ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ފިކުރު ހޮޅުއަށީގެ މެހެމާނެއްގެ ގޮތުގައި މިފަހަރު މި ހުށަހަޅާލަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢިދެވެ. 28 މާރިޗް 1977 ގައި ގއ. މާމެންދޫގައި އުފަންވެ ވަޑައިގެންނެވި ޑރ.ޝަހީމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން، ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވުމުގައި މަޝްހޫރު ބޭފުޅެކެވެ. ޤްރުއާން ދަސް ހާފިޒެކެވެ. ޑރ.ޝަހީމްގެ ތަޢްލީމީ ހަޔާތްޕުޅަށް ބަލާއިރު، ޕާކިސްތާނުން ޑިޕޮލޮމާ ހެއްދެވުމަށްފަހު މަދީނާ ޔުނިވަރސިޓީން ފުރަތަމަ ޑިގްރީ ހެއްދެވިއެވެ. އަދި މެލޭސިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް ހެއްދެވުމަށްފަހު ހަމަ އެ ޔުނިވަރސިޓީން ޕީއެޗްޑީ ހާޞިލު ކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީތައް އުފެއްދި އިރު ޢަދާލަތު ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގައި އިސްވެ އުޅުއްވި ބޭފުޅުންގެ ތެރޭގައި ޑރ.ޝަހީމް ވެސް ހިމެނިވަޑައިގަތެވެ. ސިޔާސީ ޕާޓީތައް ބައިވެރިވާ ގޮތަށް ރާއްޖޭގައި ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބުގައި 2008 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ޤާސިމް އިބްރާހީމް އާއި އެއްކޮށް ޢަދާލަތު ޕާޓީން ކޯލިޝަން ހަދައިގެން އިންތިޚާބުގައި ވާދަ ކުރިނަމަވެސް އެފަހަރު އިންތިޚާބުގެ ފުރަތަމަ ބުރުން ޢަދާލަތު ޕާޓީ ކޯލިޝަން ފެއިލްވިއެވެ. އަދި ޖުމްހޫރީ ގުޅުމުގެ ނަމުގައި ހެދި ކޯލިޝަން ހަމަ އެނަމުގައި އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ނަޝީދު އާއި ގުޅިގެން އިންތިޚާބުގެ ދެވަނަ ބުރު މުޙައްމަދު ނަޝީދަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރިއެވެ. އަދި އެފަހަރު އިންތިޚާބުގައި ރައީސް މައުމޫން ބަލި ކުރައްވައި ރައީސް ނަޝިދު އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ކޯލިޝަންގެ ބައިވެރިންގެ މެދުގައި ސަރުކާރު ބެހިއިރު ޑރ.ޝަހީމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ލިބި ވަޑައިގަތެވެ. އަދި އެދުވަސް ވަރު ގައުމުން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ބައްދަލުވެވަޑައިގެންނެވި އުރުދުންގެ އަމިއްލަ ޖަމާޔަތަކުން އެކުލަވާލާ ދުނިޔެގެ އެންމެ ނުފޫޒު ގަދަ 500 ލީޑަރުންގެ ލިސްޓްގައި ޑރ.ޝަހީމްގެ އެދިވަޑައިގަތުމަކަށް ޑރ.ޝަހީމްގެ ނަންފުޅު ހިމަނައިދިނެވެ. ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރު ކޮށްނުދޭ އެލިސްޓްގައި މިހާރުވެސް ޑރ.ޝަހީމް ހިމެނިވަޑައިގަންނަވައެވެ.
7 ފެބްރުވަރީ 2012 ގައި އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވައްޓާލި ބަޣާވާތަށްފަހު އުފެދުނު، ޑރ.މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ވެސް ޑރ.ޝަހީމެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކާމިޔާބު ކުރައްވައި އުފެއްދެވި ސަރުކާރުގެ ވެސް އިސްލާމިކް މިނިސްޓަރ އަކަށް އައްޔަން ކުރެއްވީ ޑރ.ޝަހީމްއެވެ. ޢަދާލަތު ޕާޓީން ރައީސް ޔާމީންއާއި ދެކޮޅުވެ، އޭރުގެ ސަރުކާރުގައި ތިއްބެވި ޢަދާލަތު ޕާޓީގެ ބޭފުޅުން އިސްތިއުފާދެއްވުމަށް ޕާޓީން ނިންމެވުމުން 5 މެއި 2015 ގައި ޑރ.ޝަހީމް އިސްލާމިކް މިނިސްޓަރކަމުން އިސްތިއުފާ ދެއްވިއެވެ. އަދި ޢަދާލަތު ޕާޓީން ވަކިވެވަޑައިގެން ވަޒީރުން ފެންވަރުގެ މަގާމެއްގެ ގޮތުގައި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ގެ މަގާމަށް ވަޑައިގަތެވެ. ޕޮރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް ސޮއި ވެސް ކުރެއްވިއެވެ. 