logo
ދުމާދުންފަތާ ދެން މުޅިން ވަކިވަމާހޭ
އިޖްތިމާއީ
2 އޯގަސްޓް 2025
4 މިނިޓް
464
Post image
ދުންފަތުގެ ނުރައްކަލުން ދިވެހިމުޖްތަމަޢް ސަލާމަތް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙާއްމަދު މުޢިއްޒު ވަރަށް އިސްކަން ދެއްވާ ކަމެކެވެ. އެމަނިކުފާނުގެ އެސިޔާސަތުގެ ދަށުން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި އެއިގެ ވިޔަފާރި މިވަނީ މަނާކޮށްފައެވެ. ގައުމުގެ މުސްތަގްބަލަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެކެވެ. މިހާތަނަށް އެއްވެސް ވެރިއަކު ނުކުރައްވާވަރުގެ މުހިންމު ކަމެކެވެ.
ދުންފަތުގެ ސަބަބުން ޞިއްހަތަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެކެވެ. އަދި ހަމަ ވޭޕް މަނާ ކުރުމަކުން ފުއްދާލެވޭކަށްނެތެވެ. މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މިވަނީ ހައްދު ފަހަނަ އަޅައި ގޮސްފައެވެ. އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުނަށް ވެސް ދުންފަތުގެ ވިހައިން ސަލާމަތްވެވޭކަށް ނެތެވެ. ތޮއްޖެހިފައިވާ މާލޭގެ މަގުތަކެކޭ ދަރުން ކައްކާ ބަދިގެއެއްގެ ދުންހޮޅިއެކޭ އެއްގޮތެވެ. ތަފާތަކީ އެފަދަ ބަދިގެއަކަށް ނުވަދެ އުޅެވިދާނެއެވެ. އޭރުން އެތަނުންއަރާ ދުމުން ސަލާމަތް ވެވިދާނެއެވެ. ނަމަވެސް މަގުތަކަކީ އެންމެންވެސް ބޭނުންކުރަންޖެހޭ، މަގުގެ ބޭނުން ނުކޮށް ނޫޅެވޭ ތަނެކެވެ. މަގުތަކަށް މީހުން ބުރުވާ، ދުންފަތުގެ ވިހަ ދުމުން ސަލާމަތް ވެވޭކަށްނެތެވެ. ގާނޫނާއި ގަވާއިދު ހައްދަވާ ބޭފުޅުންނާއި ތަންފީޒީ އިދާރާތަކުން މިކަމަށް ހައްލެއް ހޯއްދަވައި ދެއްވަންޖެހެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދު ކިޔާ، ގަވާއިދެއް ވެސް ހަދައި 12 ފެބްރުވަރީ 2025 ގައި ވަނީ އަމަލުކުރަން ފަށާފައެވެ. ގަވާއިދުގެ މަގްޞަދު ކަމަށް ބުނެފައިވާ ކަންކަމުގެ ތެރޭގައި، ދުންފަތަކީ އެންމެ ވިހަގަދަ މާއްދާތަކުގެ ތެރޭގައި ހިމެނޭ އަދި އޭގެ ރައްކައުތެރި ވަކި މިންވަރެއް ކަނޑައެޅިފައިނުވާ ވިހައެއްކަމަށް ވެފައި، ދުންފަތުގެ ސަބަބުން ފުރާނައަށް ނުރައްކައުތެރި ބަލިތައް ޖެހޭތީ، މި ވިހައިން މުޖުތަމައު ރައްކައުތެރިކުރުން ހިމެނެއެވެ. އަދި ޒަމާނީ ސައިންސުގެ އިލްމުން ސާބިތުކޮށްދޭ ފަންނީ މައުލޫމާތާއި، މިނިވަން ތަހުޒީބު މުޖުތަމައުތަކުން ތަޖުރިބާކޮށްފައިވާ އަދި އަމަލުކުރަމުންދާ އުސޫލުތަކަށް ރިއާޔަތްކޮށް، އާންމު ތަންތަނާއި މަސައްކަތުގެ މާހައުލުތަކަކީ ދުންފަތުގެ ދުމުން ރައްކައުތެރި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގެ ގޮތުގައި ކަނޑައަޅައި، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަށް ދުންފަތުގެ ސަބަބުން ބަލިތައް ޖެހޭ މިންވަރު މަދުކުރުމަކީ ވެސް އެ ގަވާއިދުގެ މަގްޞަދުގައި ހިމެނޭ ކަމެއް ކަމަށް ބަޔާން ކޮށްފައިވެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުނުކުރާ ފަރާތްތައް ދުންފަތުގެ ދުމުން ރައްކައުތެރިކޮށް އަދި ވަކީން ހާއްސަކޮށް، ކުޑަކުދިންނާއި، މާބަނޑު އަންހެނުންނާއި، ހާއްސަ އެހީ ބޭނުންވާ ފަރާތްތަކާއި، ދާއިމީގޮތެއްގައި ފަރުވާކުރާ ބަލިތައް ތަހައްމަލުކުރަމުންދާ މީހުން ދުންފަތުގެ ދުމުން ރައްކައުތެރިކުރުން ވެސް ހިމަނާފައިވެއެވެ. އާންމު ސިއްހަތު ރައްކައުތެރިކޮށް ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން އާންމު ތަންތަނާއި ވަޒީފާގެ މާހައުލުތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ އަދި ދުންފަތުގެ ދުމުން ރައްކައުތެރި މާހައުލުތަކަށް ހެދުމަކީ ވެސް އެ ގަވާއިދުގެ މަގްޞަދު ކަމަށް އެގައި ލިއެފައިވެއެވެ.
