logo
ޒަރިޔަންދޭތޯ
ސިޔާސީ
7 ފެބްރުއަރީ 2026
2 މިނިޓް
128
Post image
މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެއްބޭފުޅަކީ އިސްމާޢީލް ޒަރިޔަންދެވެ. ޒަރިޔަންދަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އޮޑިޓް އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ތާރީޚްގައި ސަރުކާރަކުން ހިންގި އެންމެބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރސީގެ ޚިޔާނާތާއި ގުޅިގެން މީސްމީޑިއާގައި އާއި ޓީވީ ޕްރޮގްރާމްތަކުގައި އެންމެ ގިނައިން އަޑުއުފުއްލެވި އެއްބޭފުޅަކީ އިސްމާޢީލް ޒަރިޔަންދެވެ. އަދި އެއިގެ ސަބަބުން ޒަރިޔަންދަކީ ކޮރަޕްޝަނާއި ދެކޮޅު ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެވަދައިގެންނެވިއެވެ. ނަތީޖާއެއްގެ ގޮތުން ބައެއްބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޒަރިޔަންދަކީ އަބަދުވެސް ކޮރަޕްޝަނާއި ދެކޮޅު ބޭފުޅެކެވެ. ފަސްބައި ސާފު ބޭފުޅެކެވެ.
ކޮރަޕްޝަނާއި ދެކޮޅު ބޭފުޅެއްގެ ގޮތުގައި ބަޔަކަށް ފެނުނު ޒަރިޔަންދު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިކުންނެވީ ވެސް ކޮރަޕްޝަނާއި ދެކޮޅު ތާކިހާކޮޅު ތުރުކުރައްވައިގެންނެވެ. ފަސްބައި ސާފު ނަޒާހަތްތެރި ބޭފުޅެއްގެ މަރުކާ ޖައްސަވައިގެންނެވެ. ނަމަވެސް ޒަރިޔަންދުގެ ފަރާތުން ފެނިގެން މިދިޔައީ ކުރިން ވިދާޅުވިހާ ޅެންތައް ފަރިއްސަށް ވެގެންދިޔަތަނެވެ. މި ޒަމާނުގެ ބަހުރުވައިން ދަންނަވާނަމަ ކުރިން ބުނިއެތި ކެންސަލް ވެއްޖެއެވެ. އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ވާހަކަ ދެއްކެވީ، އެޚިޔާނާތުން ޒަރިޔަންދަށް ބައި ނޭޅުމުން ކަމަށް ބެލުމުގެ ފުރުޞަތުއެބައޮތެވެ. މާލޭގެ މޭޔަރުކަށް ވާދަ ކުރައްވަން ނިންމަވައި އެންމެފުރަތަމަ، ޒަރިޔަންދު ބައިއަތު ހިއްޕެވީ އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މޭސްތިރި ކަމަށްވާ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމާއެވެ. ރައީސް ޔާމީނަކީ، އެމްއެމްޕީއާރސީގެ ޚިޔާނާތް ހިނގައިދިޔައިރު ދިވެހިރާއްޖެގެ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ޚިޔާނާތަކީ ރެއަކަށް އިރުއޮއްސިފައި އިރު އެރުމާއި ދެމެދު ހިންގި ވައްކަމެއްނޫނެވެ. އެއީ ރޭވިގެން އެތައްދުވަހެއްގެ މަތިން ހިންގި ވައްކަމެކެވެ. އެކަން ހިނގާކަމުގެ ވާހަކަ އާއްމު ރައްޔިތުންނާއި އޮޑިޓަރ ޖެނެރަލް ވެސް ރައީސް ޔާމީންގެ ސަމާލުކަމަށް ގެނައެވެ. އޮޑިޓަރ ޖެނެރަލްގެ ކަންބޮޑުވުމަށް ރައީސް ޔާމީން ދެއްވި ޖަވާބުގައި ކުރިމަތި ކުރެއްވީ ސުވާލެކެވެ. ނިޔާޒަށް މަދުވަނީ ކޮންކަމެއްތޯ ކުރެއްވި ސުވާލެވެ.
މިހުރިހާ ކަމެއް ހިންގާދިޔަ އިރު އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އެވާހަކަ ދެއްކެވި އެއްބޭފުޅަކީ ޒަރިޔަންދެވެ. ނަމަވެސް މިހާރު ޒަރިޔަންދަކީ، އެ ޚިޔާނާތުގެ މޭސްތިރިޔާގެ ކިލަނބު ފަސްބައިގައި އެލިވަޑައިގެން އިންތިކާބަކަށް ނިކުންނަވައި ހުންނެވި ބޭފުޅެކެވެ. މިހާރު ޒަރިޔަންދަކީ ކޮރަޕްޝަނާ ދެކޮޅު ބޭފުޅެއްކަމަށް ބެލެވޭކަށް ނެތެވެ. ކޮރަޕްޝަނާއި ދެކޮޅު ބޭފުޅަކަށް، ކޮރަޕްޝަންގެ ހިންގި ވެރިއަކު ކަމުދިޔަ ސަބަބަކަށް އޮންނާނީ ކްރަޕްޝަން އޯކޭ ވުމެވެ. އެމޭފުޅެއްގެ ވެރިކަމުގައި ކޮރަޕްޝަންގެ ގައުމީ ރެކޯޑެއް ގާއިމު ކުރެއްވި ރައީސަކީ މިހާރު ޒަރިޔަންދުގެ އެންމެ އަރިސް ސިޔާސީ ބައިވެރިޔާއެވެ. މިހާރު އެއީ ގައުމުގައި ހިންގި އެންމެބޮޑު ކޮރަޕްޝަނުގެ މޭސްތިރި ކަމަށްވާ ރައީސް ޔާމީންގެ ސިޔާސީ ބައިވެރިއެވެ. ރައީސް ޔާމީންގެ ޕާޓީގެ ޓިކެޓްގައި ވާދަ ނުކުރައްވައި އަމިއްލަގޮތުން ވާދަ ކުރައްވަން ޒަރިޔަންދު ނިންމެވީ ރައީސް ޔާމީންގެ ޕާޓީގެ ބަލިކަށި ކަމުންނެވެ. މިއަހަރު ބާއްވާ ލޯކަލްކައުންސިލް ތަކުގެ އިންތިޚާބުގައި ރައީސް ޔާމީންގެ ޕާޓީގެ ފަރާތުން ވާދަ ނުކުރައްވަނީ ޕާޓީގެ ތާއީދު ރައްޔިތުންގެ މެދުގައި ނެތުމުގެ ސަބަބުންނެވެ.