logo
ކީއްކުރާ އޭޓީއެމެއް!
ސިޔާސީ
29 އޮކްޓޯބަރ 2025
2 މިނިޓް
117
Post image
ފައިސާ ރައްކާކުރުމަށާއި ދިރިއުޅުމުގެ އެހެނިހެން ބޭނުންތަކަށް ބޭންކުގެ ޚިދުމަތަކީ މިޒަމާނުގައި އެއާއި ނުލާ ނޫޅެވޭވަރުގެ މުހިންމު ޚިދުމަތެކެވެ. ކޮންމެ ރަށެއްގައި ދިރިއުޅުނު ނަމަވެސް ބޭންކުގެ ޚިދުމަތް މުހިންމެވެ. ރާއްޖެފަދަ ވަކިވަކި ރަށްތަކެއްގައި ކުދި އާބާދީތަކެއް ދިރިއުޅޭ ގައުމެއްގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭންކުގެ ބުރާންޗެއް ހުޅުވައި ހިންގުމަކީ ޚަރަދުގެ ގޮތުން ބަލާއިރު ދެކޮޅުޖެހޭ ކަމެއްނޫނެވެ. އެހެން ނަމަވެސް ރަށުގައި ތިބެގެން ބޭންކުގެ ޚިދުމަތް ވަރަށް މުހިންމެވެ. މިޒަމާނުގައި މިކަމަށް ވަރަށް ފަސޭހަ ހައްލެއް ވެއެވެ. އެއީ އޭޓީއެމެވެ. ދިވެހިރާއްޖޭގެ ގައުމީ ބޭންކުން އޭޓީއެމްގެ ޚިދުމަތްދޭތާ 25 އަހަރު ވެއްޖެއެވެ. ނަމަވެސް އޭޓީއެމްގެ ކިދުމަތް އޮތީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑއިގެންނެވި އިރު، 200 ވަރަކަށް ރަށުގައި މީހުން ދިރިއުޅޭ މިގަމުގައި އޭޓީއެމްގެ ޚިދުމަތް ލިބެނީ އެންމެ 85 ރަށުގައެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދެއްވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢްދެކެވެ. އެމަނިކުފާނުގެ ރިޔަސީ ދައުރުން 2 އަހަރު ކަޑައްތު ނުކުރެވެނީސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިވަނީ އޭޓީއެމްގެ ޚިދުމަތް ދީނިމިފައެވެ. 9 މަސްދުވަހުގެ ތެރޭގައި 20 އަތޮޅެއްގައި 105 އޭޓީއެމް ބަހައްޓައިގެންނެވެ.
ސަރުކާރާ ދެކޮޅު މީހުން އަޑަށް ބާރުލާފައި ގޮވާ އެއްވާހަކަ އަކީ ކީއްކުރާ އޭޓީއެމެއް ހެއްޔެވެ. މިޒަމާނަކީ ޑިޖިޓަލް ޒަމާން ކަމުގައެވެ. ފައިކޭޓުގައި ފައިސާ ގެންގުޅޭ ޒަމާނެއް ނޫންކަމުގައެވެ. ވީއިރު އޭޓީއެމުން ފައިސާ ނަގައިގެން ގެންގުޅެނީ ކޮންބައެއް ހެއްޔެވެ. އެމްޑީގެ މީހުން މިފަދަ ގޮވެލިތައް ގޮވާއިރު އޭޓީއެމަކީ ކީއްކުރާ އެއްޗެއްކަން ނޭގެނީއެވެ. ނުވަތަ އެނގިތިބެގެން ރައްޔިތުން ގުނބޯހައްދަނީއެވެ. އެމްޑީޕީގެ އެކްޓިވިސްޓުންނަކީ ގޮވާ ގުރާތަކެއް ފަދަ ބައެކެވެ. އެވެރިންގެ ބޮޑުން ގޮވާއެއްޗެއް އެގޮވާ ގޮތަށް ގޮވާބައެކެވެ. އެހެންވީމާ ގޮވާނަގަނީ ކީއްކުރާ އޭޓީއެމެއް ހެއްޔެވެ. މިޒަމާނުގައި އޭޓީއެމްގެ ބޭނުން މީހުން ކުރަނީ ހަމައެކަނި ފައިސާ ނަގާކަށް ނޫނެވެ. ފައިސާ ޖަމާކުރަނީ ވެސް އޭޓީއެމުންނެވެ. ރާއްޖޭގެ ރަށެއްގައި ދިރިއުޅޭ މީހުން އެމީހުނަށް ލިބޭ ފައިސާކޮޅު ޖަމާކުރަން ކައިރީގެ ރަށްރަށަށް ދަތުރު ކުރުމުގެ ތަކުލީފު ނިމުމަކަށް ގެނެސް ދެއްވީ މި ސަރުކާރުންނެވެ. ރަށެއްގައި ވިޔަފާރި ކުރާމީހާއަށް އޭނަގެ ފިހާރައަށް ލިބޭ ފައިސާ ޖަމާކުރަން ދާން ޖެހިފައިއޮތީ ކައިރީގެ ކޮންމެވެސް ރަށަކަށެވެ. މިޒަމާނަކީ ވިޔަފާރި މުދާގަންނަން މާލެނުގޮސް އޮންލައިންކޮށް އޯޑަރދީގެން ރަށަށް މުދާ ފޮވައިދޭ ޒަނާމެވެ. އެފަދަ އޯޑަރުތަކަށް ފައިސާ ދައްކަން ޖެހެނީ ވެސް އޮންލައިން ކޮށެވެ. ވީއިރު ވިޔަފާރިވެރިޔާ އޭނާގެ ފިހާރައަށް ލިބޭ ފައިސާ ގޭގެބޮޑު ފޮށީގައި ބަހައްތައިގެން އޮންލައިންކޮށް ފައިސާ ދެއްކޭނީ ކިހިނެއްހެއްޔެވެ. މިސަބަބާހުރެ އެފަދަ ފަރާތްތަކަށް ރަށުގައި އޭޓީއެމެއް ބެހެއްޓުމަކީ ވިޔަފާރިއަށް ފަސޭހަ ވެފައި ވަގުތާ ޚަރަދު ވެސް ސަލާމަތްވާނެ ކަމެކެވެ. ހަމަ އެހެންމެ ރަށްރަށުގައި ތިބެގެން އެކިއެކި މަސައްކަތްތައް ކުރާ ފަރާތްތަކަށް ވެސް އެމީހުންގެ ބޭނުންތަކަށް ގަންނަ މުދާ އޮންލައިންކޮށް ގަނެވޭނީ އެކައުންޓްގައި ފައިސާ ހުރެގެންނެވެ. ރަށުގައި ހުރެގެން އެކަން ކުރުމަށް އޮތް އެންމެ ފަސޭހަ އިތުބާރު ވަސީލަތަކީ އޭޓީއެމެވެ. ބޭންކަށް ފައިސާ ޖަމާކުރަން އުފުލަން ޖެހޭ ތަކުލީފު ބޮޑުވުމުގެ ސަބަބުން ގޭގައި ފައިސާ ގެންގުޅުމަކީ މިޒަމާނުގައި ރައްކަތެރި ކަމެއްވެސް ނޫނެވެ. ހަމަ އެހެންމެ ބޭންކަށް ޖަމާނުކޮށް ގޭގައި ފައިސާ ގެންގުޅޭނަމަ ބޭންކިން ސިސްޓަމުގައި ދައުރުވާ ފައިސާ މަދުވެ އެކަމުގެ ގެއްލުން މުޅިގައުމުގެ އިގުތިސާދަށް ވެސް ކުރާނެއެވެ. ދިވެހިރާއްޖެ ފަދަ ގައުމެއްގައި އިގުތިސާދަށް އޭޓޭއެމްގެ ފައިދާ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ނޭގުމަކީ ރައީސް ޑރ.މުޢިއްޒުގެ ކުށެއް ނޫނެވެ. އެމްޑީޕީގެ ވެރިކަމުގައި އެކަން ނުކުރެވުމަކީ ވެސް އަދި އެމްޑީޕީގެ އިސްފަރާތްތަކަށް އޭޓީއެމަކީ ކީއްކުރާ އެއްޗެއްކަން ނޭގުމަކީ ވެސް ރައީސް ޑރ.މުޢިއްޒުގެ ކުށެއްނޫނެވެ.