ގާނޫނާއި ގަވާއިދާ ޚިލާފު ގިނަ ކަންތައްތަކެއް ކުރިކަން ސާބިތު ވެގެން ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ 3 މަސް ދުވަހަށް އަދި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ އެއް މަސް ދުވަހަށް ސަސްޕެންޑް ކުރުމާއެކު ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން މިވަނީ ނިންމާފައެވެ. މީގެ އިތުރުން ކައުންސިލުގެ މެންބަރު އަހުމަދު ވަހީދު އާއި އާމިނަތު ނަސީމާ އާއި އަޙްމީމާ އަޙްމަދު އާއި ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ޖީޒާ ހަސަނަށް ނަސޭހަތްތެރިވުމާއެކު މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސްތެރޭ އަނބުރާ ދެއްކުމަށް އެންގެވުމަށް ވެސް ވަނީ ނިންމަވާފައެވެ.
އެލްޖީއޭއިން މި ފިޔަވަޅު އަޅަން ނިންމާފައި ވަނީ، ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހުއެވެ. މި އިންކުއަރީގައި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަޔާން ނަގައި ލިޔެކިޔުންތައް ދިރާސާ ކޮށްފައި ވެއެވެ.
އެލްޖީއޭއިން ހާމަކުރެއްވި ގޮތުގައި ތިނަދޫ ސިޓީ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައި ވާކަމަށާއި، ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް މޭޔަރާއި މެންބަރުން ޢަމަލު ކުރާކަމަށް ބުނެ، އަމިއްލަ ފަރާތްތަކުންނާއި ދައުލަތުގެ އެކި އިދާރާތަކުން މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ އިދާރާގެ މޮނިޓަރިންއަށްވެސް މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި އިންކުއަރީގައި އެފަދަ 19 މައްސަލައެއް ބަލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ތިނަދޫ ސިޓީ ކައުންސިލާ ގުޅިގެން އެލްޖީއޭއިން ކުރިއަށްގެންދިޔަ އިންކުއަރީގައި ބަލާފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުނުދިނުމާއި އެހެން ރަށަކަށް ރައްވެހިކަން ބަދަލު ކުރުމަށް ހުށައެޅުމުން 5,000 ރުފިޔާގެ ފީއެއް ނެގުމާއި އެ ފީ ނުނެގުމަށް އެލްޖީއޭއިން އެންގި އެންގުމަށް އަމަލުނުކުރުމާއި އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވުމާއި އަތޮޅު ކައުންސިލުގެ އެންގުންތަކަށް އަމަލު ނުކުރުން ހިމެނެއެވެ. އަދި މާލީ ވުޒާރާގެ ހުއްދަނެތި ކައުންސިލުގެ ބިޑް ކޮމިޓީއާއި ބިޑް އިވެލިއުޝަން ކޮމިޓީއަށް އެލަވަންސް ދޭ ކަމަށާއި އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދިނުމާއި ކައުންސިލުގެ އޮފިޝަލް، ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވެއްޓޭގޮތަށް ޕޯސްޓް ކުރާ ކަމަށްވެސް އެލްޖީއޭއިން ފާހަގަކުރައްވާފައިވެއެވެ.
ސަރުކާރުގެ ހައުސިންގ ސިޔާސަތުގެ ދަށުން ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާގެ މަޝްވަރާއެއް ނެތި ހުޅުވާލުމުން އެކަން ނުކުރުމަށް ވުޒާރާއިން އެންގި އެންގުމަށް އަމަލުކޮށްފައި ނުވާ ކަމަށާއި ތިނަދޫއިން ދޫކޮށްފައިވާ ފުލެޓްތަކަށް ވަޅުފެން ނުލިބޭތީ، އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލުގެ މޭޔަރާ ބައްދަލު ކުރުމަށް އެދުމުން ބައްދަލު ކޮށްފައިނުވާކަންވެސް އެލްޖީއޭއިން ފާހަގަކުރައްވައެވެ. އަދި ކައުންސިލުން އިޢުލާންކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރު ސައުދު ޢަލީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށާއި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ، ސިޓީ ކައުންސިލެއް އުފައްދާފައި ނުވިނަމަވެސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެންބަރުންގެ މުސާރައާއި އިނާޔަތް، ކައުންސިލުގެ ރައީސްއާއި މެންބަރުން ނަގާފައިވާ ކަމަށްވެސް ވިދާޅުވެއެވެ.
