logo
ޝެއިޚް އިމްރާންގެ ސިޔާސީ ތަރި އޮއްސިއްޖެ
ސިޔާސީ
27 އޮކްޓޯބަރ 2025
3 މިނިޓް
174
Post image
ތަރިއަކީ އަބަދުވެސް އަރާ އޮއްސޭ އެއްޗެކެވެ. މި އުސޫލުން އެކި ފަންނުތަކުގައި ފާހަގަ ކޮށްލެވޭ ތަރިންނަކީ އަރާ އޮއްސޭބައެކެވެ. މުނިފޫހި ފިލުވުމުގެ ދާއިރާއަށް ބެލިއަސް ސިޔާސީ ދާއިރާއަށް ބެލިއަސް މިކަން ހިނގަނީ މިދެންނެވި އުސޫލުންނެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ އަލިގަދަ ތަރިއަކަށް ފެނުނީ 30 އަހަރުގެ ބާނީ ރައީސް އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމެވެ. ނަމަވެސް މިހާރު ރައީސް މައުމޫނުގެ ތަރިވެސް ވަނީ އޮއްސިފައެވެ. އެންމެފަހުން އުފެއްދި ސިޔާސީ ޕާޓީ އުވިގެންދިޔައީ، ސިޔާސީ ޕާޓީއެއްގައި މެންބަރުން ތިބެންޖެހޭ އެންމެ މަދު މިންވަރު ކަމަށްވާ 3000 މީހުން ހަމަނުވެގެންނެވެ. ރައީސް މައުމޫނުގެ ފަހުން ރާއްޖޭގެ ސިޔާސީ އުދަރެހުން ފާޅުވި އެންމެ އަލިގަދަ ތަރިއަކީ ރައީސް ނަޝީދެވެ. މިހާރު ރައީސް ނަޝީދުގެ ތަރިވެސް ވަނީ އޮއްސިފައެވެ. އެމަނިކުފާނުގެ ޓީމުން އުފެއްދި ސިޔާސީ ޕާޓީގެ ދަފުތަރުގައި 30 ޖޫން 2025 ހާ ހިސާބަށް ތިބީ 3547 މީހުންނެވެ. މިހާރުގެ ހާލަތެއް ނޭގެއެވެ. ދެން އެރީ ރައީސް ޔާމީންގެ ތަރިއެވެ. މިހާރު އެވެސް ވަނީ އޮއްސިފައެވެ. ސިޔާސީ ޕާޓީއެއް އުފެއްދެވި ނަމަވެސް އެޕާޓީއަކަށް ވެސް ރައްޔިތުންގެ ތަރުހީބެއްނެތެވެ. ޕާޓީގެ ދަފުތަރުގައި 30 ޖޫން 2025 ހާ ހިސާބަށް ތިބީ 3046 މީހުންނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަކީ ވެސް ސިޔާސީ ތަރިންގެ ދަފުތަރުގައި ހިމެނުނު ނަމެކެވެ. ނަމަވެސް 5 އަހަރުގެ ދައުރެއް ނިމުނުއިރު ރައްޔިތުންނަށް ކަށަވަރުވި ކަމަކީ ރައީސް އިބޫ އަކީ ވެސް ހީކުރެވުނު ފަދަ ޝަޚުޞިއްޔަތެއް ނޫންކެމެވެ.
ސިޔާސީ އުދަރެހުން ފެނުނު އަނެއް ތަރިއަކީ، މާއަލިގަދަ ނޫނެއްކަމަކު ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނެވެ. "ދީނާއި ގައުމަށްޓަކައި" ގެ މޮޓޯގައި ސިޔާސީ މައިދާނުން ޖާގައެއް ހޯއްދެވިއެވެ. ނަމަވެސް ދާޚިލީ ވަޒީރެއްގެ މަގާމުގައި 5 އަހަރު ހޭދަކުރެއްވި އިރު "ދީނާއި ގައުމަށްޓަކައި" ކޮށް ދެއްވުނު ކަމެއް ހަރާމުންހަރާމެވެ. އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ގިޞާޞްގެ ހުކުމް ތަންފީޒު ނުކުރައްވާނެ ކަމަށް ފާޅުގައި ވިދާޅުވާން ކެރިވަޑައިގެންނެވި ދިވެހިރާއްޖޭގެ ހަމައެކަނި ޝެއިޚަކީ ޝެއިޚް އިމްރާނެވެ. އެމްޑީޕީ ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި އެމްޑީޕީގެ ސިޔާސަތު ދިފާޢު ކުރެއްވުމުގައި ނަމޫނާ ދެއްކެވިއެވެ. ރައީސް ޞާލިހް ވެރިކަމަށް ވަޑައިގަންނަވަން ހެއްދެވި ކޯލިޝަންގެ ބައިވެރިއެއްގެ ހައިސިއްޔަތުން އަދާލަތުޕާޓީއަށް ސަރުކާރުން ލިބުނު ފުރުޞަތުގެ ބޭނުން ހިއްޕަވައި ދާޚިލީ ވަޒީރު ކަމުގެ މަގާމަށް ވަޑައިގެނެނެވިއެވެ. ނަމަވެސް 5 އަހަރުގެ ދައުރެއްނިމުނު އިރު ޝެއިޚް އިމްރާންގެ ތަރިވެސް އޮއްސިއްޖެއެވެ. މިހާރު އެވެސް މާޒީއެވެ.
