logo
ކޮބާ މަގޭ ގޯތި!
ސިޔާސީ
27 އޮކްޓޯބަރ 2025
2 މިނިޓް
188
Post image
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިކާބު، ކާމިޔާބު ކުރެއްވި އިބްރާހީމް މުޙައްމަދު ޞާލިޙް، އެމަނިކުފާނުގެ ކެމްޕެއިންގައި މާލޭގެ ރައްޔިތުންނަށް ވެވަވަޑައިގެންނެވި އެންމެ ވަރުގަދަ ވަޢްދަކީ ބޯހިޔާވަހި ކަމުގެ ވަޢްދެވެ. ކެމްޕެއިން އެއްވުންތަކުގައި ވަރަށްރީތި ތާލެއްގައި އެމަނިކުފާނު ތަކުރާރު ކުރެއްވި ވަޢްދެއްއޮތެވެ. އެމަނިކުފާނަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ، ރިޔާސީ ދައުރު ނިމުގެ ކުރިން، ބޯހިޔާވަހިކަމުގެ ދަތިކަން ފޯރާފައިތިބި މާލޭގެ ރައްޔިތުންނަށް، މާލެ ސަރަހައްދުން ގޯތި ކަނޑައި، އިން ވަކިކޮށް، ފަތް ހަވާލުކުރާނެ ކަމުގެ ވަޢްދެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ދައުރު ފެށުމާއި ހަމައިން ކުރިން ތަކުރާރު ކުރެއްވި ވަޢްދުވީ ކަދުރު ރުކަށްއެރި މީހާގެ ނަދުރަށެވެ. ރިޔާސީ ދައުރު ނިމިން ކައިރިވެ ދެވަނަ ދައުރެއްގެ ކެމްޕެއިންނަށް ފައްޓަވާފައި މާލެ ކައިރީ 3 ފަޅަކުން ގޯތީގެ ނަމުގައި ރަޖިސްޓްރީ ދޫކުރީއެވެ. ރައީސް ޞާލިޙްގެ ބަހުރުވައިންނަމަ ގޯތީގެ ފަތް ހަވާލުކުރީއެވެ. ގޯތި ކެނޑުމާއި އިން ވަކިކުރުމެއްނެތެވެ. ކުރެވެން ވެސް ނެތީއެވެ. ގޯތީގެ އިން ވަކިކުރަން ދިވެހިން ޖަހައި އުޅެނީ ގޯތީގެ ހަތަރު ކަނުގައި ޖަހާ ގަލެވެ. އެއަށް ކިޔާއުޅެނީ ކަންމުޑިއެވެ. ފަޅުފަޅުގައި ކަންމުޑި ޖެހުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެބައި ދޫކޮށްލީވެސް ތޯއްޗެކެވެ.