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް، ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރައްވިއެވެ. ގިނަ ޕާޓީތައް ބައިވެރިވާގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަންވީ ފަހުން ރިޔާސީ އިންތިޚާބެއް އެއްބުރުން ކާމިޔާބު ކުރެއްވުނު ފުރަތަމަ ކެނޑިޑޭޓަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެފަހަރު ވެވަޑައިގަތެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގާތްވެގެން އައިއިރު ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ޤާސިމް އިބްރާހީމްގެ ރަނިން މޭޓަކަށް ވެވަޑައިގަންނަވާނެ ކަމަށް އެންމެބޮޑަށް ބެލެވުނީ ޑރ.ޝަހީމެވެ. ނަމަވެސް ފަހުން ޤާސިމް އިބްރާހީމް ޚިޔާރު ކުރެއްވީ ޑރ.ޢަމީން އިބްރާހީމެވެ. އެފަހަރުގެ އިންތިކާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ކެނޑިޑޭޓް ކާނަލް ނާޒިމްގެ ރަނިން މޭޓުންގެ ގޮތުގައި ލިސްޓްކުރެވުނު ނަންތަކުގެ ތެރޭގައިވެސް ޑރ.ޝަހީމް ހިމެނިވަޑައި ގަތެވެ. ނަމަވެސް ކާނަލް ނާޒިމް ވެސް ޚިޔާރު ކުރެއްވީ އެހެން ބޭފުޅެކެވެ. ހަމަ އެފަހަރުގެ އިންތިޚާބުގައި އަދާލަތު ކޯލިޝަންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙްގެ ރަނިން މޭޓަކަށް ވެވަޑައި ގަތުމަށް ވެސް ޑރ.ޝަހީމް މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި ޢަދާލަތު ޕާޓީގެ ބައެއްބޭފުޅުން އެކަމަށް ވަރަށް މަސައްކަތް ކުރެއްވި ނަމަވެސް އެފަހަރު ރައީސް އިބޫ ވެސް ހޮއްވެވީ އެހެން ނަމެކެވެ. ރަނިންމޭޓްކަން ހުސްވުމުން 26 އޯގަސްޓް 2023 ވަނަ ދުވަހުގެރޭ ފުވައްމުލަކުގައި ބޭއްވި، ޑރ.މުޢިއްޒުގެ ކެމްޕެއިން ޖަލްސާއިން މުޢިއްޒުގެ ޓީމައި ގުޅިވަޑައިގެންނެވިއެވެ. އަދި އެފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ޑރ.މުޢިއްޒު އުފެއްދެވި ސަރުކާރުގެ އިސްލާމީ ކަންތައްތަކައި ބެހޭ ވަޒީރުގެ މަގާމަށް ޑރ.ޝަހީމް އައްޔަން ކުރެއްވިއެވެ. އެފަހަރު ޝަހީމްގެ އަރިސް ބޭފުޅުންނާއި އާއިލާގެ ގިނަ ބޭފުޅުން ތަކެއް ސިޔާސީ މަގާމުތަކަށް އައްޔަން ކުރެއްވުމަށް ރައީސަށް ދަންނަވައިގެން އެކަން ހާޞިލު ކުރެއްވިއެވެ. އެގޮތުން މާލޭ ސަރަހައްދުގެ ޞިއްހީކަންކަން ބަލަހައްޓާ ކޯޕަރޭޝަންގެ ބޯޑް މެންބަރަކަށް އަނބިކަނބަލުން އަދި މެލޭސިޔާގައި ހުންނަ ދިވެހި އެމްބަސީގެ މަގާމަކަށް ދަރިކަލުން އައްޔަން ކުރެއްވިއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ޝަހީމް މާކެޓް ކުރުމުގެ މަސައްކަތް ކުރައްވާ ބެފުޅުންނާއި ޒަމާނުއްސުރެން އެންމެ އަރިހުގައި އުޅުއްވާ "ބޯއީސް" އިސްލާމިކް މިނިސްޓްރީގެ ތަފާތު މަގާމުތަކަށް އައްޔަން ކުރައްވައި އެތަން ސިޔާސީ ޖަގަހަ އަކަށް ހެއްދެވިއެވެ.
ޑރ.ޝަހީމް ބޭނުންފުޅުވާ ގޮތަށް ހުރިހާ ކަމެއް ނުދާތީ ވަކިވެވަދައިގެންނެވިތާ 10 އަހަރު ފަހުން އަނެއްކާވެސް ޢަދާލަތު ޕާޓީއާއި ދާދިފަހުން ގުޅިވަޑައިގެން ދެން އަންނަ ދައުރެއްގެ ޢަދާލަތު ޕާޓީ ރައީސްއަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން މިހާރު ވަނީ ފާޅު ކުރައްވާފައެވެ. ވަޒީރެއްގެ މަގާމުގައި ހުންނަވާ، ޑރ.މުޢިއްޒުގެ ސަރުކާރަށާއި ޚުދު ޑރ.މުޢިއްޒުއަށް އެންމެ ބޮޑަށް ފާޑުކިޔާ ޢަދާލަތު ޕާޓީއާއި ޑރ.ޝަހީމް ގުޅިވަޑައިގަތުމަކީ އެމަނިކުފާނުގެ އިޚްލާޞްތެރިކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދާ ވެސް ކަމެކެވެ. ނަންހާމަ ކުރަން ބޭނުންނުވާ، ޑރ.ޝަހީމްގެ އަރިސްބޭފުޅަކު ވިދާޅުވީ، 2028 ގެ ރިޔާސީ އިންތިޚާބު އަންނައިރަށް ޢަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ޑރ.ޝަހީމް ހުންނެވީމައި އެއިންތިޚާބުގައި ރައީސް ޑރ.މުޢިއްޒުގެ ރަނިންމޭޓަކަށް ޑރ.ޝަހީމް ނެންގެވުންނޫން ގޮތެއް ރައީސަށް ނުއޮންނާނެ ކަމަށް ޑރ.ޝަހީމް ދެކެވަދައިގަންނަވާ ކަމުގައެވެ. ކޯލިޝަނަކަށް ޢަދާލަތު މުހިންމުވާނެތީއެވެ. އަދި ޢަދާލަތު ޕާޓީން އެމްޑީޕީއާއި ކޯލިޝަން ހެދި ނަމަވެސް ރަނިންމޭޓްކަން ޢަދާލަތަށް ލިބި އެއީ ޑރ.ޝަހީމްކަމަށް ވެގެންދާނެ ކަމުގައެވެ.