logo
ރައީސް ނަޝީދާއި 2028
ސިޔާސީ
23 ޖޫން 2025
4 މިނިޓް
288
Post image
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ވަރަށް ގިނަ ބޭފުޅުން ފާޅު ކުރައްވަމުން އެބަ ގެންދަވައެވެ. އެއިގެ ތެރޭގައި ރާއްޖޭގެ ރައީސްކަން ކުރިން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް ނަޝީދު ވެސް ހިމެނި ވަޑައިގަންނަވައެވެ. ރައީސް ނަޝީދަކީ އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ތާކިހާކޮޅު ތުރުކުރައްވައިގެން ވަޑައިގެން ގިނަބައެއްގެ ލޮލުގައި އަނދުން އެޅުއްވި ކުޅަދާނަ ލީޑަރެކެވެ. ރާއްޖޭގެ ރައީސްކަން ބޭނުންފުޅު ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ވަޑައިގެން އެންމެފަހު ވަގުތު 2008 ގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވިއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް ކާމިޔާބު ނުކުރެއްވުމުން ބޮޑު ކޯލިޝަނަކާއި އެއްކޮށް ނިކުންނަވާ، ގިނަޕާޓީތައް ބައިވެރިވެގެން ރާއްޖޭގައި ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބު ދެވަނަ ބުރުން ކާމިޔާބު ކުރެއްވިއެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިންނާއެކު ވެވުނު އެއްބަސްވުން ދެމެހެއްޓެވުމުގެ ބަދަލުގައި ރައީސް ނަޝީދު އިސްކުރެއްވީ އެމަނިކުފާނުގެ އަމިއްލަ އެޖެންޑާއެވެ. އަދި ސިޔާސީ ކަންތައްތަކުގައި އެމަނިކުފާނުގެ މުޝީރުން ކަމަށްވާ ހުޅަގުގެ އޭޖެންޓުންގެ ލަފަޔާ އިރުޝާދެވެ. ނަތީޖާއެއްގެ ގޮތުން މާތް ވެގެންވާ އިސްލާމްދީނުގެ އަސާސްތަކާ ބީރައްޓެހި ކަންކަން ތަޢާރަފު ވާންފެށިއެވެ. ވެރިކަން ކުރާ ޕާޓީން މަގުމައްޗަށް ނިކުމެ މުޒާހަރާކޮށް ޑިމޮކްރަސީގެ މުޅިން އާ ބާބެއް ދުނިޔެއަށް ތަޢާރަފް ކުރެއްވިއެވެ. ޝަރުޢީ ކޯޓްތަކަކީ އެ މަނިކުފާނުގެ އެންމެބޮޑު ދުޝްމަނު ކަމަށް ނިންމެވިއެވެ. ޖިނާއީ ކޯޓްގެ އިސްގާޒީ ޢަބްދުﷲ މުޙައްމަދު، ރޭގަނޑު ދަންވަރު ސިފައިން ފޮނުވައިގެން ހައްޔަރުކޮށް ނިޒާމުން ގެއްލުވާލިއެވެ. ގާޒީގެ މައްސަލައިގައި ރައްޔިތުން ކެކިއުތުރެން ފަށައިގެން އެފެދުނު ޖަގަޑާ ގަނޑު ކޮންޓްރޯލް ނުކުރެވި އެންމެ ފަހުން 7 ފެބްރުވަރީ 2012 ގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިއެވެ. އަދި ޖެހިގެން އައިދުވަހު އެމްޑީޕީގެ ވެރިން އިސްވެތިބެ އެތައްބަޔަކު ނެރެ މާލެއާއި ރާއްޖެތެރޭގައި ހަމަނުޖެހުން ހިންގިއެވެ. އެ ގަޑުބަޑު ތެރޭގައި ސިފައިންނާއި ފުލުހުންނާ ދިމާކޮށް ފުލުހުންގެ މަރުކަޒުތަކަށް ގެއްލުން ދިނުމާއެކު ރައީސް ނަޝީދާއި އެމްޑީޕީގެ އެންމެ ބޮޑު ދުޝްމަނު ކަމަށްވާ ޝަރުޢީ ކޯޓްތަކުގައި ހުޅުޖެހިއެވެ. އަދި ރީކޯ މޫސާ މަނިކުގެ މޭސްތިރިކަމުގެ ދަށުން ރައްޔިތުންގެ ކޯޓްގެ ނަމުގައި މަގުމަތީ ކޯޓް ހަދައި ކޯޓްގެ ހުރުމަތް ކެނޑުމުގެ ހަރަކާތް ތަކެއް ވެސް ހިންގިއެވެ.