މީގެ އިތުރުން ސިވިލް ސަރވިސް ޤާނޫނާއި ގަވާއިދާ ޚިލާފަށް ވޭޖު އުޞޫލުން އިޢުލާން ކުރުމެއްނެތި މުވައްޒަފުން ނެގުމާއި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކައުންސިލުން ހިންގާ ޕްރޮކިއުމަންޓުތައް ސްޕްލިޓް ކޮށްގެން ކުރިއަށް ގެންދާކަމަށާއި ވަކި ފަރާތަކަށް މަންފާވާގޮތަށް ކައުންސިލަށް ލޯންޗެއް ގަތުމަށް ޕްރޮކިއުމަންޓް ކަންކަން ކުރިއަށް ގެންދިއުމާއި، ކައުންސިލުގެ އިދާރީ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަކިގޮތަކަށް ކަންކަން ކުރުމުގެ މައްސަލަވެސް މި އިންކުއަރީގައި ބަލާފައިވާ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.
އެލްޖީއޭއިން ވިދާޅުވީ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަން އިންކުއަރީއަށް ސާބިތުވާ ކަމުގައެވެ.
މިހުރިހާކަމެއް މިހެން އޮތްނަމަވެސް އެކަންކަމާއި މެދު ފިޔަވަޅު އެޅުމަކީ އެމްޑީޕީއަށް ގަބޫލު ކުރެވޭ ކަމަކަށް ނުވިއެވެ. އެމްޑީޕީއަށް ގޯސްވީ އެލްޖީއޭއެވެ. އަދުލު އިންސާފައި ހަމަހަމަ ކަމާއި ހައްގުތައް ހޯދައިދިނުމުގެ ނަމުގައި، ކަރުން ނާރުނަގާފައި ހަޅޭއްލަވާ އެމްޑީޕީ އޮތީ ތިނަދޫ ކައުންސިލްގެ ޚިޔާނާތް ދިފާއު ކުރަން އަތުކުރި އޮޅާލައިގެންނެވެ. އަމިއްލަ ބާލީހަށް ބަންޑާރަކަފަ ކޮށްޕުމަކީ އެމްޑީޕީގެ ސިޔާސަތުކަން ކަށަވަރު ކޮށްދީ ޚިޔާނާތަށް ދޯޅު މީހުނަށް އެމްޑީޕީން މަރުހަބާ ކިޔާކަން ސާބިތު ކޮށްދީފިއެވެ. އަބަދުވެސް މީހަކު ކުށެއްކޮށްގެން އަދަބެއް ލިބެންޏާ އެމްޑީޕީން އެމީހަކީ ދުވަހަކުވެސް ކުށެއް ނުކުރާ މައުސޫމް މީހަކަށް ހަދަން މަސައްކަތް ކުރެއެވެ. އެއަށް އެމީހުން ކިޔަނީ ވެސް ރީތި ނަމެކެވެ. އެއީ ޙައްގުތައް ހޯދައި ދިނުންކަމަށް އަބަދުވެސް އެމްޑީޕީން ވަކާލާތު ކުރެއެވެ.
އެލްޖީއޭގެ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން ރިޕޯޓުގައި ލަފާދީފައިވާ ފަދައިން ޢަމަލުކުރުމަށާއި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ މުވައްޒަފުންގެ މައްސަލަ ބަލައި، މުވައްޒަފުންގެ އިހުމާލެއްވާނަމަ ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް، ބޯޑުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް އެމްޑީޕީން ކޯޓަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޚިޔާނާތްތެރިންގެ ނުވަތަ ކުށްވެރިންގެ ދިފާޢުގައި މަސައްކަތް ކުރުމަކީ އަބަދުވެސް އެމްޑީޕީން އިސްކަންދޭ ކަމެކެވެ.