logo
ތަރައްގީގެ ބާނީ
ސިޔާސީ
6 އޯގަސްޓް 2025
3 މިނިޓް
370
Post image
ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ދައުރުގައި މާލެ ސަރަހައްދުގައި ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫޢު ތަކެއް ހިންގާފައެވެ. އެގޮތުން ހުޅުމާލެ 2 ވަނަ ފިޔަވަހި ހިއްކައި އެތަނުގެ ފެނާ ނަރުދަމާގެ ނިޒާމު ގާއިމުކޮށް، މިހާތަނަށް ރާއްޖޭގައި މީހުން ދިރިއުޅުމަށް ބިނާ ކުރެވުނު އެންމެއުސް އިމާރާތްތައް ވަނީ ބިނާކޮށްފައެވެ. އަދި އިތުރު ފްލެޓްތަކެއްގެ އަމަލީ މަސައްކަތް އޮތީ ފެށިފައެވެ، ދައުރު ނިމުނުއިރު ނިންމާ ނުލެވުނު ނަމަވެސް މަސައްކަތުގެ ބޮޑުބައެއްވަނީ ނިންމާލެވިފައެވެ. މީގެ އިތުރުން މާލެއާއި ހުޅުލެ ގުޅުވާލަން އެޅި ފާލަމާއި، އެ ފާލަމުން ފެށިގެން ހުޅުމާލެއާއި ދެމެދު ހަދާފައި އޮތް ހަލި މަގަކީ ވެސް އުމްރާނީ ތަރައްގީގައި ފާގަކޮށްލެވޭ ތަންތަނެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި އަލަށް ހެދި ބޮޑު ރަންވޭއާއި އޭރު މަސައްކަތް ފެށި މިހާރު ނިމެމުންއެދާ ގިމަތައަކީ ވެސް އެއަށް އިތުރު ކޮށްލެވޭ ބޮޅުތަކެވެ. މާލޭގެ ވަށައި ހަދަން ފަށައި ބޮޑުބައެއް ނިމިފައިވާ މަގާއި 25 ފަންގިފިލާގެ މައްޗަށް އެކުލެވޭ ދަރުމަވަންތަ ހޮސްޕިޓަލަކީ ވެސް މި މައުލޫގައި ވާހަކަ ދެކެވޭއިރު ހަނދާން ކޮށްލަން ޖެހޭ ތަންތަނެވެ. އަދި މިނޫނަސް ކިތަންމެ ކަމެކެވެ. މިހުރިހާ މަޝްރޫޢްތަކެއް ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވީ އެރުގެ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއިބެހޭ ވަޒީރު ޑރ.މުޙައްމަދު މުޢިއްޒުއެވެ.
ރައީސް ޔާމީންގެ ދައުރުގައި ހިންގާދިޔައީ އެހާތަނަށް ރާއްޖޭގައި ހިންގުނު އުމްރާނީ ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތައް އެކަންޏެއް ނޫނެވެ. މިހާތަނަށް މި ދީބުގައި ހިންގާދިޔަ އެންމެ ބިޔަ ވައްކަން ވެސް ހިނގާ ދިޔައީ އެ ދައުރުގައެވެ. ފަތުރު ވެރިކަމާއި ބެހޭ ވަޒީރުގެ ބެއްލެވުމުގެ ދަށުންނެވެ. ރާއްޖޭގެ ފަޅުތަކާއި ރަށްތައް ހިމެނޭހެން 57 ތަނެއް، ޓޫރިސްޓް ރިސޯރޓް ހެދުމަށް، 2013 އާއި 2015 އާއި ދެމެދު، ވަނީ ކުއްޔަށް ދީފައެވެ. މި 57 ތަނުން، އެކުއިސިޝަން ފީ ގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 90 ވަރަކަށް މިލިއަން ޑޮލަރުގެ ތެރެއިން ދައުލަތުގެ އެކައުންޓަށް ވަނީ އެންމެ 12 މިލިއަން ޑޮލަރެވެ. ބާކީ 77 މިލިއަން ވަރަކަށް ޑޮލަރު ވަދެފައިވަނީ ދިވެހި އެކި ކުންފުނި ތަކުގެ އެކައުންޓް ތަކަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ދައުރުގައި އުފައްދައި، ނަތީޖާއެއް ނުނެރެވިގެން އުޅެނިކޮށް ހުދުކާފޫރަށްވި  އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު ވިދާޅުވީ މި 57 ރަށުގެ އެކުއިސިޝަން ފީ ވެސް އަދީބުގެ މިނިސްޓަރު ކަމުގައި ކަނޑައަޅާފައި ވަނީ މާރކެޓް އަގަށް ވުރެ ކުޑަކޮށް ކަމަށެވެ. މާނައަކީ އަސްލު އަގުގައި ވިއްކުނު ނަމަ އެ 57 ރަށަށް އެކުއިސިޝަން ފީގެ ގޮތުގައި 220 މިލިއަން ޑޮލަރު ނުވަތަ 3.3 ބިލިއަން ރުފިޔާ ލިބޭނެ އެވެ. މާސިންގާ މި ވައްކަން ހިންގިއިރު ވެސް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނެވީ ރައީސް ޔާމީނެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވެފައި ވަނީ މި ވައްކަން އަޙްމަދު އަދީބާއި ހަމައިން ނިމޭ ކަމުގައެވެ. މާނައަކީ އެމަނިކުފާނުގެ ދައުރުގައި ދައުލަތް ލޫޓުވާ ހުސްކޮށްލި އިރު ވެސް އެމަނިކުފާނަށް ރޭކާވެސް ނުލީތާއެވެ.
