މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަކީ 2013 ވަނަ އަހަރު ރަޢީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ސައްތައިން ސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ކުންފުންޏަކީ ކުންފުނީގެ ދަރަންޏާއި އަރަންޏަށް ޒިންމާވާން ޖެހޭ މިނިވަން މުސްތަގިއްލު ވަކި މުއައްސަސާއެކެވެ. ކުންފުނީގެ ކަންކަން ހިންގާނެގޮތް ކަނޑައަޅައި ހިންގަން ކުންފުނީގެ ބޯޑެއްއޮވެއެވެ. ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްވީމަ، ކުންފުނީގެ ބޯޑ ުގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ މެންބަރުންނެވެ. އެހެން ނަމަވެސް ދިވެހި ދައުލަތުގެ އެހެނިހެން ކުންފުނިތަކާއި ޚިލާފަށް ހައްޖު ކޯޕަރޭޝަން ފެންނަނީ ވުޒާރާއެއްގެ ސެކްޝަނެއްގެ ގޮތުގައެވެ. އެއީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ އެ ވުޒާރާގެ ސެކްޝަނެކެވެ. އަބަދުވެސް ހައްޖު ކޯޕަރޭޝަނާއި ބެހޭ ގޮތުން ބަސް ބުނާ ފަރާތަކަށް ވެފައި އޮންނަނީ މި ދެންނެވި ވުޒާރާއެވެ. ފަހަރެއްގައި ދީނުގެ ކަމަ ކަށްވީތީ ކަމަށް ވެސް ވެދާނެއެވެ. އެހެން ކަމަށްވާނަމަ އާއިލާއާއި ބެހޭ ކޯޓް ވެސް ހިންގަން ޖެހޭނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ދަށުންނެވެ. ވަރި ކައިވެންޏާއި ތަރިކަ މުދާބެހުން ފަދަ ކަންކަމީ އިސްލާމީ ޝަރީއަތުގައި އޮތް ކަންކަމެވެ. އަދުލު އިންސާފު ގާއިމު ކުރުމަކީ ވެސް އިސްލާމީ ޝަރީއަތުގައި އޮތް ކަންކަމަށް ވީހިނދު ޝަރުއީ ކޯޓްތައް އެ ވުޒާރާގެ ބެލުމުގެ ދަށުން ނުހިންގަނީ ކީއްވެގެންބާއޭ ހިތަށް އަރައެވެ.
ހައްޖާއި އުމްރާއަށް ދާން ބޭނުންވާ މީހުން ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީ ކުރުމަށްފަހު އެކިފަހަރު މަތިން ނުވަތަ އެއްފަހަރާ ފައިސާ ދެއްކޭނެ އިންތިޒާމު، އެ ކޯޕަރޭޝަނުންވަނީ ހަމަ ޖައްސަވައި ދެއްވާފައެވެ. ދިވެހިރާއްޖޭގައި، ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ފާލުން ނެއްޓި، އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން ސަރުކާރުން ނިންމީ ހައްޖަށް މީހުން ގެންދިއުމަށް ދިވެހިރާއްޖެއަށް ލިބޭ ހުރިހާ ޖާގައެއް ހައްޖު ކޯޕަރޭޝަނާއި ހަވާލުކޮށްގެން، އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ދިވެހި ރައްޔިތުން ހައްޖަށް ގެންދިއުމުގެ ކަންކަން ކުރިއަށް ގެންދާށެވެ. ހައްޖަށް ގެންގޮސްދޭން ކަނޑައަޅުއްވާފައިވާ އަދަދަށް ފައިސާ ދެއްކުމުން ހައްޖަށް ގެންގޮސްދޭ ގޮތަށެވެ. އާއްމުކޮށްފައި އޮންނަ އުސޫލަކީ ރަޖިސްޓްރީ ތަރުތީބުން މީހުން ހައްޖަށް ގެންގޮސްދިނުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ކިއު ތަރުތީބުންނެވެ. ނަމަވެސް ޢަމަލު ކުރަނީ ސީދާ މި އުސޫލުންނޭ ދެންނެވޭކަށްނެތެވެ.