ސިޔާސީ މަގާމަކީ ވެސް ބައެއްމީހުން ދެވިހިފާ އެއްޗެކެވެ. މަސްތެކެވެ. އެއިގެ މަސްތުގައި އެންމެ ބޮޑަށް ޖެހިވަޑައިގެންނެވި އެއްބޭފުޅަކީ ޝެއިޚް އިމްރާނެވެ. އަދާލަތު ޕާޓީގެ އާންމު މެންބަރުންނަކީ އަދިވެސް ދީނީ، ގައުމީ މަސްލަހަތު އިސްކުރާބައެކެވެ. ޚާއްޞަކޮށް ދީނީ ކަންކަމަށް ތަރުހީބުދޭ ބައެކެވެ. ރާއްޖެއަށް ސިޔާސީ ޕާޓީ ނިޒާމު ތައާރަފްވީފަހުން ގައުމުގެ ވެރިކަމަށް ވަޑައިގެންނެވި އެންމެ ދީންވެރި ހެޔޮލަފާ ވެރިއަކީ މިހާރުގެ ރައީސް ޑރ.މުޢިއްޒުކަމަށް ޢަދާލަތު ޕާޓީގެ އާންމު މެންބަރުން ގަބޫލުކުރެއެވެ. މިހާރުގެ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ފިތުނަ އުފެއްދޭތޯ ޝެއިޚް އިމްރާން ކުރައްވާ ބުރަ މަސައްކަތަށް ޢަދާލަތު ޕާޓީގެ އާއްމު މެންބަރުންގެ ނަފުރަތު އިންތިހާއަށް ބޮޑެވެ. ނަތީޖާއެއްގެ ގޮތުން އެ މެންބަރުންގެ މެދުގައި ޝެއިޚް އިމްރާންގެ މަގުބޫލުކަން ވަނީ ގެއްލިފައެވެ. ނަމަވެސް ރައީސް ޞާލިޙްގެ ދައުރުގައި ސިޔާސީ މަގާމުތަކުގައި ތިބި ބައެއްމީހުން އަދިވެސް ރައީސް ޞާލިޙްއަށް ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ ސިޔާސީ މަގާމެއް ލިބިދާނެ ކަމުގެ އުއްމީދުގައި ޝެއިޚް އިމްރާނަށް، ފިތުނަ އުފެއްދުމުގައި އަތްގާތްކޮށްލަދޭން މަރުފަލި ޖެހުމުގައި އެބަތިއްބެވެ. އެއިގެ ތެރޭގައި ރައީސް ޞާލިޙްގެ ދައުރުގައި ޖުމްހޫރީ ޕާޓީއަށް ލިބުނު ފުރުޞަތެއްގައި ޗައިނާ އެމްބަސީގެ މަގާމެއްގައި ހުރި ޞަބާޙް ރަޝިދާއި އަދާލަތަށް ލިބުނު ފުރުޞަތެއްގައި ތައިލެންޑްގެ ސަފީރަކަށް ހުރި ޖިނާޙް އަދި އެމްއޭސީއެލްގެ ބޯޑް މެންބަރަކަށް އުޅުނު ޔަޒީދުގެ އިތުރުން އިސްލާމިކް މިނިސްޓަރަށް ހުންނެވި ޑރ.ޒާހިރު ހިމެނެއެވެ. މީގެ ތެރެއިން ޞޮބާޙް ރަޝީދަކީ މޭޑޭގެ މުޒާހަރާގައި އަދީބާއި ހެދި ޑީލެއްގެ ދަށުން ލިބުނު މާލީ ތަނަވަސްކަމުގައި ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ރައީސް ޞާލިޙްގެ ދައުރު ފެށުމުން ރާއްޖެއައި މީހެކެވެ.
މިހާރުގެ ސަރުކާރާ ދެކޮޅު ހަރަކާތެއް އުފެއްދޭތޯ ޝެއިޚް އިމްރާން ކުރައްވާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔައީ މިސަރުކާރުގެ އިސްލާމީކަންތައްތަކާއި ބެހޭ ވަޒީރު ޑރ.ޝަހީމް ޢަދާލަތު ޕާޓީއާއި ގުޅިވަޑައިގެންނެވި ހިސާބުންނެވެ. މިހާރު ޑރ.ޝަހީމަކީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރަށް އެންމެ ފުރައްސާކުރަ ކުރާ ޢަދާލަތު ޕާޓީގެ މެންބަރެކެވެ. ޢަދާލަތު ޕާޓީން ވަކިވެގެން ދުރުގައި 7 އަހަރު ހޭދަކުރުމަށްފަހު ޑރ.ޝަހީމް ޢަދާލަތާއި ގުޅިވަޑައިގަތީ ދާދިފަހުންނެވެ. ރައީސް ޑރ.މުޢިއްޒުގެ ސަރުކާރާއި ދެކޮޅަށް ބަސްބުނުމަށް ޝެއިޚް އިމްރާންނަށް ލިބިވަޑައިގެންނެވި އެންމެބޮޑު ހިތްވަރަކީ އަބަދުވެސް ޝެއިޚް އިމްރާންގެ އެންމެ ބޮޑު މިތުރު އަލުން ޝެއިޚް އިމްރާނާއި އެއްކޮށް މަސައްކަތް ކުރެއްވުމަށް އެ ޕާޓީއާއި ގުޅިވަޑައިގެންނެވުމެވެ. މިހާރު ޑރ.ޝަހީމަކީ މިސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއާއި ދެކޮޅަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރުމަށް އަރުވާޖަހައިގެން އޮތް އަދާލަތުޕާޓީގެ މެންބަރެކެވެ. 2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙްގެ ރަނިންމޭޓްކަން ޑރ.ޝަހީމަށް ދޭނެކަމުގެ ހުވަފެނަކީ މިހާރު ޝެއިޚް އިމްރާންގެ ސިޔާސަތާއި އެއްކޮށް ޑރ.ޝަހީމް ހުންނެވުމުގެ ސަބަބުކަމަށް ވެއެވެ.