logo
ޢަދާލަތު ޕާޓީއަށް 20 އަހަރު ފުރިއްޖެ
ސިޔާސީ
18 އޯގަސްޓް 2025
3 މިނިޓް
439
Post image
ޢަދާލަތު ޕާޓީއަށް 20 އަހަރު ފުރިއްޖެއެވެ. މި މުނާސަބަތުގައި، އެމީހުން ޢަދާލަތު ޕާޓީގައި ރަޖިސްޓްރީ ކޮށްފައި ތިބިކަން ނޭގުމުގެ ސަބަބުން ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި އެތައްހާސް މެންބަރުންނާއި، ކެނޑެން މަސައްކަތަށް ޕާޓީގައި ދެމިތިބި މެންބަރުންގެ އިތުރުން، ކޮންމެވެސް ހެވެއް އަދިވެސް ޢަދާލަތު ޕާޓީގެ ފަރާތުން ފެނިދާނެކަމުގެ އުއްމީދުގައި ޕާޓީ ދޫނުކޮށް ތިބި މަދު މެންބަރުންކޮޅު ހިމެނޭހެން ޕާޓީގެ ދަފުތަރުގައި ތިބި ހުރިހާ މެންބަރުންނަށް ތަހުނިޔާ ދަންނަވަމެވެ. ރާއްޖެގައި އެންމެ ފުރަތަމަ އުފެއްދި ޕާޓީތަކުގެ ތެރެއިން މިހާތަނަށް ދަފުތަރުގައި ހިފަހައްތާލެވުނު 2 ޕާޓީތެރެއިން 1 ޕާޓީއަކީ ޢަދާލަތު ޕާޓީއެވެ. ހެދިބޮޑުވުމުގައި މައްސަލަތަކެއް ނެތްނަމަ، 5 ލައްކަ ހަމަނުވާ ކުޑަކުޑަ އާބާދީއެއްގައި 20 އަހަރު ދުވަހަކީ ސިޔާސީ ޕާޓީއެއް އުފެދި ފުރާފުރިހަމަވާން އެކަށީގެންވާ މުއްދަތެކެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލާން ފުދޭވަރުގެ ދުވަސްތަކެކެވެ. ނަމަވެސް 20 އަހަރުވީ އިރު ރައްޔިތުންގެ މަޖިލީހުން ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ. އެވެސް އެއްދައުރަށެވެ. ޖެހިގެން އައި ދައުރުގައި، ޢަދާލަތު ޕާޓީ ބައިވެރިވާ ކޯލިޝަނަކުން ގެނައި ސަރުކާރުގެ އާރާއި ބާރުގައި، ޢަދާލަތު ޕާޓީގެ 2 ވަނަ ދައުރުގެ ރައީސް ޝެއިޚް އިމްރާންގެ ދާޚިލީ ވަޒީރުކަމުގެ ދައުރުގައި، ސަރުކާރުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެ ގޮނޑިވެސް ދަމައިގަތީއެވެ. ދަތްނެތް ސިންގާއެއް ފަދައިން ބަލަހައްޓައިގެން ޢަދާލަތު އޮތީއެވެ. 20 އަހަރަކީ ސިޔާސީ މައިދާނުގައި ފައިތިލަ ސާބިތުކޮށް އިންތިޚާބުތަކުގައި ކާމިޔާބު ހޯދެންޖެހޭ ވަރުގެ ދިގު ޒަމާނެކެވެ. ޕާޓީއަށް 20 އަހަރު ފުރިގެން ހެވިދިލިފައިތިބެގެން ޢަދާލަތު ޕާޓީން ފޭސްބުކުގައި ކުރި ޕޯސްޓަށް 20 ގަޑިއިރު ވީއިރު 20 މީހުން އެއަށް ގަޔާވާ ކަމަށް ފިތާލާފައެއް ނެތެވެ.