ހައްޖަށް ދާން ދިވެހިންނަށް ލިބޭ ޖާގަ ބެހުން މި އޮންނަނީ މަސްދޯނި ފަހަރުގެ މަސްބަހާ އުސޫލުންނެވެ. ތ ެލަށް ބައެއް އޮޑިއަށް ބައެއް ފަޅުވެރިންނަށް ބައެކެވެ. ހައްޖު ކޯޕަރޭޝަނުން ބަހަނީ ކޯޕަރޭޝަންގެ ކިއުއަށް ބައެއް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއަށް ބައެއް، ސަރުކާރުގެ އެހެން މުއްސަސާތަކަށް ބައެކެވެ. އަޅުގަނޑުގެ ސުވާލަކީ ސަރުކާރުން ހައްޖަށް ފޮނުވަންޖެހޭ ޚާއްޞަ ބަޔަކު ތިބެންޖެހޭތޯއެވެ؟ ސަރުކާރުގެ ކުންފުންޏެއްގެ މީހަކަށް ވީތީ މަޖިލިސް މެންބަރަކަށްވީތީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވެރިންގެ ގާތް މީހަކަށްވީތީ، ރާއްޖެއަށް ލިބޭ މަދު ޖާގައިން ބައި އަޅަންޖެހޭތޯއެވެ؟ ސަރުކާރުން ޙައްޖަށް ފޮނުވަން ޖެހޭ މީހަކު ނުވަތަ ބަޔަކު ތިބެގެން ނުވާނެއެވެ. ކޯޕަރޭޝަނުން ގެންދަން ޖެހޭ އެހީތެރިންނާއި އިންތިޒާމުވެރިންނަށް ބޭނުންވާ ޖާގަ ނެގުމަށްފަހު ކޯޕަރޭޝަންގެ ރަޖިސްޓަރީ ކިއުތަރުތީބުން ޖާގަ ދޭންޖެހެއެވެ. ހައްޖަށް ދެވޭނެ މާލީ ތަނަވަސްކަންނެތް ފަރާތްތައް ހައްޖަށް ފޮނުވައި ދިނުމުގެ ކެރިފޯރުންތެރިކަން ދައުލަތުގައި ހުރެއްޖެއްޔާ އެކަން ކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ކޮންމެ އަހަރަކު، ފަގީރުންގެ ތެރެއިން 50 މީހަކު ހައްޖަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ މި ދެންނެވި އުސޫލުން ނިންމެވި، ނިންމެވުމެއް ކަމަށްފެނެއެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް އެންމެ އިންސާފުވެރި ގޮތަކީ މީހަކު ހައްޖަށް ގެންގޮސްދޭ އަ ގު ން 50 މީހުނަށް ޖެހޭވަރު ހައްޖު ކޯޕަރޭޝަނަށް ދެއްކުމަށްފަހު އެ 50 މީހުން ވެސް ހައްޖު ކިއުމަށް ލުމެވެ. އަމިއްލަ މަސައްކަތުން އެއްކުރި ފައިސާ ކޮޅުން، ހައްޖަށްދާން ފައިސާ ދައްކާފައި އެތައްހާސް ބަޔަކު ދިހަބާރަ އަހަރު ކިއުގައި ތިބީތީއެވެ. ދެން އޮތީ ސަރުކާރު ކުންފުނިތަކުން ހައްޖަށް ފޮނުވާ މީހުންނެވެ. އެމީހުން ވެސް މި އުސޫލުން ކިއުއަށް ވައްދައިގެން، ކިއު ތަރުތީބުން ދެވެންވީމައި ދާނެތާއެވެ. ކުންފުނީން ފައިސާދައްކާފައި ކިއުއަށް ވެއްދުމުން ނިމުނީއެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުޞަތު މިއޮ ތީ ހަމައެކަނި ޙައްޖު ކޯޕަރޭޝަނެވެ. ވާދަވެރި މާހައުލެއް ނެތް ކަމެއްގައި އިޝްތިހާރު ކުރުމުގެ ބޭނުމަކީ ކޮބާތޯ އުފެދޭ ސުވާލަށް ވެސް ކޮންމެވެސް ޖަވާބެއް ލިބެން ޖެހެއެވެ. މިވާހަކަ ދައްކަން ޖެހެނީ އެތައްހާސް ބަޔަކު ކިއުގައި ތިބިއިރު، ރާއްޖެއަށް މި ލިބޭ ހާހެއްހާ ޖާގައިން ހައެއްކަ ޖާގަ ރާއްޖޭގެ މީޑިއާތަކަށް ދީގެން އެމީހުން ގެންދަން ޖެހެނީ ކީއްވެގެންތޯ ސުވާލު އުފެދޭތީއެވެ. ދައުލަތުގެ މީޑިއާއިން ވިޔަސް ޙައްޖުގެ ޚަބަރެއް ގެނެސްދޭން ޖެހެނީ ޓީވީ ނުވަތަ ރޭޑިއޯގެ މީހަކު މައްކާގައި ހުރެގެން ކަމަށް ދައުލަތުގެ މީޑިއާއިން ދެކޭނަމަ އެއީ ހައްލުކުރަން ޖެހޭ މައްސަލައެ ކެވެ. ނިންމާލަމުން އަދި ވެސް ގިނަބައެއްގެ ކަންބޮޑު ވުމެއް ހިއްސާ ކޮށްލާނަމެވެ. ޙައްޖަށް ދާމީހުން ސައޫދީ އަރަބިޔާގައި ތިބެންޖެހޭ މުއްދަތު މިހާރު މިއޮތީ ކުރިއާއަޅާ ބަލާއިރު ކުޑަ ވެފައެވެ. މާނައަކީ ހައްޖާޖީންނަށް، ޙައްޖު ކޯޕަރޭޝަނުން ކުރަންޖެހޭ ހޭދަ ކުޑަވެގެން ދިއުމެވެ. ވީއިރު މަސްދުވަހުގެ ދަތުރެއްގެ ޚަރަދަށް ނ ަ ގާފައި ހުރި ފައިސާއިން، ޚަރަދު ކުޑަވި ބައި ގެ މަންފާ ފައިސާ ދައްކާ މީހުނަށް ކުރަން ޖެހޭނެއެވެ. ދެން އޮތީ ކިއުގައި ތިބޭމީޙުން ފަހަތަށް ސޮއްސާލާ ކަމުގެ ކަންބޮޑުވުމެވެ. ކިއުގެ ފަހަތުން ނުނަގާނަމަ ކިއުގައި ތިބޭ މީހުން ފަހަތަށް ސޮއް ސާލަނެ ގޮތެއް ނެތެވެ.