2008 ގައި ރައްޔިތުން ހަވާލުކުރި ވެރިކަމުގެ ދައުރު ނިމެންދެންވެސް ހިފަހައްޓާނުލެވި އަމިއްފުޅަށް އިސްތިއުފާ ދެއްވުމަށް ފަހު އެތަކެއް ހަމަނުޖެހުމެއް ހިންގުވައި ގައުމަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ތަކެއް ދެއްވުމަށްފަހު ވެސް ރައީސް ނަޝީދަކީ މާމޮޅު ލީޑަރެއްކަމަށް ގަބޫލުކޮށް އެމަނިކުފާނުގެ މައްޗަށް ކަނު ލޯތްބެއް އޮތް ބަޔަކު ތިއްބެވެ. ނަތީޖާއެއްގެ ގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދާއި ވާދަކޮށްލަން ކެރުނު މީހަކު އެމްޑީޕީގައި ނެތުމުގެ ސަބަބުން އެ ފަހަރުގެ އިންތިޚާބުގައި ވެސް އެމްޑީޕީގެ ނަމުގައި ރައީސް ނަޝީދު ވާދަ ކުރެއްވިއެވެ. ނަމަވެސް ރައްޔިތުން އެމަނިކުފާނަށް ދެންނެވީ ނޫނެކޭއެވެ. 2013 ގެ ރިޔާސީ ދައުރު ފެށުނު ހިސާބުން ރައީސް ނަޝީދަށް އެމަނިކުފާނުގެ ރިޔާސީ ދައުރުގައި އިންދެވި ގޮވާމުގެ މޭވާ ފަރިއްކުޅުއްވަން ޖެހިވަޑައިގަތެވެ. ނަތީޖާއެއްގެ ގޮތުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޖަލުގެ ގޮޅިއެވެ.
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަ ނުކުރެއްވުނީ އެ މަނިކުފާނު ކުރެއްވި ޖިނާއީ ކުށެއް ޝަރީޢަތަށް ސާބިތުވެގެން އެކުށުގެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވުމުގެ ސަބަބުންނެވެ. އެފަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ޓިކެޓް ދޭން ރައީސް ނަޝީދު ވެސް ތާއީދު ކުރެއްވިއެވެ. އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. ރައީސް ނަޝީދު ބޭނުންފުޅުވީ ރައީސް ޞާލިޙްގެ ރައީސް ކަމަކީ ފަށްކަނޑަން ކުރެވުނު ކައިވެންޏެއް ފަދަ ކަމެއްގެ ގޮތުގައި ނިމިގެންދާށެވެ. ރައީސް ޞާލިޙަށް އިންތިޚާބު ކާމިޔާބު ކުރެއްވި މަގާމުގެ ހުވައި ކުރެއްވުމަށްފަހު ރައީސް ނަޝީދު މިނިވަން ކުރައްވަންވީއެވެ. އަދި 2 އަހަރެއްހާ ދުވަހު މަގާމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވަން ވީއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ފަށްކަނޑަން ކުރެއްވި ކައިވެނި، ރޭކުރެއްވުމަކާ ނުލާ ވަރިކުރައްވަންވީއެވެ. އެހިސާބަށް ދާއިރު ހުންނަން ޖެހޭނީ ނައިބު ރައީސް ވަކިކޮށް، ރައީސް ނަޝީދު ނައިބު ރައީސަކަށް ގެނެވިފައެވެ. ނަތީޖާއަކަށް ވާން ޖެހޭނީ ދައުރުގެ ބާކީ އޮތްބައިގައި ރައީސް ނަޝީދު އަލުން ރައީސަކަށް ވެޑައިގަތުމެވެ.
