logo
މިވެސް ކިޔާލައްޗޭ
ސިޔާސީ
22 ޖޫން 2025
2 މިނިޓް
273
Post image
ޝީޢީންނަކީ މުސްލިމުންތޯ ނުވަތަ ނޫންތޯ މިއީ ސުންނީ މުސްލިމުންގެ ތެރޭގައި ގިނައިން ކުރެވޭ ބަހުސެކެވެ. ސުންނީންނަކީ މުސްލިމުންތޯ ނުވަތަ ނޫންތޯ، މިއީ ޝީޢީންގެ މެދުގައި ވެސް ގިނައިން ކުރެވޭ ބަހުސެކެވެ.
ޔަޤީނުން އެނގޭ ކަމަކީ، އިސްލާމް ދީނުގެ އަސާސީ ރުކުންތައް ކަމުގައި ސުންނީން ބުނާ ކަންކަމާއި، ޝީޢީން ބުނާ ކަންކަމުގައި ތަފާތެއް ނޯންނަކަމެވެ. އީމާންކަމާއި އިސްލާމްކަމާއި އިޙްސާންގެ ރުކުންތައް، ދެބައިމީހުން ވެސް ބުނެދެނީ އެއް ގޮތަކަށްކަމެވެ. ދެބައިމީހުން ވެސް ބުނަނީ އަދި ޤަބޫލު ކުރަނީ، އިސްލާމްކަމުގެ ރުކުންތަކަކީ ޝަހާދަތް، ނަމާދު، ޒަކާތް، ރޯދަ، އަދި ޙައްޖު ކަމުގައެވެ. ދެބައިމީހުން ވެސް ބުނަނީ އަދި ޤަބޫލު ކުރަނީ އީމާންކަމުގެ ރުކުންތަކަކީ ﷲ އަށް އީމާން ވުން، މަލާއިކަތުންނަށް އީމާން ވުން، ﷲ ގެ ފޮތްތަކަށް އީމާން ވުން، ﷲ ގެ ރަސޫލުންނަށް އީމާން ވުން، ޤިޔާމަތާއި ޙިސާބަށް އީމާން ވުން، އަދި އިލާހީ ޤަޟާޤަދަރަށް އީމާން ވުން ކަމުގައެވެ.
އެހެންވިއްޔާ، ފަރަގު ވެގެން މި އުޅެނީ ކޮން ކަމެއްގައި ހެއްޔެވެ؟ ފަރަގު އުފެދިގެން މި އުޅެނީ ޢަޤީދާއަށް ފަހު ޤަބޫލު ކޮށް ޢަމަލު ކުރާން ޖެހޭ ކަންތައްތަކަކާ ހުރެއެވެ. ތެދެކެވެ! އޭގެ ބައެއް ކަންކަމަކީ ވަރަށް އަސާސީ، އަދި ޢަޤީދީ މައްސަލަތަކާ ގުޅުން ހުރި ކަންކަމެވެ. ނަމަވެސް އަސާސީ ޢަޤީދާގައި ޝީޢީންނާއި ސުންނީންގެ މެދުގައި ހުރީ އެއްގޮތްކަމެވެ.