ޢަދާލަތު ޕާޓީގެ އުމުރުން 20 ވިހިއަހަރު ވީއިރު ހާސިލު ކުރެވުނު ނަތީޖާއަކީ ކޮބައިތޯ ވިސްނާލަން ޖެހެއެވެ. ރާއްޖޭގައި 3 ވަނައަށް ރަޖިސްޓްރީ ކުރި ޕާޓީއެވެ. އިރެއްގައި އެއީ ސިޔާސީ މީހުންނާއި، އިސްލާމްދީނާއި ބީރައްޓެހި ދިވެހިން އެންމެ ޖެހިލުންވި ޕާޓީއެވެ. މުޖުތަމަޢްގެ ކަންކަމުގައި އުޑުއުފުލި ޒަމާނުގައެވެ. ސިޔާސީ ގޮތުންނާއި ދީނީ ގޮތުން މީހުން ހޭލުންތެރި ކުރުމާއި ބިނާކުރުމުގެ މަސައްކަތް ކުރެވުނު ޒަމާނުގައެވެ. އެއީ ޢަދާލަތު ޕާޓީގެ ފުރަތަމަ ދައުރެވެ. ޝެއިޚް ޙުސައިން ރަޝީދުގެ ޒަޢާމަތުގެ ދައުރެވެ. ޢަދާލަތު ޕާޓީގެ ރަންޒަމާނެވެ. އޭރު އެއީ ރާއްޖޭގެ 3 ވަނައަށް އެންމެ ނުފޫޒުގަދަ ޕާޓީއެވެ. މެންބަރުންގެ ގޮތުންވެސް 3 ވަނައެވެ. ޑރ.ޢަބްދުﷲ ޝިހާމްގެ ބަހުންނަމަ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއީ ރެފްރީއެވެ. ރެފްރީގެ ނިޔާއަކީ އެންމެ ފަހުގެ ނިޔާއެވެ. ނަމަވެސް ބައެއް ރެފްރީން ވަކި ހިސާބަކުން ކޮރަޕްޓްވެ މެޗްވިއްކާލާ ފަދައިން ޢަދާލަތު ޕާޓީއަށް ވެސް އެދުވަސް ލައިގަތީއެވެ. މިއަދު އެއީ ނަމެކެވެ. މީހުންގެ ޝައުވެރިކަމެއްނެތެވެ. ޖެހިލުންވުން އަމުދުން ވެސް ނެތެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު އެއީ އަނގުޅިނެތް ކަންނޭލެކެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދި ފަހުން، 2023 ގެ ރިޔާސީ އިންތިޚާބާ ޖެހެންދެން ބޭއްވުނު ކޮންމެ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރަމުންއައީ ޢަދާލަތު ޕާޓީގެ ތާއީދު ލިބޭ ޕާޓީއަކުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޢަދާލަތު ޕާޓީ ބައިވެރިވާ ކޯލިޝަނަކުންނެވެ. ނަމަވެސް 2023 ގެ ރިޔާސީ އިންތިޚާބު ޑރ.މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރެއްވީ ރާއްޖޭގެ އެންމެ ދޮށީ، ނުވަތަ 20 އަހަރުވީ 2 ޕާޓީގެ ކޯލިޝަން ބަލިކުރައްވައި އުމުރުން އެންމެ 4 އަހަރުގެ ޒުވާން ޕީއެންސީގެ ޓިކެޓްގައި ވާދަ ކުރައްވައިގެންނެވެ. ޢަދާލަތު ޕާޓީއާއި ނުލައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރޭނެކަން ސާބިތުކޮށް ދެއްވީއެވެ. ޑރ.މުޢިއްޒުއާއި ބެހޭގޮތުން އެތައް ދޮގަކާއި ސާބިތު ނުހިފޭ އެތައް ވާހަކަތަކެއް ޢަދާލަތު ޕާޓީގެ ކަންކަން ހިންގުމުގައި އިސްވެގަނެގެން ތިއްބެވި ބޭފުޅުން ދެއްކެވިއެވެ. ދީނީ ތާކިހާކޮޅު ތުރުކުރައްވައިގެން ތިއްބަވާ ބޭފުޅުން ކުރެއްވުން އެކަށީގެންނުވާފަދަ ދަށުދަރަޖައިގެ ކިތަންމެ ކަމެއް ފެނިގެން ދިޔައެވެ. ނަމަވެސް ޢަދާލަތު ޕާޓީން މަރުފަލި ޖަހަމުން ދަނިކޮށް ރިޔާސީ އިންތިޚާބު ޕީއެންސީން ކާމިޔާބު ކުރީ ދާދި ފަސޭހަކޮށެވެ. ޢަދާލަތު ޕާޓީ ކިހިލީޖަހައިގެންނެވެ.
