ތަނެއް ތަރައްގީވެ އުމްރާނީ ވަޞީލަތްތައް ގާއިމުކުރެވި، އެތަނެއްގައި ދިރިއުޅޭ ފަރުދުންގެ ހާލަތު ރަނގަޅުވުމުން އެތަނެއް، އެއީ ސިޓީއެއް ކަމުގައި ބަލާއުޅެއެވެ. ބިމުގެ ސައިޒަށް ނުބެލުނު ނަމަވެސް ވަޞީލަތްތަކާއި ދިރުއުޅުގެ ހާލަތަކީ، ތަނެއް އެއީ ސިޓީއެއް ކަމަށް ކަނޑައެޅުމުގައި އަމަލުކުރާ އުޞޫލެވެ. ދިވެހިރާއްޖެ ފިޔަވައެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ދެނީ ސިޓީއެއްގެ ދަރަޖައެވެ. އެއިގެ ފަހުން ސިޓީއެއްގެ ފެންވަރަށް ތަރައްގީކުރާނީޔޯލައެވެ. އެއިގެ މިސާލަކީ ގްރޭޑް 1 އަށް ކުއްޖާދާ ފުރަތަމަ ދުވަހު އެކުއްޖާއަށް ޕީއެޗްޑީ ސަޓިފިކެޓް ދީފައި އެއާއި އެއްވަރަށް ކިޔަވާށޭ ބުނުމެވެ. ގްރޭޑް 1 ދާ ފުރަތަމަ ދުވަހުން ކުއްޖާއަށް އެވަނީ ޕީއެޗްޑީ ހާޞިލުކުރެވިފައެވެ. އޭނަގެ ސީވީގައި ޖަހާނީ ތައްލީމީ ފެންވަރަކީ ޕީއެޗްޑީ ކަމުގައެވެ. ގްރޭޑް 1 ގެ ފެންވަރު ނެތަސް ވެސް އެކުއްޖާއަށް ވަނީ ޕީއެޗްޑީ ހާޞިލު ކުރެވިފައެވެ. ރާއްޖޭގެ މިކިޔާ ސިޓީތަކުގެ ހާލަތަކީ ވެސް އެއީއެވެ. ރާއްޖޭގައި އާބާދީ އަށް ބަލާފައި ސިޓިއެއްގެ ދަރަޖަ ދެނީއެވެ. މިހާރު އާބާދީގައި 10 ހާސް ހަމަވުމުން އެވީ ސިޓީއަކަށެވެ. އުމްރާނީ ވަޞީލަތްތަކެއް ބޭނުންނުވެއެވެ. ރަށެއްގެ އަހުލުވެރިން އެބައިމީހުންގެ ރަށް ސިޓީއަކަށް ބަދަލު ކުރުމަށް ބޭނުންނަމަ އެރަށެއްގައި ދަރިމައިވާ ނިސްބަތް އިތުރު ކުރަންވީއެވެ. އިސާހިތަކު އެރަށް ސިޓީއަކަށް ބަދަލު ވެދާނެއެވެ. ފެނެއް ނަރުދަމާއެއް ޞިއްޙީ ޚިދުމަތެއް ތަޢްލީ ވަޞީލަތެއް ބޭނުންނުވެއެވެ.
ރައީސް އަމީންގެ ދައުރުގައި ރާއްޖެތެރޭ މީހުން ސިފަކުރީ ބީރައްޓެހިންގެ ގޮތުގައެވެ. އޭރު ރާއްޖެތެރޭ މީހުނާއިމެދު ދެކުނީ ބީރައްޓެހިންގެ ގޮތުގައެވެ. ބީރައްޓެއްސެއް ވެއްޖެއްޔާ 5 ކުޅަނދު މަދުވާނެކަމުގައެވެ. ޒަމާން ބަދަލުވެ ރާއްޖެތެރޭ މީހުން ތަޢްލީމީ ގޮތުންނާއި ފަންނީ ރޮނގުތަކުން ކުރިއަރާގޮސް 5 ކިލޯ އިތުރު ބަޔަކަށް ވީއިރުވެސް ސަރުކާރުތަކުން ދެކެމުން އައީ ހަމަ ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައެވެ. ރައީސް މައުމޫންގެ ދައުރުގައި ރާއްޖެތެރެއާއި މާލޭގެ ތަފާތުކުރުން ބޮޑު ކަމުގެ ވާހަކަ ދެކެވޭލެއް ގިނަވެގެން ވަރަށް "ހަރުދަނާ" ފިޔަވަޅެއް އެޅުއްވިއެވެ. ރާއްޖެތެރޭ ކިއުމުގެ ބަދަލުގައި އަތޮޅުތެރެ ކިއުއްވަން ފެއްޓެވީއެވެ. ރަށްފުށުގެ ހާލަތު ބަދަލު ކުރައްވަން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި މުޚާތަބު ކުރެވޭ ނަން ބަދަލު ކޮށްލީއެވެ. ދެން އައީ ޑިމޮކްރަސީގެ ޒަމާނެވެ. ރައީސް ނަޝީދު ވެސް މާލެއާއި ރާއްޖެތެރޭގެ ތަފާތު ނައްތާލަން މަސައްކަތް ކުރެއްވިއެވެ. މި ފަހަރު ވަރަށް ރީތި ނަމެއްގައެވެ. ސިޓީ އެއްގެ ދަރަޖަ ދީގެންނެވެ. ނިޝާން