މިހާރަނގަޅު މަގްޞަދެއްގައި ހަދައި އާއްމު ކުރެވުނު ގަވާއިދަށް އަމަލު ކުރެވެނީ ކިހާވަރަކަށްތޯ އާއި އެ ގަވާއިދުގެ މަގްޞަދު ކަމަށް ބަޔާން ކޮށްފައިވާ ކަންކަން ހާޞިލު ކުރުމަށް އެގަވާއިދުގެ އެހެން މާއްދާތަކުން ފުރުޞަތު ލިބިދޭތޯ ސުވާލު އުފެދެއެވެ. ހޮޓާ ކެފޭ ރެސްޓޯރަންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ވަކި ކޮޓަރި ނުވަތަ ސަރަހައްދުތައް ކަނޑައެޅުމުގެ ފުރުޞަތު މިގަވާއިދުން ލިބިދީފައިވާއިރު، ރާއްޖޭގައި ޚާއްޞަކޮށް މާލޭގައި އެފަދަ ތަންތަން ހިންގާ އިމާރާތްތަކުގެ ސައިޒަށް ރިއާޔަތް ކޮށްފައި ގަވާއިދު ހެދިނަމަ ނުވަތަ ގަވާއިދު ހެއްދެވި ބޭފުޅުންނަށް އެކަން ފަހުމްވި ނަމަ، މިގަވާއިދުގެ މަގުޞަދުކަމަށް ބަޔާން ކޮށްފައިވާ ކަންކަން ހާޞިލު ކުރުމަށް ހެދި ގަވާއިދެއްގައި ދުންފަތުގެ އިސްތިއުމާލުކުރާ ސަރަހައްދު ތަކެއް ނުހިމެނީސްކަން ކަށަވަރެވެ. މާލޭގައި ހިންގާ ހޮޓާ، ކެފޭ ރެސްޓޯރަންޓްތައް ހިންގަނީ ވަރަށް ކުދިކުދި އިމާރާތްތަކުގައެވެ. 300 ވަރަކަށް އަކަފޫޓް ހަމަނުވާ ތަންކޮޅެއްގައި ހިންގާތަނެއްގައި ހައެއްކަ މޭޒު އަތުރާލާފައި އެއިން ތިންމޭޒަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްދަ 3 މޭޒުކަމަށް ވުމުން އެ ތަނުގެ ޚިދުމަތްހޯދާ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހައްގުތައް ހިމާޔަތް ކުރެވޭ މިންވަރާމެދު ވިސްނާލަން ޖެހެއެވެ. ހޮޓާ، ކެފޭ ރެސްޓޯރަންޓް ތަކުގައި ޚިދުމަތް ދިނުމަތް ތިބޭ މުވައްޒަފުންނަކީ، މަސައްކަތުގެ ގޮތުން އެތަނުގެ މޭޒުތައް ކައިރިއަށް އަބަދު ދާންޖެހޭ ބައެކެވެ. ރާއްޖޭގެ އެފަދަ ތަންތަނުގެ ދަންފަޅި ހަމަޖެހިފައި އޮންނަ ގޮތުން 8 ގަޑިއިރާއި އާއި 10 ގަޑިއިރާ ދެމެދު ވަގުތެއް މަސައްކަތުގައި ހޭދަކުރަން ޖެހެއެވެ. ދުންފަތުގެ ވިހަ ދުމުގެ ތެރޭގައެވެ. މަސައްކަތުގެ މާހައުލުން ލިބިދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން އެފަދަ މުވައްޒަފުންނަށް ނުލިބެއެވެ. މިހާރު ފެންނަ މަންޒަރު ތަކަށް ބަލާއިރު ހޮޓާ، ކެފޭ ރެސްޓޯރަންޓް ތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މިވަނީ ފާލުން ނެއްޓިފައެވެ. ނެއްޓުނު ފާލު އަޅުވާނެ ބަޔަކުވެސް ނެތެވެ. އެފަދަ ތަންތަނެކޭ ބޯޓުދެލި އަޅައިގެން އިންޖީނުތައް ހިންގާ އިންޖީނުގެއެކޭ ތަފާތެއްނެތެވެ. އޮތިއްޔާ އޮތް ތަފާތަކީ ބޯޓްދެލީގެ ދުމަށްވުރެން ހޮޓާ، ކެފޭ ރެސްޓޯރަންޓް ތަކުން ބުރާ ދުމުގެ ވިހަކަންގަދަ ވުމެވެ. ސިއްހަތަށްކުރާ ނޭދެވޭ އަސަރު ބޮޑުވުމެވެ. ގައިންދުވާ ވަސް ނުބައިވުމެވެ.
