްރާނެވެ. ޗީފް އޮފް ސްޓާފަކަށް ޝެއިޚް ޢަލީ ޒާހިރެވެ. އެވަރުން ވެސް ނިމުނީ އެއްނޫނެވެ. ދައުލަތުން ސަލާމަތާއި ހިމާޔަތާ ރައްކާތެރިކަން ދިނުން ލާޒިމު ބޭފުޅަކަށް ރައީސް ނަޝީދުވީ ނަމަވެސް އެމަނިކުފާނު އަވަހާރަކޮށްލަން ހަމަލާވެސް ދެވުނީއެވެ.
ރައީސް ނަޝީދުގެ ނަންފުޅު ބޭނުންކުރައްވައިގެން އެމަނިކުފާނުގެ ރަމްޒެއްގެ ގޮތުގައި ހުސްގޮނޑިއެއް ދައްކަވައިގެން ގައުމުގެ ރައީސް ކަމަށް ވަޑައިގެންނެވި، ރައީސް ޞާލިޙް، ރައީސް ނަޝީދާއި ދޭތެރޭ ޢަމަލު ކުރެއްވި އިހާނެތި ގޮތުގެ ބަދަލު ހިއްޕެވުމަކީ އިންސާނީ ޠަބީއަތުގެ ގޮތުން ރައީސް ނަޝީދު ވެސް ކުރައްވާނެ ކަމެކެވެ. އެގޮތުން އެންމެ ފުރަތަމަ އެމަނިކުފާނު ނިންމެވީ އެމްޑީޕީ ރޫޅާލުމަށްޓަކައި ސިޔާސީ ޕާޓީއެއް ހައްދަވާށެވެ. ރައީސް ނަޝީދު އެމްޑީޕީ ސިފަކުރެއްވީ ކަށިކެޔޮގަނޑެއްގެ ގޮތުގައެވެ. އެމަނިކުފާނު ވިދާޅުވާގޮތުން ނަމަ އެމަނިކުފާނަކީ ކަށިކެޔޮގަނޑުގެ ފުލުވަކެވެ. އެހެންވީމާ ފުލުވައް ނައްޓާލީމައި ކަށިކެޔޮގަނޑު ރޫޅިގެންދާނެއެވެ. ނަމަވެސް އެގޮތަށް ރޫޅެނީ ދޮން ކަށިކެޔޮގަނޑުކަމެއް ރައީސް ނަޝީދަކަށް އެނގިވަޑައެއް ނުގެންނެވިއެވެ. ޅަ ކަށިކެޔޮގަނޑުގެ ވަކަކުން ވަކަކުން ނައްޓަމުންގޮސް އެންމެފަހު ވަކާޖެހެންދެން ނެއްޓިއަސް ކަށިކެޔޮގަނޑު ރޫޅިގެންނެއް ނުދާނެއެވެ. ކަން ވީވެސް އެހެންނެވެ. ފުލުވަކާ އެއާއި ޖެހިގެންހުރި އެތައް ވަކެއް ނެއްޓިއިރުވެސް ކަށިކެޔޮގަނޑު ރޫޅިގެންނެއް ނުދިޔައެވެ. ވާނީ ވެސް އެހެންތާއެވެ. އެއީ ޅަ ކަށިކެޔޮގަނޑެކެވެ.