ޣާޒީ އާއި ނިޝާން މުލީ އަދި ނިޝާން ޢިއްޒުއްދީންގެ ދަރަޖަ ފަދައިންނެވެ. އެންމެ ފުރަތަމަ އެ ހުވަފެން ދެއްކީ އައްޑޫގެ ރައްޔިތުންނަށެވެ. ސިޓީ ކޯޓް ފެހީ އައްޑޫގެ މިންނަގައިގެން އައްޑޫއަށް ހެޔޮވަރުކޮށެވެ. އާބާދީގައި 25 ހާސް މީހުން ހަމަވުމުން ސިޓީއެއްގެ ދަރަޖަ ދޭން ނިންމީއެވެ. އައްޑޫގައި ވެސް އެ އަދަދު ހަމަވަނީ މުޅިއަތޮޅު އެއްކޮށްލައިގެންނެވެ. އެހެންވީމާ އައްޑޫގެ ރަށްތަކަށް އޮތް ރަށެއްގެ ހައިސިއްޔަތު ނިގުޅައިގަނެ، އަވަށެއްގެ ދަރަޖަ ދިނީއެވެ. އޭރުވެސް އައްޑޫގެ ދެރަށެއްގެ ރައްޔިތުން އެއަށް ނޫނެކޭ ބުންޏެވެ. ނަމަވެސް ތިމަންނައަކީ ސިޓީއެއްގެ މީހަކޭ ބުނެލެވުމަކީ ފަޚުރެއް ކަމަށް ދެކޭމީހުނާއި ތިމާ ދާއީދު ކުރާ ޕާޓީން ކުރާ ކޮންމެ ކަމަކަށް ތާއީދު ކުރަން ޖެހޭނެ ކަމަށް ދެކޭ މީހުން ތިބީ ސިޓީއެއްގެ ރައްވެއްސަކަށްވެވޭތީ އުފަލުން އަތްޖަހާށެވެ. އައްޑޫ "ތަރައްގީކޮށް" ނިމުމުން ދެން ބެލީ ސިޓީއެއްގެ ދަރަޖަ ދޭނެ އާބާދީގެ ނިސްބަތް ދަށްކޮށްގެން ބޮޑެތި އާބާދީތައް "ތަރައްގީ" ކުރުމަށެވެ. އެގޮތުން އާބާދީގައި ދިހަހާސް ހަމަ ވުމުން އެތަނެއް ތަރައްގީވެ ކުރިއަރާފައިވާ ސިޓީއަކަށް ވެވޭނެ ގޮތަށް ގާނޫނު ބަދަލުކޮށް އެންމެ ބޮޑު 3 އާބާދީ ތަރައްގީކޮށްލީއެވެ. ކުޑަޚަރަދަކުން ހޯދޭ ބިޔަ ކާމީޔާބީއެކެވެ. ގާނޫނެއްގެ ފޮޅުވަތަކަށް ގެންނަ އެންމެ ބަދަލަކުން ތަނެއް ކުރިއަރާގޮސް ސިޓީއެއްގެ ފެންވަރަށް ތަރައްގީވީއެވެ. އެމްޑީޕީގެ ވެރިކަމުގައި ރާއްޖެ ތަރައްގީ ކުރުމަށް ހޯދި ފޯރމިއުލާ ވަރަށް ފައްކަލެވެ.
ޒަމާން ބަދަލުވެ ރަށްފުށުގައި ދިރިއުޅޭ މީހުން އާމްދަނީ ހޯދަން ކުރާ މައިގަނޑު މަސައްކަތަކީ ގެސްޓްހައުސް ވިޔަފާރިއަށް މިދަނީ ބަދަލުވަމުންނެވެ. ބޭރު ގައުމުތަކުގެ މީހުން އެމީހުންގެ ކާރޫބާރޫބޮޑު ސިޓީތަކުގައި މަސައްކަތުގައި އުޅެފައި އަރާމުކޮށްލަން ރާއްޖެއަންނަން ގެސްޓްއެއް ބަލާއިރު ރާއްޖޭގެ ކޮންމެވެސް ސިޓީއެއްގައި ހިންގާ ގެސްޓްހައުސްއެއް ފެނުމުން އެތަނަށް ދާން އެމީހުން ބޭނުމެއް ނުވާނެއެވެ. ސިޓީއެއްގެ ހަލަބޮލި މާހައުލުގައި އުޅެފައި އަރާމުކޮށްލަން އެފަދަ އެހެން ސިޓީއަކަށް ދާން ބޭނުން ނުވާނެތީއެވެ. ސިޓީއެކޭ ބުނުމުން ދުނިޔޭގެ ގައުމުތަކުގެ މީހުނަށް ސިފަވާނީ ތަރައްގީވެ ކުރިއަރާފައިވާ ކާރޫބާރޫބޮޑު މާހައުލެވެ. އައްޑޫގެ މީދޫ އަދި ހުޅުދޫ މީހުން އެބައިމީހުންގެ މުސްތަގުބަލަށް އެ ނިންމީ ވަރަށް ހަރުދަނާ ނިންމުމެކެވެ. ސިޓީއެއްގެ ސިފަނެތް ނަމުން ސިޓީއެއްގައި ތިބެގެން ލިބިދާނެ ގެއްލުމުން އަރައިގަނެވޭނެ މަގެއް އެ ދެރަށުގެ މީހުން އެވަނީ ހޯދާފައެވެ. އައްޑޫ ސިޓީގެ ގެސްޓްހައުސް ތަކަށް އަންނަން ބޭނުންވާ ގެސްޓުން ހުޅުދޫ އަދި މީދޫގެ ގެސްޓްތައް ޚިޔާރު ކުރާނެއެވެ.