ރާއްޖޭގައި ގިނަޕާޓީތައް ހަރަކާތްތެރިވާ ސިޔާސީ ނިޒާމެއް ގާއިމު ކުރެވުނުތާ 20 އަހަރުވީއެވެ. އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ޕާޓީ ވަނީ އުވިގެން ގޮސްފައެވެ. އެއީ ދިވެހި ރައްޔިތުންގެ ޕާޓީއެވެ. ދެވަނައަށް ރަޖިސްޓްރީ ކުރީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެ ޕާޓީގެ އުމުރުން ވެސް 20 އަހަރުވީއެވެ. އެއީ މިހާރު ރާއްޖޭގައި އޮތް އެންމެ ދޮށީ ޕާޓީއެވެ. އެތެރޭގައި ކިތަންމެ ބައިބައިވުން ބޮޑު ނަމަވެސް، ޑީއާރުޕީ އާއި ޚިލާފަށް އެމްޑީޕީ މިހާތަނަށް އަދި އެގޮތުގައި އެބައޮތެވެ. އެ ސިޔާސަތެވެ. އެ ވިސްނުމާއި ފިކުރެވެ. ހުޅަގުގެ ދޮންފަރަންޖީންގެ ގޮތާއި ފޮތެވެ. ގައުމާއި މިނިވަންކަން ކުރުބާން ކޮށްފައި ވިޔަސް ވެރިކަން ހޯދުމުގެ ސިޔާސަތެވެ. އެއަކަށް ބަދަލެއް ނާދެއެވެ. ބަދަލުވަނީ ލިޑަރުންވެ.
ނުފެތޭނެ ކަމަށް ބުނާ އެމްޑީޕީގެ އޮޑި ކަނޑުވެދާނެ ކަމުގެ އަލާމާތްތައް މިހާރު ދަނީ ފެންނަމުންނެވެ. ބަދަހި ކަމަށް ދައުވާ ކުރާ އެސަފުތައް ދަނީ ރޫޅެމުން ވިއްސިވިހާލި ވަމުންނެވެ. މިއަދު އެއީ ރާއްޖޭގައި އޮތް، އެތެރޭގެ ކޯޅުން އެންމެބޮޑު ޕާޓީއެވެ. މައިގަނޑު 3 ފެކްޝަނެއް އެޕާޓީގައި އެބައޮތެވެ. އެއްބަސް ވެވޭ ކަންތައްތަކެއް ހުރި ނަމަވެސް އާރާއި ބާރު ހޯދުމުގައި އެއްބަޔަކު އަނެއްބަޔަކާއި ކަރުހިފަނީއެވެ. އެމްޑީޕީގެ ހާލަތު އެންމެ ރަނގަޅަށް ފެނިގެން ދިޔައީ އެޕާޓީގެ 20 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ބޭއްވި ހިނގާލުމުންނެވެ. ހުޅުމާލޭގައި ބޭއްވި އެ ހަރަކާތަކީ މީގެ ކުރިން ނަމަ ހުޅުމާލެ ފުރާލާނެ ހަރަކާތެކެވެ. އެމްޑީޕީގެ މައިގަނޑު 3 ފެކްޝަނުގެ ތެރެއިން ރައީސް އިބޫގެ ފެކްޝަނުން އެކަނި ބައިވެރިވި އެހަރަކާތުން ފެނިގެން ދިޔައީ ވަރަށް މަދު މީސްކޮޅެކެވެ. މަދަނީ ޖަމްއިއްޔާތަކުން ބާއްވާ ދުވުން ނުވަތަ ހިނގާލުންތައް ވަރުވެސް ނުވިއެވެ. ނުވަތަ އިރު އޮއްސޭ ގަޑީގައި ޓްރެކް ދަނޑަށް ޖޮގިންއަށްދާ މީހުންގެ އަދުވެސް އެއަށްވުރެން ގިނައެވެ. އެމްޑީޕީގެ އުމުރުންވީ ކޮންމެ އަހަރަކަށް 8 މީހުންވަރު ބައިވެރިވި އެހަރަކާތަކީ މިހާތަނަށް އެމްޑީޕީން ބޭއްވި އެންމެ ވަނދު ހަރަކާތެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ދިވެހި ރައްޔިތުން އެމްޑީޕީ ދެކެ ފޫހިވެފައި ތިބި މިންވަރާއި އެޕާޓީގެ މަގުބޫލުކަން ގެއްލިފައިވާ މިންވަރު ހާމަވެގެންދިޔަ އެއްވުމެކެވެ. އެމްޑީޕީގެ ފިކުރަށް ރައްޔިތުން ފޫހިވެއްޖެކަން ކަށަވަރުވެގެންދިޔަ ކަމެކެވެ. އެމްޑީޕީގެ ދޮގު ދޮލަނގު ކުނިވެއްޖެކަން ކަށަވަރު ވެގެންދިޔަ ހަރަކާތެކެވެ. އެއިން ދުވާ ކުނިވަހަށް ރައްޔިތުން ދުރަށްދާން ފަށައިފިކަން ކަށަވަރު ކޮށްދިން މެސެޖެކެވެ. އެމްޑީޕީގެ ރަންރީނދޫ ކުލަ އައްވަށް ހިނގައްޖެކަން ޔަގީން ވެއްޖެއެވެ. މިހާރު އެއީ ފަނޑުވަމުން ނެތެމުންދާ ކުލައެކެވެ.