ރައީސް ޔާމީންގެ ދައުރުގައި ބޯހިޔާވަހި ކަމާއި އުމްރާނީ ތަރައްގީ އާއި ބެހޭ ވަޒީރަކީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އެހެންވީމާ މިކަންކަމުގެ މޭސްތިރިއަކީ އަދި ރާވާ ހިންގެވި ބޭފުޅަކަށް ވާނީ ޑޮކްޓަރ މުޢިއްޒުއެވެ. ފަތުރުވެރިކަމާއި ބެހޭ ވަޒީރު ހިންގެވި ވައްކަމުގެ ކަންކަން އެ ވަޒީރާއި ހަމައިން ނިމިފައި، އެކަމުގައި ރައީސް ޔާމީންގެ ބައިވެރިވެ ވަޑައިގަތުމެއް ނުވަތަ އެމަނިކުފާނަށް ރޭކާލުމެއް ވެސް ނެތް ކަމަށް ވާނަމަ ތަރައްގީގެ މަޝްރޫޢުތައް ވެސް ހިންގާފައި ވާނީ އެގޮތަށް ކަމާމެދު ޝާއްކެއް ވަސްވާހެއް ނެތެވެ. ދެ ވަޒީރުންނެވެ. ދެ ބޭފުޅުން ކުރެއްވީ ދެކަމެކެވެ. އެއްބޭފުޅަކު ކުރެއްވީ ވައްކަމެވެ. އަނެއް ބޭފުޅާ ހިންގެވީ ތަރައްގީގެ ބިޔަ މަޝްރޫއުތަކެވެ. އެއްކަމެއް ވަޒީރާއި ހަމައިން ނިމޭ ކަމަށް ވަންޏާ އަނެއްކަން ވެސް ނިމޭނެއެވެ. ރައީސް ޔާމީންގެ ދައުރުގައި ސަރުކާރުގެ ކަންކަން އެމަނިކުފާނަށް އެނގިވަޑައިނުގެން ހިނގާފައިވާ ކަމަށް ޚުދު އެމަނިކުފާނުވެސް ވިދާޅުފައިވެއެވެ. 25 އޮކްޓޯބަރު 2015 ގައި ގައުމާއި މުޚާތަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވެފައިވޭ "ފުލުހުންގެ އިންޓެލިޖެންސް މަޢުލޫމާތު މިވަނީ ޖުލައި މަހުން ފެށިގެން ރައީސަށް ލިބުން ހުއްޓިފައި." ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ސީދާ ގުޅުންއޮންނަ މި ފަދަ މަޢުލޫމާތުތައް އެމަނިކުފާނަށް ލިބިވަޑައި ނުގަންނަވާތާ އެތައް މަހެއް ފާއިތުވެގެން ދިޔައިރުވެސް އެކަން އެގޮތަށް ދިމާވާން ޖެހުނު ސަބަބެއް ވެސް ބައްލަވާ ނުލެއްވި ރައީސަކަށް އުމްރާނީ ތަރައްގީއާއި ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ހިންގެވި ތަރައްގީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު އެނގިވަޑައި ނުގަތުމަކީ ހައިރާންވާން ޖެހޭ ކަމެއްނޫނެވެ.
ރައީސް ޔާމީންގެ ދައުރުގައި ހިންގުނު ތަރައްޤީގެ ހުރިހާ ރީތި ނަމެއް މިލްކުވެގެންވަނީ އެމަނިކުފާނަށް ކަމަށް ވާނަމަ ހުރިހާ ވައްކަމެއްގެ ހުތުރުނަމުގެ ވެސް މިލްކުވެރިއަކަށް ވާނީ އެމަނިކުފާނެވެ. އެއްވަޒީރަކު ލައްވާ ހިންގުވީ ތަރައްޤީއަށް ވީތީ އެކަމުގެ ރީތިނަން ރައީސް ޔާމީނަށް އޮވެފައި އަނެއް ވަޒީރަކު ލައްވާ ކުރުވި ވައްކަމުގެ ހުތުރުނަން އެ ވަޒީރާއި ހަމައިން ނިމުމަކީ ބޮޑު ޖޯކެކެވެ. ދެކޮޅު ނުޖެހޭ ވާހަކައެކެވެ. ރައީސް ޔާމީނަކީ ތަރއްޤީއާއި ވައްކަމުގެ ވެސް ބާނީއޭ ބުނެވިދާނެއެވެ.