ތޮއްޖެހިފައިވާ މާލޭގެ ރައްވެހިންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ނަމުގައި ދޫކުރި ރަޖިސްޓްރީތައް ދޫކުރަން 3 ފަޅެއްގެ ޗާޓު ކުރަހާފައި ދެއްކިއިރު އެތަންތަނުގެ ތޮއްޖެހުން މާލެއަށްވުރެން އެތައް ގުނައެއް ބޮޑެވެ. ރަށެއް ނުވަތަ އަވަށެއް ފަރުމާ ކުރުމުގެ ވައްޓަފާޅި އެއްވެސް ވަރަކަށް ނެތް ބައެއްގެ މަސައްކަތެއްކަން ސާފުވެއެވެ. ދިވެހި ރައްޔިތުން ރައީސް ޞާލިޙަށް ނޫނެކޭ ބުނުމުގެ ސަބަބުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ވީ ދުވަހު ރިޔާސީ ދައުރު ނިމުނު އިރު މާލޭގެ ރައްޔިތުންނަށް ވީ ވައްދު އޮތީ މަތާރަންފިލާ މަތީގައެވެ. ދައުލަތުގެ ބަޖެޓުން ކުރެވުނު ކަމަކީ ގާތް މީހުނާއި ރައްޓެހިންނަށް ބަދަލުގެ ނަމުގައި ބަހާލުމާއި ފެނަކައިގެ ތެރެއިންލާފައި އަމިއްލަ ބާލީހަށް ބަންޑާރަކަފަ ކޮއްޕުމެވެ. މާލޭގެ ރައްޔިތުންނަށް ގޯތިދޭން ކަނޑައެޅި ފަޅުތައް ގުޅާލުމަށް އަޅަންފެށި ފާލަން ވެސް އޮތީ އަދިވެސް ބަރަވެލި ދުވެލީގައެވެ. ރައީސް ޑރ.މުޢިއްޒުގެ ހައުސިން މިނިސްޓަރ ކަމުގައި 5 އަހަރު ދުވަހުން އެފަދަ ފާލަމެއް ނިންމާލެވުނު ނަމަވެސް ވަޒީރު އަސްލަމަކަށް އެފަދަ ގާބިލު ކަމެއް ލިބިގެންނެއް ނުވިއެވެ. ފާލަމުގެ ފަރުމާ ހުތުރުވެފައި ނިމޭލެއް އެހާލަހެވެ.
އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ފޮނި ވަޢްދުތައް ފުއްދެވުމުގައި އެމަނިކުފާނުވަނީ ބޮޑުކޮށް ފެއިލްވެވަޑައިގެންފައެވެ. މިއަދު އެމްޑީޕީން އެދައްކަނީ އެވާހަކައެވެ. ހަގީގަތުގައި ވެސް ދެވުނު ގޯއްޗެއް ނިންމާފައި ދެވުނު ފްލެޓެއްނެތެވެ. ރިޔާސީ ގަނޑުވަރުން ނިކުމެވަދައިގަންނަވަން ރައީސް ޞާލިޙް ފޮށިތަންމަތި ބެންނެވުމުގައި އަވަދިނެތި އުޅުއްވިއިރު ހައުސިން މިނިސްޓްރީގެ ސިޔާސީން އުޅުއްވީ ގާތްތިމާގެ މީހުނާއި ރައްޓެހިން އަދި ޕާޓީގެ އެކްޓިވިސްޓުން ހިމަނައިގެން ފްލެޓް ދޭނެ މީހުންގެ ލިސްޓް ހެދުމުގައެވެ. މިއަދު އެމްޑީޕީން މުޒާހަރާއަށް އެ ނިކުންނަނީ ރައީސް އިބޫގެ ވަޢްދު ފުއްދެވުމުގައި އެމަނިކުފާނު ފެއިލްވެވަޑައިގެނެވި ވާހަކަ ދައްކާށެވެ. ވެރިކަމަށް ވަޑައިގަންނަވަންވެގެން ރައްޔިތުންނަށްވި ވަޢްދު ނުފުއްދި 5 އަހަރުގެ ދައުރެއް ނިމިގެންދިޔައީއެވެ. ހަގީގަތުގައި ނިންމާފައި ދެވުނު ފްލެޓެއް ދެވުނު ގޯއްޗެއްނެތެވެ. މިއަދު އެމްޑީޕީގެ ފަރާތުން މި ފެނިގެންދަނީ ލަދުހަޔާތް ނެތްބަޔަކު ކޮންމެ ކަމެއްވެސް ކޮށްފާނެކަމެވެ. މާލެ ސަރަހައްދުން ގޯތި ކަނޑައި، އިން ވަކިކޮށް، ފަތް ހަވާލުކުރާނެ ކަމަށް ވައްދުވެ އެ ވަޢްދު ނުފުއްދުނީވެސް އަދި އެކަމާ މުޒާހަރާ ވެސް ކުރަނީ ހަމަ އެމްޑީޕީއެވެ.