"ފިކުރު"ގެ ހޮޅުއަށީގައި މިފަހަރު ކިއުންތެރިންނަށް މި ހުށަހަޅާލާ ޝަޚުޞިއްޔަތަކީ ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ނައިބުރައީސް އަލްފާޟިލް ފައިޞަލް ނަސީމެވެ. 20 އޯގަސްޓް 1973 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ފައިޞަލް ނަސީމަކީ ފުވައްމުލަކު ފުނާޑު އަވަށަށް ނިސްބަތްވާ ބޭފުޅެކެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ފުވައްމުލަކު މެންބަރަކަށް އިންތިޚާބުވެ ވަޑައިގެންނެވުމާއި ހަމައަށް އިޖުތިމާޢީ ޚިދުމަތެއްގެ ގޮތުގައި ކުޅިވަރުގެ އެކިއެކި ހަރަކާތް ފުވައްމުލަކުގައި ހިންގަވައި އިޖްތިމާޢީ ޚިދުމަތްތެރިއެއްގެ ގޮތުގައި ޒުވާނުންގެ މެދުގައި މަގްބޫލުކަން ހޯއްދެވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެއްވި ފައިޞަލް ނަސީމަކީ ގިނަދުވަސްތަކެއް ވަންދެން ވިލާ ކުންފުނީގެ ތަފާތުއެކި އެކި މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެއާއެކު ވިލާ ގްރޫޕްގެ ބާނީ އަދި ޗެއަރމަން އޮންރަބްލް ޤާސިމް އިބްރާހީމް އުފެއްދެވި ސިޔާސީ، ޖުމްހޫރީޕާޓީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެން ޖުމްހޫރީޕާޓީގެ ކުޑައިގެދަށުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެންބަރަކަށް އިންތިޚާބުވެވަޑައިގެންނެވިއެވެ. ސިޔާސީ ދާއިރާގައި އުޅުއްވަމުން ވެސް ފަތުރުވެރިކަމުގެ ދާއިރާގައި އުޅުއްވިއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނިމުމާއި ހަމައަށް ހުންނެވީ ވިލާ ކުންފުނީގެ ރިސޯޓްތަކުގެ މަސާޖުޕާލާތައް ހިންގެވުމުގެ އިސް މީހެއްގެ ގޮތުގައެވެ.
ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ދިވެހިރާއްޖޭގެ ސިޔާސީޕާޓީތައް ތެދުވެ އުފެއްދި ކޯލިޝަނުން 2018 ގެ ރިޔާސީ އިންތިޚާބަށް އެކުލަވާލި ޕްލޭނުގައި އެފަހަރުގެ އިންތިޚާބުގައި ރަނިންމޭޓްކަން ޖުމްހޫރީޕާޓީއަށް ދޭން އެއްބަސްވިއެވެ. އެ މަގާމަށް މީހަކު އައްޔަން ކުރުމުގެ ކުރިހާ އިޚްތިޔާރަކާއި ބާރެއް ޖުމްހޫރީޕާޓީއަށް ދިނެވެ. ރަނިންމޭޓަކު ކަނޑައެޅީ ޖުމްހޫރީ ޕާޓީގެ ކައުންސިލުންނެވެ. ވާދަ ކުރެއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޛް ޢަލީ ޙުސައިންނާއި ފައިޞަލް ނަސީމެވެ. ރަނިންމޭޓް ކަނޑައަޅަން ބޭއްވި ބައްދަލުވުމުގައި، ފައިޞަލްގެ ކޮއްކޮ ގައިޞަރު ނަޞީމް މެނޭޖަރަކަށް ހުރި، ވިލާކުންފުނީގެ ރެސޯޓެއްކަމަށްވާ ޕެރަޑައިސްގައި ވަޒީފާ އަދާކުރަމުންދިޔަ، ޖުމްހޫރީޕާޓީގެ ކައުންސިލްގައި ނުހިމެނޭ މީހަކު ކައުންސިލް ކޮންމެވެސް މެންބަރެއްގެ ނަމުގައި، ކައުންސިލް ބައްދަލުވުމަގައި ބައިވެރި ކުރުވައިގެން 1 ވޯޓްގެ ތަފާތުން އަލްއުސްތާޛް އަލީ ޙުސައިންގެ މައްޗަށް ކުރި ހޯއްދަވައި 2018 ގެ ރިޔާސީ އިންތިޚާބުގެ ރަނިންމޭޓްކަން ފައިޞަލް ނަސީމް ހޯއްދެވިއެވެ. ދިވެހި ދައުލަތުން މިހާތަނަށް ކުރި އެންމެބޮޑު ވައްކަމުގެ ސަބަބުންނާއި ސިޔާސީ ދާއިރާގެ އެންމެން ޖަލަށް ލުމުގެ ސަބަބުން އޭރުގެ ރައީސް، ރައީސް ޔާމީނާއި ދެކޮޅު ރޫހެއް ހއ.ތުރާކުން ފެށިގެން އައްޑުއަތޮޅުގެ ނިޔަލަށް އޮތީ އުފެދިފައެވެ. ނަތީޖާއެއްގެ ގޮތުން އެފަހަރުގެ ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރިއެވެ. ރައީސަކީ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. ނައިބު ރައީސަކީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ފައިޞަލް ނަސީމެވެ. ރިޔާސީ އިންތިޚާބު ނިމި 17 ނޮވެމްބަރު 2018 ގައި ރައީސާއި ނައިބު ރައީސް ހުވާ ކުރެއްވި ހިސާބުން ފައިޞަލް ނަސީމް ޖުމްހޫރީޕާޓީއާއި ފެއަށް ޖެހިވަޑައިގެންނެވިއެވެ. އެ ޕާޓީގެ އެއްވެސް ބައްދަލުވުމަކަށް ވަޑައެއް ނުގަންނަވައެވެ. އަދި ޕާޓީގެ އެއްވެސް ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެ ވަޑައިގަތުން ހުއްޓަވާލެއްވިއެވެ. ކެޔޮގަނޑު ކަނޑާލާފައި ހުރި ގަހެއްގެ ގޮތުގައި ޖުމްހޫރީޕާޓީއާއި މެދު ޢަމަލު ކުރައްވަން ފެއްޓެވިއެވެ. އަދި ދައުރުގެ ވަކި ހިސާބަކުން ޖުމްހޫރީޕާޓީން ވަކިވެޑައިގެން އެމްޑީޕީއާއި ގުޅިވަޑައިގެންނެވިއެވެ.