"ދިވެހިންވަރަށް ތަހުޒީބުނުވާ" ގައުމުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހުންނަނީ އެކަމަށް ޚާއްޞަކޮށް ފަރުމާކޮށްގެން ހަދާފައި ހުންނަ ބަންދު ކޮޓަރިތަކެވެ. އެތަނަށް ވަންނާނީ އެކަން ކުރަން ބޭނުންވާ މީހުންނެވެ. އެމީހުން ދޫކުރާ ވިހަދުމުގެ ނުރައްކާ އެމީހުންނަށެވެ. ނަމަވެސް "ތަހުޒީބު ދިވެހިރާއްޖޭގައި" ވަރަށް ތަފާތެވެ. ހޮޓާ، ކެފޭ ރެސްޓޯރަންޓް ތަކުގައި އޮންނަ ގުދުރަތީވައި ލިބޭ ހިތްފަސޭހަ މާހައުލަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުނަށް ޚާއްޞަތަންތަނެެވެ. އެފަދަ މާހައުލެއްގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ބޭނުމިއްޔާ ދުންފަތުގެ ވިހަދުމުގައި ކެތްކޮށްލަންވީއެވެ. ޞިއްހަތު ކުރުބާންކޮށްފައި ވައި ޖައްސާލަންވީއެވެ. 2010 ވަނަ އަހަރު ފާސްކުރި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނު ކިޔާ ގާނޫނެއްގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހައްގުތަކަށް އިސްކަންދޭން ވާނެކަމަށް ބަޔާންކޮށް، ވަރަށް ޗާލު އިބާރާތެއް އެވެއެވެ. "ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނާއި އެފަދަ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި އެއްވެސް އިރެއްގައި ވަކިތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިއްޖެ ހާލަތެއްގައި އެކަމަކާމެދު ގޮތެއް ނިންމަންވާނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހައްގުތަކަށް އިސްކަންދީގެންނެވެ." ސުވާލަކީ މިއަށް އަމަލު ކުރެވޭތޯއެވެ. މިކަން ބަލާނެ މުއައްސަސާއެއް އެބައޮތްތޯއެވެ. ދުންފަތުގެ އިސްތިއުމާކުރުން މަނާ ސަރަހެއްދެއްކަމަށް ލިޔެފައި އޮންނަ ބޯޑެއް ހަރުކޮށް އޭގައި ޖޫރިމަނާ ކުރާނެ ވާހަކަ އޮތުމުން، ދުންފަތުގެ ވިހައިން ރައްޔިތުން ސަލާމްތްވާނެތޯއެވެ. ނުވަތަ ބޮޑު އަގެއް ނަގާފައި ހުއްދައެއް ދޫކުރުމުން ދުންފަތުގެ ވިހަ ކެނޑެނީ ތޯއެވެ؟ މިކަންކަން ބަލާ ފިޔަވަޅު އެޅޭނެގޮތެއް ނެތިއްޔާ އެފަދަ ބޯޑެއްގެ ބޭނުމަކީ ފަހެކޮބައިތޯއެވެ. ގާނޫނާއި ގަވާއިދުތައް ހަދަނީ މަތާރަންފިލާ ޒީނަތްތެރިކުރަން ކަމަށްޏާ އަދިވެސް އިތުރު ގަވާއިދާއި ގާނޫނުތައް ހަދަންވީއެވެ. ލައްކައަކާއި ގާތްކުރާ މިންވަރަކަށް މުސާރަދީފައި އެކަމަށް ބަޔަކު ބައިތިއްބާފައި އެބަތި ވިއްޔާއެވެ.