ރައީސް ނަޝީދުގެ ރޭއްވެވުމާއި ޚިލާފަށް ރައީސް ޞާލިޙް ނިންމެވީ ދައުރު ފުރިހަމަ ކުރައްވާށެވެ. ރައީސް ނަޝީދާއި، ރައީސް ޞާލިޙްގެ ޒަމާންވީ ގުޅުން ހީނަރުވެ 2 މިތުރުން 2 ހަތުރުންނަށްވީ އެހާ ހިސާބުންނެވެ. ކިތަންމެ ގާތްނަމަވެސް އަދި ޅިޔަނަކަށް ވިޔަސް ރައީސްކަން ކުރައްވާތަން ބެއްލެވުމަކީ އެމަނިކުފާނުގެ ލަގޮނޑިފުޅަށް އޮބިއޮންނަ ވަރުގެ ކަމަކަށް ނުވިއެވެ. އެމަނިކުފާނު ގަބޫލުފުޅު ކުރައްވާގޮތުގައި އެމްޑީޕީއަކީ އެމަނިކުފާނުގެ އަމިއްލަފުޅު ހަރުމުދަލެކެވެ. އެހެން ބޭފުޅަކު އެއިން މަންފާ ހޯއްދެވުމަކީ ވެގެންވާނެ ކަމެއް ނޫނެވެ. މިފަދަ ގޮތަކަށް އެކަން އޮތްނަމަވެސް ރައީސް އިބޫ ވެސް ލިބިވަޑައިގެންނެވި ފުރުޞަތުގެ ބޭނުން ފިސާރި ރަނގަޅަށް ހިއްޕެވިއެވެ. އެމްޑީޕީގެ މެންބަރުންގެ ބަހުރުވައިންނަމަ ހިތްތަކުގެ ރައީސް، ރައީސް ނަޝީދުގެ ފިޔަކޮށާލިއެވެ. އެވަރުން ވެސް ނުފުދިގެން އެންމެފަހުން ވަރަ އެއްކޮށް ބިންދާލެއްވީއެވެ. ރައީސް ނަޝީދާއި އެމްޑީޕީއަށް ވަފާތެރި އެމްޑީޕީގެ މީހުން އެކަހެރި ކުރައްވައި ރައީސް ނަޝީދުގެ އެންމެ ހަތުރުވެރި ބޭފުޅުން އަރިސް ކުރެއްވިއެވެ. ދާޚިލީ ވަޒީރަކަށް ޝެއިޚް އިމްރާނެވެ. ޗީފް އޮފް ސްޓާފަކަށް ޢަލީ ޒާހިރެވެ. ސަރުކާރުގެ އެންމެ މުހިންމު 2 މަގާމު އެމްޑީޕީއަށް ގެއްލުނީއެވެ. އެހާ ހިސާބުން ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި ސިޔާސީ ޕާޓީއެއް ހެއްދެވީއެވެ. 2023 ގެ ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރުއްވައިގެން ވަކަރަށް ޖެއްސެވިއިރު އެއަކު އާރެއް ނުލައެވެ. އެންމެފަހުން އެމަނިކުފާނުގެ ޕާޓީވީ ކުރުޑެވެ. ތަފާތު ބޭސްތައް ޖަހައިގެން ވެސް ގުރުޑުކަމެއް ނުފިލިއެވެ. ކުރިއަށް އޮތީ 2028 ގެ ރިޔާސީ އިންތިޚާބެވެ. ރައީސް ނަޝީދު ވެސް ވެރިކަމުގެ ހުވަފެން ދެކެވަޑައި ގަންނަވާތީ އެމަނިކުފާނުގެ ޕާޓީ ކަފުންކުރެއްވުމަށްފަހު ކަނޑު ފައްތަވާ ލައްވާފައި އަނެއްކާވެސް އުނބަށް ޖައްސަވަން ނިންމެވީއެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ އެދުންފުޅުގައެވެ. ނަމަވެސް ރައީސް ޞާލިޙް ހުންނެވީ ދޫދެއްވާގޮތަކަށް ނޫނެވެ. ރައީސް ނަޝީދު އެމްޑީއާއި ދެވަނަ ފަހަރަށް ގުޅިވަޑައި ގަތުމުގެ ހަފުލާއަށް ތައްޔާރީތައް ވަމުން ދަނިކޮށް، 2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ރައީސް ޞާލިޙް މިވަނީ އިޢްލާން ކުރައްވާފައެވެ. ދެން އޮތީ ގަދަ ހިފުމެވެ. ކުރީފަހަރު ފުލުވައް ވައްޓާލުމުން ވެސް ކަށިކެޔޮގަނޑު ނުރޫޅުނުވެ. މިފަހަރު އޮތީ ދަޅިގަނޑު ދަމައި ގަތުން ކަމަށް ވެސް ވެދާނެއެވެ. ކަށިކެޔޮ ގަނޑަށް ވާގޮތެއް ބަލަން ތިބެންވީއެވެ.