ދެން، މި ތަފާތުތަކާ ހުރެ އަހަރެމެން އެއް ބަޔަކު އަނެއް ބަޔަކު ކާފަރު ކޮށް، އެއް ބަޔަކު އަނެއް ބަޔަކަށް ނަފްރަތު ކޮށް، އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު އެއްޗެތި ގޮވައިހެދުމުން، ޝީޢީއަކަށް ވެސް، ސުންނީއަކަށް ވެސް އެއްވެސް ފައިދާއެއް ވޭހެއްޔެވެ؟ ނޫނެކެވެ! ފައިދާ ވަނީ، އަދި ވާނީ، އަދި މިހައިތަނަށް ވެފައި ވަނީ ވެސް ކާފަރުންނަށެވެ. އަހަރެމެން މި ކަމުގައި ޢަމަލު ކުރާން ޖެހޭ ގޮތަކީ، އެއް ބަޔަކު އަނެއް ބަޔަކާ ހިތްހެޔޮކަމާ އެކު، ރިވެތި ގޮތުގައި، ރަޙްމާ އެކުގައި، ނަބަވީ މަންހަޖާ އެއްގޮތަށް މަޝްވަރާ ކުރުމާއި ޢިލްމީ ގޮތުން ބަޙުޘް ކުރުން ނޫންހެއްޔެވެ؟ މި ތަފާތާ ހުރެ ސުންނީ އަދި ޝީޢީ ޢާއްމު ރައްޔިތުން - އަންހެނުން، ކުޑަކުދީން، މުސްކުޅީން ހިމެނޭ ގޮތުން - އެތައް ވޭނަކާއި އަނިޔާތަކެއް ތަޙައްމަލު ކުރާންޖެހޭ ފަދައިން ޢަދާވާތްތެރިކަމާއި ދުޝްމަންކަން ކުރިޔަށް ނެރުމުން، ސުންނީ އަދި ޝީޢީ ޢާލިމުންނާއި ލީޑަރުންނަށް ﷲ ހެޔޮ ޖަޒާ ދެއްވާނެޔޭ ހީ ވަނީ ހެއްޔެވެ؟ އެހެން ހީ ވާ ބައެއްގެ ވިސްނުންކޮށިކަމާއި ޖާހިލުކަމާއެވެ!
އެހެން ޙަޤީޤަތެއް ވެސް ޤަބޫލު ކުރަމާ ހިނގާށެވެ! ފާއިތު ވި ސަތޭކަ ފަންސާހެއްހައި އަހަރުގެ ތާރީޚުން ފެންނަނީ، ޝީޢީންނަށް ވުރެ ބޮޑަށް އިސްލާމީ އުއްމަތަށް ދެރަޔާއި ހިތާމަޔާއި ނިކަމެތިކަން ދިނީ ޢަރަބި ވައްހާބީ ސުންނީންކަމެވެ. ޚުދު އިސްރާއީލު އުފެއްދުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ ޙިޖާޒީ ޢަރަބި ސުންނީންނެވެ. އިސްލާމީ ދުނިޔޭގައި އެމެރިކާ އާއި އިސްރާއީލާއި ޔޫރަޕުގެ މަނަހުގެ މުޞީބާތް ފަތުރައި ފުޅާ ކުރުމުގެ އެންމެ ބޮޑު އެހީތެރީންނަކީ ވައްހާބީ ސުންނީންނެވެ.
އަޅުގަނޑު ޝީޢީން ޝީޢީން ކަމުގައި ވާ ވިސްނުންތަކާއި ފިކުރުތަކާ ދެކޮޅެވެ. އެ ކަންކަން އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. ނަމަވެސް އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ޝީޢީންނަކީ މުސްލިމުންނެވެ. އެމީހުން ދީނުގެ ހަފޮޅުން ބޭރެއް ނުވެއެވެ. އީރާނަކީ މުސްލިމް ޤައުމެކެވެ. މުސްލިމް ދައުލަތެކެވެ. މިއަދު އެމީހުން އިސްރާއީލާ ދެކޮޅަށް އެ ކުރާ ހަނގުރާމައަކީ، މުސްލިމުން އަނިޔާވެރި ކާފަރުންތަކަކާ ދެކޮޅަށް ކުރާ ހަނގުރާމައެކެވެ. މި ހަނގުރާމައިގައި، ސުންނީ ވައްހާބީން ތިބީ - ފެންނަ ހުރިހައި މަންޒަރުތަކެއް ދައްކާ ގޮތުން - ފިސާރި ވަރުގަދަޔަށް ކާފަރުންނާ ބައިވެރި ވެގެންނެވެ. ފެންނަ މަންޒަރާއި ޙަޤީޤަތާ ޚިލާފު ނަމަ، ކިތަންމެހައި ވެސް ރަނގަޅެވެ! އަޅުގަނޑުގެ ރެޔާއި ދުވާލުގެ ދުޢާއަކީ، މުސްލިމް އީރާނަށް މި ހަނގުރާމައިގައި ހުޅަނގުގެ ޖައްބާރު އަނިޔާވެރީންގެ މައްޗަށް ނަޞްރާއި ފަތަޙަ ދެއްވުމެވެ!
*****************************************
ނޯޓް :މިއީ އުސްތާޛް މާޖިދުގެ ފޭސްބުކުން ނަގާފައިވާ ލިއުމެއް.