ޢަދާލަތުގެ ރަންޒަމާނުގައި ނަމަ ރިޔާސީ އިންތިޚާބެއް ޢަދާލަތާ ނުލައި ކާމިޔާބުކުރުން އެއީ ވުމަށްވުރެން ނުވުން ގާތްކަމެކެވެ. މިކަމުން އެނގި ކަށަވަރުވި ކަމަކީ ޢަދާލަތުގެ ލީޑަރޝިޕް ފެއިލް ވެއްޖެކަމެވެ. ކުރިން ކުރި މަސައްކަތް ނުކުރާކަން ރައްޔިތުންނަށް ގަބޫލު ކުރެވޭކަމެވެ. ލީޑަރޝިޕަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމެވެ. ޢަދާލަތު ޕާޓިއަށް ރައްޔިތުން ފޫހިވެއްޖެ ކަމެވެ. ފިޔަލަބޮލާށް އޮޑި ދުއްވާ ކައްޕިތާނުންނަށް ރައްޔިތުން ނޫނެކޭ ބުނާނެކަމެވެ. ޢަދާލަތު ޕާޓީ އުފެއްދި މަދުޞަދު ކަމަށް ޕާޓީގެ ލީޑަރޝިޕުން ބުނަމުންއައީ ޑިމޮކްރަސީއާއި އެކު ލާދީނީ ފިކުރު އަންނާނެތީ އެއާއި ދެކޮޅަށް ނިކުތުމެވެ. ޢަދާލަތު ޕާޓީ އުފެއްދީ މިދެންނެވި ފިކުރު ރާއްޖެގައި ފެތުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތާދެކޮޅަށް ކަމަށް ވިދާޅުނުވާ އެއްވެސް ބޭފުޅަކު އެރު ޢަދާލަތު ޕާޓީގެ އިސްސަފުގައި ނެތެވެ. ނަމަވެސް ޕާޓީގެ އުމުރުން 20 އަހަރުވީއިރު ކީހާޅެން ފަރިއްސަށް ވެއްޖެއެވެ. މިހާރު ޢަދާލަތު ޕާޓީއަކީ އެމްޑީޕީ ނަގައި ދަމަހައްޓަން އަރުވާޖަހައިގެން ތިބި މީސްކޮޅެއްގެ މައްޗަށް އެކުލެވޭ ކުޑަޖަމާއަތެކެވެ. މިއަދު ޢަދާލަތު ޕާޓީއަކީ އެމްޑީޕީ އޮޑީގެ ކަފުޖަހައިގެން ދަމާ ބޮއްކުރާގަނޑެކެވެ. އަރާ ފޭބުމަށް ބޭނުންކުރުމަށެވެ. އެކަމަކު އެމްޑީޕީއަށް ވެސް ނޭނގޭ އެއްކަމެއް އެބައޮތެވެ. 20 އަހަރުވީ އެބޮއްކުރައަކު މިހާރު އެހާވަރެއް ނެތެވެ. އެއިގެ އެހީގައި އަރަން އުޅެގެން އެއްފަހަރު މިވަނީ ކަނޑުވެފައެވެ. ދެންވެސް ވާނީ އެހެންނެވެ. އެއަކު ރަނގަޅު ފަޅުވެރިންނެއްނެތެވެ. އޮޔާއި ވައި ދަންނަ ބަޔަކުނެތެވެ. ހޭޑިފޭޑި ދަންނަ އެކަކުވެސް ނެތެވެ.