ފުލުވައް ނެއްޓުމުން ވެސް ކަށިކެޔޮގަނޑު ނުރޫޅުމަކުން ރައީސް ނަޝީދު މާޔޫސްވެވަޑައެއް ނުގެންނެވިއެވެ. ފުރަތަމަ ސިޔާސީ ޕާޓީއެއް ހައްދަވައިގެން އެމްޑީޕީ ރޫޅާނުލެއްވުމުން މިހާރު އެމަނިކުފާނު އެ ޚިޔާރު ކުރެއްވީ އަނެއްކާވެސް މުޅިން ތަފާތު އުކުޅެކެވެ. ކަށިކެޔޮގަނޑުން ނެއްޓެވި ހުރިހާވަކެއް ސުތުލި ގޯންޏަކަށް ލައްވައިގެން އަނެއްކާވެސް އެމްޑީޕީއާއި ގުޅި ވަޑައިގެންނެވީއެވެ. އޭރުވެސް އަދި މިހާރުވެސް އަމާޒަކީ އެއް އަމާޒެކެވެ. ރައީސް ޞާލިހަށް ރިޔާސީ އިތުރު ދައުރެއް ލިބިވަޑާއިގަތަ ނުދެއްވުމެވެ. މިފަހަރުގެ އުކުޅު ވެސް ވަރަށް ފުރިހަމައެވެ. މާފުށްޓަށް ވަޑައިގެން އެރަށުގައި ކުރެއްވި ތަގްރީރެއްގައި އެމަނިކުފާނުގެ ސިޔާސަތުގައި މިހާތަނަށް ފުރުހަމަ ނުކުރެއްވި އޮތް ކަމެއްގެ ވާހަކަ އަނެއްކާވެސް ތަކުރާރު ކޮށްލެއްވީއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ނުވިއްކޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވީއެވެ. ނަތީޖާއަކީ އެކަމާ ދެކޮޅަށް ރައްޔިތުން އުތުރި އަރަންފެށުމެވެ. މާފުށީގައި އެ ތަގްރީރު ކުރެއްވިތާ ދެވަނައަށްވީ ދުވަހު ރައީސް ނަޝީދު މިވަނީ ރައީސް ޞާލިޙާއި ބައްދަލު ކުރައްވާފައެވެ. ދެބޯގެރިއެއް ވެސް ދުއްވުނީއެވެ. އަދި ރައީސް ޞާލިހާއި ތިމަން މަނިކުފާނާމިއީ އެއްފިކުރެއްގެ އެއް އަމާޒަކަށް ދަތުރު ކުރައްވާ ދެބޭފުޅުންކަން ރައްޔިތުންނަށް ސާބިތު ކޮށްދެއްވީއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަކީ އެމްޑީޕީގެ ސިޔާސަތެއްކަން ރައްޔިތުންނަށް ހަނދާންކޮށް ދެއްވީއެވެ. ރައީސް ނަޝީދާއި އެއްކޮށް ކުރިއަށް ވަޑައިގަންނަވާނެކަން ރައީސް ޞާލިޙް ހާމަ ކުރެއްވުމަކީ ރައީސް ނަޝީދުގެ ބަނގުރާ ސިޔާސަތަށް ފެހި ސިގްނަލް ދެއްވުމެވެ. ރައީސް ނަޝީދުގެ ބޭނުންފުޅަކީ އެފަދަ ވާހަކަފުޅެއް ދައްކަވާފައި ޖެހިގެން އައިސް ރައީސް ޞާލިޙާއި ބައްދަލު ކުރެވުމުން އަނެއްކާވެސް ރައްޔިތުން އެމްޑީޕީދެކެ ފޫހިކުރުވުމެވެ. އެމްޑީޕީގެ ސިޔާސަތަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދެއްވީއެވެ. ޕާޓީއާއި ދުރަށް ވަޑައިގަންނަވައިގެން ކުރައްވަން ބޭނުންފުޅުވިކަންކަން ޕާޓީތެރޭގައި ހުންނަވައިގެން ކުރައްވަން ފެއްޓެވީއެވެ. ކޮންމެ ގޮތަކުން ވިޔަސް ރައީސް ޞާލިހަށް ވެރިކަށް ވަޑައި ނުގެންނެވޭނެ ކޮންމެ ގޮތެއް ހައްދަވަނީއެވެ. މިފަރު ރޫޅާލައްވަން ބޭނުންފުޅުވީ ޕާޓީގެ ތާއީދެވެ. ކުރިން މެންބަރުންނެވެ.