ފައިޞަލް ނަސީމާއި މެދު ބައެއްމީހުން ބުނާތީ އަހަމެވެ. ކިހާ އިޚްލާޞްތެރި ބޭފުޅެއްހެއްޔެވެ. ފައިޞަލް ނަސީމްގެ އިޚްލާޞްތެރިކަން ބިނާވެފައި އޮތީ މަގާމު ދިފާއުކުމުގެ މައްޗަށެވެ. ޖުމްހޫރީޕާޓީ ގެ ސޮލެޓެއްގައި ލިބުނު ނައިބުރައީސްކަމުގައި ހުންނަވައިގެން ޖުމްހޫރީޕާޓީ ދޫކުރައްވާފައި އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ ވެސް އިޚްލާޞްތެރިކަމުން ކަމަށްވާނަމަ އިޚްލާޞްތެރިކަމަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ. ސިޔާސީ ގޮތުންނާއި މާލީގޮތުން ބާރުވެރިކަން ނެތުމުގެ ސަބަބުން ނެގިމަޑުވެފައި ހުންނެވުމަކީ އިޚްލާޞްތެރި ކަމެއްނޫނެވެ. މަޝްހޫރު ދިވެހިލަވައެއްގައި ކިޔާތީ އަޑުއެހީމެވެ. "ރަނގަޅު ގެރި ބަކަރިވެސް ދަނެޔޭ އެއަށް ކާންދީ އުޅޭ ސާހިބު" ހަގީގީ އިޚްލާޞްތެރިކަމަކީ މިއީއެވެ. ރައްޔިތުންގެ މަޖިލިސް މެންބަރުކަމާއި ގައުމުގެ ނައިބު ރައީސް ލިބުނީ ޤާސިމް އިބްރާހީމް ތަބަކަށްލާފައި ދިނީމައެވެ. ކާންދޭ އަތުގައި ދަތް އެޅުމަކީ އިޚްލާޞްތެރިކަން ވެއްޖެއްޔާ ފައިޞަލް ނަސީމަކީ އިޚްލާޞްތެރިކަމުގެ ނަމޫނާ ބޭފުޅެކެވެ. 2023 ގެ ރިޔާސި އިންތިޚާބު ބޯމަތިވަމުން އައި ދުވަސްވަރު ފައިޞަލް ނަސީމްގެ އާއިލާތެރޭގައި ހިނގާދިޔަ ކަމަކާއި ގުޅިގެން، ބޮޑު ޖަރީމާއެއް އޮއްބާލަން މަސައްކަތް ކުރީ އެފަހަރުގެ ނައިބު ރައީސްކަމަށް ހިޔަނި އެލިދާނެތީއެވެ. އެއިގެ ސަބަބުން އެފެދުނު ހައިޖާނުގެ ސަބަބުން އެއާއިލާގައި ޒަމާނުއްސުރެންއޮތް ބަދަހިކަން ވަނީ ނެތިގޮސްފައެވެ. މިއަދު ފައިޞަލް ނަސީމާއި ދެކޮޅަށް އެންމެ ފުރަތަމަ ރުކުރުވާލެވޭ ލަޝްކަރަކަށް ފައިޞަލްގެ އެއްބަނޑު އެއްބަފާ ކޮއްކޮމެން ވުމީ އިޚްލާޞްތެރިކަން ނެތުމުގެ ނަތީޖާއެވެ. 2023 ގެ ރިޔާސީ އިންތިޚާބަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓަކަށް އައްޑޫ އަސްލަމް ކަނޑައެޅި ހިސާބުން ރައީސް ޞާލިޙްއާއި ދެކޮޅަށް އިންތިކާބުގައި މަސައްކަތް ކުރެއްވިއެވެ.