ޚިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަކީ މީހުން ދިރިއުޅެ ކޮންމެ މުޖުތަމަޢްއަކަށް ވެސް ނުހަނު ބޭނުންތެރި ކަމެކެވެ. ނޫސް މައްޖާ ތަކުގައި ލިޔާލިއުން ނުވަތަ މީޑިއާގެ ވަޞީލަތް ތަކުން ދުރަށް ފޮނުވާ އަޑާއި މަންޒަރަކީ ކަމެއްގެ ހަގީގަތް އޮޅުވާލާ މީހައެއްގެ ނުވަތަ ބައެއްގެ އަބުރު ކަތިލަން ގެންގުޅޭ ޚަންޖަރަކަށް ވެއްޖެ ނަމަ އެކަމުން މުޖުތަޢް ސަލާމަތް ކޮށްދިނުމަކީ އޭރެއްގައި އޮންނަ ސަރުކާރަކުން ކުރަން ޖެހޭނެ ކަމެކެވެ. އެފަދަ ކަންކަން މަގުން ކަސިޔާރުވެގެން ދާނަމަ އެކަމެއް ހުއްޓުވުމަށްޓަކައި ހަދަން ޖެހޭ ގާނޫނާއި ގަވާޢިދުތައް ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ޒިންމާއެކެވެ. ނޫސްވެރިންގެ ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަން ފެށިގެންދާ ހިސާބަކީ އެހެން މީހުންގެ މިނިވަންކަން ނިމިގެންގާ ހިސާބަށް ވެގެން ނުވާނެއެވެ. ނޫސްވެރިކަމުގެ މިނިވަން ކަމަކީ މޮޔަވެފައިއޮތް ނީލަގެރި އެތަކަށް ވެގެން ނުވާނެއެވެ. އެފަދަ އެތެއް ރަށުތެރެއަށް ނިކުމެއްޖެ ނަމަ މުޅިތަން ސުންނާފަތިކޮށް އެތައް ބަޔަކަށް ބޮޑެތި ގެއްލުން ތަކެއްދީފާނެއެވެ.
ހުދޫދުން ބޭރުވެފައިއޮތް ރާއްޖޭގެ ނޫސްވެރިކަން ހަމަމަގަށް އަޅުވައި ތަހުޒީބު މިނިވަން ނޫސްވެރިކަމަކަށް މަގުފަހި ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫދާއިރާގެ މެންބަރު އަބްދުލްހައްނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި، މޯލްޑިވްސް މީޑިއާ އެންޑް ބޮރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާމެދު ހިތްހަމަ ނުޖެހިގެން ރާއްޖޭގެ މީޑިއާގެ ނަމުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން މިވަނީ ވަރުގަދަ ގުޖަޑުގަނޑެއް ހިލުވާލާފައެވެ. އެ ބިލުން ހައްގުތަކެއް ގެއްލިގެންދާ ކަމަށް ބުނެއެވެ. އެވެރިން އެދައްކާ ވާހަކަ މުޅިއަކުން ގޯހެއް ވެސް ނޫނެވެ. އެ ބިލުގެ މަގުޞަދު ތަކުގެ ތެރޭގައި، އެ ބިލުގެ 2 ވަނަ މާއްދާގެ ބ، ޅ، ވ، މ، އަދި ފ، ގައި ހުރި ކަންކަމަކީ މިހާރު ރާއްޖޭގެ ގިނަ މީޑިއާތަކުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަންކަމެވެ. އެއިގެ ތެރޭގައި އެމްޑިޕީގެ ރާއްޖެޓީވީ އަދި ރާއްޖެއެމްވީ ގޮއްޕާއި "އަދަދު" ގޮފި އަދި މުޙައްމަދު ޒާހިދުގެ ދިޔަވަރު ގޮފިވެސް ހިމެނެއެވެ. މީގެ އިތުރުން ދަރަވަންދޫ ޢަބްދުﷲ މުއާޒް ހިންގާ ހީރަސް ނޫހަކީ ވެސް މިބިލުގެ ސަބަބުން މިނިވަންކަން ގެއްލިގެން ހިނގައިދާނެ މީޑިއާތަކެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބޮރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގެ 2 ވަނަ މާއްދާގެ (ބ) ގައި ބުނަނީ ބްރޯޑްކާސްޓް މީޑިއާ ހިމެނޭހެން، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުންނާއި ނޫސްވެރިން އަމަލުކުރަންޖެހޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން. އެމާދާގެ (ޅ) ގައި ބުނަނީ ބްރޯޑްކާސްޓަރުންނާއި މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކުންނާއި، ނޫސްވެރިން މަޢުލޫމާތު ހާމަކުރުމުގައި ތަބާވާންޖެހޭ މިންގަނޑުތައް ކަނޑައަޅައި، އެ ފަރާތްތަކުން ތަބާވާންޖެހޭ ސްލޫކީ މިންގަނޑުތައް އެކަށައެޅުން. އޮތްއިރު (ވ) ގައި ވަނީ ދޮގު މަޢްލޫމާތާއި ދޮގު ޚަބަރު ފެރުން ހުއްޓުވުމާއި، ކަނޑައެޅިގެން އެފަދަ މަޢްލޫމާތު ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައްއެޅުމަކީ ވެސް އެ ބިލުގެ މަގުޞަދު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައެވެ. ބިލާދެކޮޅަށް މުޒާހަރާ ކުރަންޖެހޭ އެންމެ ބޮޑު ސަބަބު ބަޔާން ވެފައި މިވަނީ މިދެންނެވި މާއްދާގައެވެ. އެ މާދާ އެއޮތް ގޮތަށް ފާސްވެއްޖެ ނަމަ އެމްޑީޕީގެ މީޑިއާގޮފިތައް ކަމަށްވާ ރާއްޖެޓީވީ، ރާއްޖެއެމްވީ، އަދަދު އަދި ދިޔަރެސް އާއި ހީރަސްފަދަ މީޑިއާތައް ހުއްޓާލާނެއެވެ. ދެންއޮތީ އެ ބިލުގެ (މ) އެވެ. މި މާއްދާގެ (މ) މިގޮތަށް ފާސްވެއްޖެ ނަމަ އެންމެބޮޑު ގެއްލުމެއް ލިބޭނެ އެކަކަށްވާނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިނެވެ. ސަރުކާރާމެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށް ތަފާތު ނަންނަމުގައި ނޫސްކޮންފަރެންސް ބާއްވައިދެނީ ޢަލީ ޙުސައިނެވެ. މި މާއްދާ ފާސްވެއްޖެ ނަމަ އެފަދަ ކަންކަމަށް އޮންނަ ފުރުޞަތު ހަނިވެގެން ހިނގައިދާނެއެވެ. ނަތީޖާއެއްގެ ގޮތުން ލިބޭ އާމްދަނީއަށް އަސަރުކުރާނެއެވެ. (މ) ގައި ބުނަނީ ވަކިބޭނުމެއްގައި ނުވަތަ ވަކި މަގުޞަދެއް ހާސިލުކުރުމުގެ ބޭނުމުގައި ކަންކަމުގެ ހަގީގަތް ވަންހަނާކޮށް ނުވަތަ ކަމެއް ނުވަތަ ކަންތައްތަކެއް ކަނޑައެޅިގެން އޮޅުވާލުމަށްޓަކައި މީޑިއާތައް މެދުވެރިކޮށް ވަކިވަކި ފަރުދުން، ނުވަތަ ޖަމާޢަތްހަދައިގެން ރޭވިގެން ނުވަތަ ތަރުތީބު ކުރެވިގެން ހިންގާ ކަންކަން ހުއްޓުވައި އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ މީޑިއާތަކާމެދު ފިޔަވަޅު އެޅުމަކީ ވެސް އެ ބިލުގެ މަގުޞަދު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައެވެ. އެބިލުގެ (ފ) ގައި ވަނީ އެ ގާނޫނުގެ ދަށުން އެކަށައަޅާ ހަމަތަކާއި، އުޞޫލުތަކާއިއަދި ސުލޫކީ މިންގަނޑުތަކާ ޚިލާފަށް ހިނގާ ކަންކަމާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ވާހަކައެވެ. ސިޔާސީ އެކްޓިވިސްޓުން މީޑިއާ ފާސްއަޅައިގެން ހިންގާ ސިޔާސީ ގަޑުބަޑުތަކުގެ މިނިވަންކަން ނިގުޅައި ގަންނަ ވާހަކައެވެ.
އެއްވެއުޅުމާއި ބެހޭ ގަވާޢިދުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ނޫސްވެރިންގެ ނަމުގައި ބަޔަކު އެއްވެ ހިންގާ ހަރަކާތުގެ ކުރީ ސަފުން ފެންނަ މޫނުތަކުގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓުން ފެންނަލެއް ގިނައެވެ. ފަހަރުގައި އެވެސް ނޫސްވެރިނަނަށް ވެދާނެއެވެ. މުޒާހަރާގެ ބޭނުމަށް އެމްޑީޕީގެ މީޑިއާ ގޮތްޕަކުން ނޫސްވެރިކަމުގެ ފާހެއްވެސް ދީފާނެއެވެ.